އަވަހަށް ޓެކްސް ބޮޑު ކުރުމަކީ މާނަވީ ގޮތެއްގައި އާމްދަނީ އިތުރު ކުރަން އެޅޭނެ ފިޔަވަޅެއް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑައިރެކްޓަރު ފާރިސް ހަދާދް ޒާވޯސް ވިދާޅުވެއްޖެއެވެ.

ފާރިސް މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުން ޓެކްސް ބޮޑު ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ގިނަ ބަޔަކު އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެންބަރުންވެސް ވަނީ އެކަމާ ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ފާރިސް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގު ބޮޑުވުމުގެ ސަބަބުން ދިވެހި ސަރުކާރުގެ ފިސްކަލް ޕޮޒިޝަނާއި ބެލެންސް އޮފް ޕޭމަންޓު ދަށްވެއްޖެ ކަމަށާއި އަވަހަށް ޓެކްސް ބޮޑު ކުރުމަކީ މާނަވީ ގޮތެއްގައި އާމްދަނީ އިތުރު ކުރުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.