ޓެކްސް ބިލު ފާސްވުމަކީ މަސައްކަތްތައް ކުރިއަށް ގެންދަން ލިބުނު އިތުރު ބާރެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިފަދައިން ވިދާޅުވެފައި ވަނީ އަންނަ އަހަރުން ފެށިގެން ޖީއެސްޓީ 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރަން 'މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު'އަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު، 55 މެންބަރުންގެ ވޯޓާއެކު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ފަސްވުމާ ގުޅިގެންނެވެ.

އަމީރު ވިދާޅުވީ މި ސަރުކާރު ވަނީ ފާއިތުވި އަހަރުތަކުގައި ދިމާވި ބޮޑެތި އިގްތިސާދީ ދަތިތަކުން އަރައިގަނެ ދުނިޔެއަށް މިސާލު ދައްކާފައި ކަމަށާއި ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް ހަމަހަމަކަމާއެކު މުޅި ރާއްޖެއަށް ބޭނުންވެފައިވާ އެތައް އުމްރާނީއާއި އިޖްތިމާއީ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް ޓެކްސް ރޭޓްސް މަޖިލީހުން ފާސްވެގެން ދިއުމަކީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތައް ބާރުމިނުގައި ކުރިއަށް ގެންދިއުމަށް ލިބުނު އިތުރު ބާރެއް ކަމަށްވެސް އަމީރު ވަނީ ވިދާޅުވެފައެވެ.

މިއަދު ޓެކްސް ބިލަށް ވޯޓަށް އަހާފައި ވަނީ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް މި ބިލަށް ވޯޓަށް އަހަން ތާވަލް ކުރުމަށްފަހުއެވެ. ހޯމަ ދުވަހު މި ބިލް ފާސް ކުރަން ތައްޔާރަށް ތިއްބާ މަޖިލީހުގެ ރިޔާސަތުން ވަނީ ކޯރަމް ނެތް ކަމަށް ބުނެ ޖަލްސާ ނިންމާލައިފައެވެ. އަދި އިއްޔެ ބޭއްވި ޖަލްސާގައި ވެސް އެ ބިލަށް ވޯޓަށް ނާހައި ރައީސް ނަޝީދު ވަނީ ޖަލްސާ ނިންމާލައިފައެވެ.