ސަރުކާރުން ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމުން ޓޫރިޒަމް ދާއިރާގެ ކޮންމެ މުވައްޒަފެއްގެ ސާވިސް ޗާޓުން ގާތްގަނޑަކަށް 2000 ރުފިޔާ މަދުވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބުނެފިއެވެ.

މަޓާޓޯއިން ބުނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް 50 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށާއި ޖީއެސްޓީއާއި ޓީޖީއެސްޓީ ނަގާ މިންވަރު 33 ޕަސެންޓް ބޮޑުވުމުން ރާއްޖޭގެ އިގުތިސޯދުގެ އެންމެ އުފެއްދުންތެރި ސިނާއަތްކަމުގައިވާ ރާއްޖޭގެ ޖުމްލަ އާމްދަނީގެ 74 ޕަސެންޓް ހިއްސާކުރާ ޓޫރިޒަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

ޓޫރިޒަމަށް ކުރާ ނޭދެވޭ އަސަރުގެ ތެރެއިން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނީ އެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށް ވެސް މަޓާޓޯއިން ވަނީ ފާހަގަކޮށްފައެވެ.

މަޓާޓޯއިން ބުނީ ސަރުކާރުން ކުއްލިއަކަށް ގެނައި މި ބޮޑު ބަދަލާ ގުޅިގެން އެކަން ބަދަލު ކުރަން ބޭރުގެ ޓުއާ އޮޕަރޭޓަރުން ވެސް ސަރުކާރަށް ލޮބީ ކުރަމުން އަންނަ ކަމަށާއި މި ހާލަތުގައި ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށް ޓެކްސް ބޮޑުކުރި ކުރުން ބަދަލު ކުރުމަށް މަޓާޓޯއިން ވަނީ ސަރުކާރަށް ގޮވައިލާފައެވެ. އަދި މަޓާޓޯއިން ވަނީ ޓޫރިޒަމް ދާއިރާއާ ގުޅޭ މިފަދަ ކަމެއް ނިންމުމުގައި އެ ދާއިރާގެ ފަރާތްތައް ބޭނުންވާ ގޮތައް ބެލުމެއް ނެތި ސަރުކާރުން މިފަދަ ނިންމުމެއް ނިންމުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަކީ އައިއެމްއެފާއި ވޯލްޑް ބޭންކުގެ އިރުޝާދަށް ފެށި ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި ނަމަވެސް އެ އިދާރާތަކާއެކު އެ ޖަމްއިއްޔާއިން ދެއްކި ވާހަކަތަކުން އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން އެނގިފައިވާ ކަން ފާހަގަކޮށް މަޓާޓޯއިންވަނީ ފިނޭންސް މިނިސްޓަރުކަމުގެ މަގާމު ފަދަ ޒިންމާތައް ބޮޑު މަގާމެއް އަދާކުރެއްވުމުގެ ގާބިލުކަން އޭނާ ކިބާގައި ނެތުމުން މަޖިލީހުން ފިޔަވަޅުއެޅުމަށް ގޮވައިލާފައެވެ.