ދައުލަތުން އުފުލި 32 ދައުވާއާ ގުޅިގެން އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް 11 އަހަރަށް ޖަލުހުކުމެއް އިއްވާފައިވާއިރު އޭނާ މިހުންނެވީ މާފުށީ ޖަލުގައި ކަމަށް ކަރެކްޝަނުން ބުނެފިއެވެ.
ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ. 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއި ހަމައަށްވެސް އޭނާ ހުރީ ގޭ ބަންދުގައެވެ.
ކަރެކްޝަނުން ބުނީ ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ހުކުމް އިއްވުމާއެކު ޒިޔަތު މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ޒިޔަތުގެ މައްޗަށް އުފުލާފައިވާ 32 ދައުވާއަކަށް އޭނާ ކްރިމިނަލް ކޯޓުގައި އެއްބަސްވެފައިވާ އިރު ޒިޔަތު ވިދާޅުވެފައި ވަނީ އެމަގާމުގައި ހުރެ އަމަލުކުރައްވަމުން ގެންދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަންގަވާ ގޮތުގެ މަތިން ކަމަށެވެ.
އޭގެ އިތުރުން ހިޔާނާތުގެ އެއްވެސް ފައިސާއެއް ސިދާ ގޮތަކަށް ވެސް އަދި ނުސީދާ ގޮތަކަށް ވެސް އޭނާއަށް ލިބިފައިނުވާ ކަމަށް ޒިޔަތު ވަނީ ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިިވިކަމަށް ޒިޔަތަށް ތުހުމަތުކުރާ ފައިސާގެ އަދަދު 781 މިލިއަން ރުފިޔާއަށް އަރައެވެ. ޒިޔަތުގެ މައްޗަށް ދައުލަތުން ކުރާ 32 ދައުވާގެ އަދަބަކީ 11 އަހަރަށް ޖަލަށް ލުން ކަމަށް ނިންމާފައިވާއިރު ޒިޔަތު ޝަރީއަތަށް އެއްބާރުލުން ދީ އިއުތިރާފު ވެފައި ވާތީ އޭނާގެ މައްޗަށް ކުރާ ހުކުމަށް ލުއިދޭން ވަނީ ނިންމާފައެވެ.
އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލައިފައި ވާއިރު، ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 7 ދައުވާއެއް އުފުލައި 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދީބު 20 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް އޭނާ ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވަނީ 19 އަހަރުގެ މުއްދަތެކެވެ. އެއީ އެ މައްސަލަތަކާ ގުޅިގެން އޭނާ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބަންދުގައި ހުންނެވި މުއްދަތު ހުކުމުގެ މުއްދަތުން އުނި ކޮށްފައި ވާތީއެވެ.