އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ.) އަށް މާނަހުރި އިސްލާހުތައް ގެނައުމަށާއި، އެ ޖަމިއްޔާގެ ތެރޭގައި އެންމެހާ ގައުމުތަކަށް ހަމަހަމަ ތަމްސީލުވުން ލިބިދިނުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ ދިވެހިރާއްޖެ އދ ގެ މެންބަރަކަށް ވިތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖުގައެވެ. ދިވެހިރާއްޖެއަށް އދ ގެ މެންބަރުކަން ލިބިފައިވަނީ 21 ސެޕްޓެމްބަރު 1965 ގައެވެ.

ރައީސްގެ މެސެޖުގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން (ސިޑްސް) އިސްކަންދޭ ކަންކަން ކުރިއެރުވުމަށާއި، ހަމަހަމަ ބައިވެރިންގެ ގޮތުގައި އެ ގައުމުތަކުގެ މާނަހުރި ބައިވެރިވުން ކަށަވަރުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމުގައި ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށާއި މޫސުމީ ވިލުންތެރިކަން ލިބިފައިވާ ބައިނަލްއަގުވާމީ އިގުތިސާދެއް ބިނާކުރުމުގައި ސިޑްސްގެ ގައުމުތަކުގެ އަޑު މާނަހުރި ގޮތެއްގައި އިއްވުމަށް ޓަކައި އދ އާއެކު އޮތް ގާތް ގުޅުން ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މީގެއިތުރުން މޫސުމީ ވިލުންތެރިކަމަށް ވަކާލާތުކުރުމާއި ދަރަންޏަށް ދެމެހެއްޓެނިވި ހައްލުތައް ހޯދުމުގެ އިތުރުން މޫސުމަށް ހޭނުމަށް ބޭނުންވާ ލުއި މާލީ އެހީތެރިކަން ފަހިކުރުމާއި ސިޑްސްގެ ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމަށް ރާއްޖެއިން މެދުކެނޑުމެއްނެތި ވަކާލާތުކުރާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އދ ގެ މެންބަރެއްގެ ގޮތުގައި ރާއްޖެއިން ހޭދަކުރި 60 އަހަރަށްވުރެ ދިގު މާޒީއަށް އަލިއަޅުއްވާލައްވަމުން، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތުގައި އދ. އިން ވެދިން އެހީތެރިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ވެސް މި ބައިވެރިވުން މުހިންމު ދައުރެއް އަދާކުރާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ އދ ގެ ނިޒާމުގެ ތެރޭގައި ރާއްޖޭގެ ދައުރާއި ލީޑަޝިޕް އަންނަނީ ފުޅާވަމުންކަމަށާއި، އެގޮތުން އދ ގެ އާންމު މަޖިލީހާއި އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ނައިބު ރައީސްކަން ރާއްޖެއިން ކުރިން އަދާކޮށްފައިވާއިރު، ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން އަދި އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެންބަރުކަން މިހާރު ވެސް ރާއްޖެއިން އަދާކުރަމުންދާކަމަށެވެ.

މެސެޖު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، 1965 ގައި ރާއްޖެއިން އދ އާ ގުޅުނީ ބައިނަލްއަގުވާމީ ދުނިޔޭގެ ބަލައިގަތުން ހޯދުމަށް ކަމަށް ވިޔަސް، މިއަދު ރާއްޖެ އޮތީ އެ ޖަމިއްޔާ ބައްޓަންކުރުމުގައާއި، ތަރައްގީގައި އެއްވެސް މީހަކު ބާކީނުވާ ފަދަ ވިލުންތެރި މުސްތަގުބަލެއް ބިނާކުރުމުގައި އިސް ދައުރެއް އަދާކުރުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.