ހުޅުމާލޭގެ އަމާން އުދަރެސް ދެވަނަ ޓަވަރުގެ ތިންވަނަ ފަންގިފިލާއިން ވެއްޓުނު 16 އަހަރުގެ ކުއްޖާއަށް އިންޑިއާގައި އިތުރު ފަރުވާ ދޭން ފަށައިފިއެވެ.

ހުސްވި އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ހެނދުނު ވެއްޓުނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ ދައްތަ "ދަ ޕްރެސް"އާ ވާހަކަ ދައްކަމުން ބުނީ، ކުއްޖާ ވެއްޓުނީ ޑޮކްޓަރަށް ދެއްކުމަށްފަހު އިންޑިއާއިން އައިސް އެނބުރި ރަށަށް ދާން އޮތް ދުވަހުއެވެ. އެ ދުވަހު މެންދުރު އެނބުރި ރަށަށް ދިއުމަށް ޓިކެޓް ނެގި ނަމަވެސް ހާދިސާ ހިނގީ އެ ދުވަހުގެ ހެނދުނުގެ 11:35 ހާއިރުއެވެ.

އިއްޔެ ފެށި އޯ ލެވެލް އިމްތިހާނަށް ތައްޔާރުވަމުން ދިޔަ އެ ކުއްޖާގެ ފައިގެ ކަށިތައް ބިނދި، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އާއިލާއިން ބުނެއެވެ. ރާއްޖޭގެ އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު މިހާރު އެ ކުއްޖާއަށް ދަނީ އިންޑިއާގައި އިތުރު ފަރުވާ ދެމުންނެވެ.

އައިޖީއެމްއެޗްއިން އޮޕަރޭޝަނެއް ކުރުމަށްފަހު ލަފާ ދިނީ އިތުރު އޮޕަރޭޝަންތައް ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ. އެއީ ރާއްޖޭގައި އިތުރު ބޮޑެތި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަކީ ނުރައްކާ ބޮޑު ކަމެއްކަން އައިޖީއެމްއެޗްއިން އެންގުމުން ކަމަށް އާއިލާއިން މައުލޫމާތު ދިނެވެ. އެއާއެކު އިތުރު ފައރުވާއަށް ކުއްޖާ އިންޑިއާގެ ކޮޗިންގައި ހުންނަ ގަންގާ ހޮސްޕިޓަލަށް ގެންދިޔައީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ވެއްޓުނު ކުއްޖގެ އިތުރު އޮޕަރޭޝަންތަކެއް ކުރުމަށް ޑޮކްޓަރުން ވަނީ ލަފާދީފައި

އިންޑިއާގެ ޑޮކްޓަރުން ބެލުމަށްފަހު ވާތު ފައިގެ ކަށިގަނޑުން ބޭރަށް ފެންނަން އޮތް ޒަހަމްގައި ބޮޑު އިންފެކްޝަނެއް އުފެދި އެ އިންފެކްޝަންގެ އަސަރު ކަށިގަނޑަށް ފޯރާފައިވާ ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ޑޮކްޓަރާއި ހަވާލާދީ އާއިލާއިން އިތުރަށް ބުނީ، މައިބަދައިގެ މައި ނާރުގެ ބަޔަކަށްވެސް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އުނަގަނޑާއި ފޫކޮޅާ ގުޅޭ ކަށިތަކުގައި ރެނދުލައި، ވާތްފަރާތު އުނަގަނޑުގެ ހުޅަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އާއިލާއިން ބުނެއެވެ. މީގެ އިތުރުން ވާތު އުޅަނބޮށީގެ ކަށިގަނޑަށާއި ވާތު ފައިގެ ކުޑަކަޅުވާ އިން ކަށިގަނޑާއި ފައިތިލައިގެ އެކި ކަށިތައް ބިންދައިގެން ގޮސްފައި ހުރި ކަމަށް ވެއެވެ. " ބޮޑަށް ހަމަ ވާތް ފަޅި އެއްކޮށް އޮތީ އަނިޔާވެފައި" އާއިލާގެ ފަރާތުން ވާހަކަ ދެއްކި ކުއްޖާގެ ދައްތަ ބުންޏެެވެ.

މައިބަދައިގެ ދެ ޑިސްކު ގުޅުވައިދިނުމާއި މައިބަދައިގެ ކަށިގަނޑުން ބައެއް ނެގުމުގެ އޮޕަރޭޝަނެއް މިހާރު ކޮށްފައިވާއިރު ކުއްޖާގެ ހާލަތު އިތުރަށް ރަނގަޅުވުމުން އިތުރު އޮޕަރޭޝަންތަކެއް ކުރަން ޑޮކްޓަރު ލަފާ ދީފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

"ކުއްޖާ ވެއްޓުނީ ފަސް ގަނޑެއްގެ މައްޗަށް. އެހެންވެ ފަސްގަނޑުގައި ހުރި ހިލަ އާއި ދޮންވެލީގެ ކުދި އެތިކޮޅުތައް ހަރުލާފައި ހުރުމުން އިންފެކްޝަން ވަރަށް ބޮޑަށް އުފެދިފއިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައި. އައިޖީއެމްޗްގައި އޮތް އިރު ކޮންމެ ދުވަހަކު ފާރުގަނޑު ސާފުކުރި. އެކަމަކު ހުރީ ވަރަށް ބޮޑަށް ދޮސް ލާފައި"
ކުއްޖާގެ ދައްތަ

އަދި އިންފެކްޝަން ރަނގަޅު ނުވަނީސް، ފައިގެ މައިގަނޑު އޮޕަރޭޝަން ކުރިން ރޭވިފައިވާ ގޮތަށް ކުރިއަށް ނުގެންދެވޭނެތީ މަލްޓި-ޑިސިޕްލިނަރީ ފަރުވާ ލިބޭނެ ޓާޝަރީ ހޮސްޕިޓަލެއްގެ އެހީތެރިކަމަށް ބޭނުންވާތީ އޮޕަރޭޝަންތައް ކުރުމަށްފަހު ކޮޗިންގެ ރާޖަގިރި ހޮސްޕިޓަލަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

ކުއްޖާގެ ފަޔަށް އަދި މައިބަދައަށް ލިބިފައިވާ ގެއްލުންތައް

ކުއްޖާގެ ހާލަތު އެއްކޮށް ރަނގަޅު ވުމަށް ޑޮކްޓަރުން 4 މަސްދުވަހުގެ މުހުލަތެއް ދިން ނަމަވެސް ފަރުވާ ލިބޭ ގޮތުން އެއަށްވުރެ ގިނަ ދުވަހު އިންޑިއާގައި ތިބެންޖެހިދާނެ ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. އެ ކުއްޖާ އަށް ފަރުވާދެމުން އަންނަ ކޮޓަރިއަށް ދުވާލަކަށް 4500 އިންޑިއާ ރުޕީސް ހަރަދުވާއިރު ކެއުން ބުއިމަށާއި ދަތުރުފަތުރުގެ ހަރަދުތަކަށް ވެސް ފައިސާ ބޭނުންވާކަމަށް ވެއެވެ.

އެހީ ފޯރުކޮށްދޭނެ އެކައުންޓްގެ ތަފްސީލް:

  • ރުފިޔާ އެކައުންޓް ނަންބަރު : 7770000137554 MVR
  • ޑޮލަރު އެކައުންޓް ނަންބަރު : 7730000865976 USD
  • އެކައުންޓް ނަން: Shazrath Mohamed

އޮޕަރޭޝަންތަކުގެ އިތުރުން ކުއްޖާ ރިކަވާ ވުމަށް އިތުރު ތެރެޕީތައް ދޭން ޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާ ދީފައިވާއިރު އާއިލާއިން ވަނީ މި އުނދަގޫ ވަގުތުގައި އެހީތެރިވެވެން އޮތް ފަރާތްތަކުން ވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް އާންމުންގެ ކިބައިން އެދިފައެވެ.