ގދ. ތިނަދޫގައި އަލަށް އުފަންވެ، އެ ސިޓީގައި ރަޖިސްޓްރީކުރާ ތުއްތު ކުދިންނަށް މާލީ އެހީ ދިނުމަށް ތިނަދޫ ސިޓީ ކައުންސިލުން ނިންމައި އެކަމުގެ އުސޫލު އާންމުކޮށްފިއެވެ.
ތިނަދޫ ސިޓީ ކައުންސިލުން މިއަދު އާންމުކުރި "އަލަށް އުފަންވެ، ތިނަދޫ ސިޓީގައި ރަޖިސްޓްރީކުރާ ކޮންމެ ކުއްޖަކަށް އިނާމެއް ކަނޑައެޅުމުގެ އުސޫލު" ގައިވާ ގޮތުން، މި އެހީ ދިނުމުގެ މައިގަނޑު ބޭނުމަކީ ތިނަދޫގެ އާބާދީ އިތުރުކުރުމާ، މުޅި ރާއްޖޭގެ އާބާދީ ނިސްބަތުން ދަށްވަމުންދާތީ ޒުވާން އާއިލާތަކަށް ހިތްވަރުދީ ވިހެއުމުގެ ރޭޓު މަތިކުރުމަށް ބާރުއެޅުމެވެ.
ތިނަދޫ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
ކެޓަގަރީ އޭ ގައި 1500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވަނީ ތިނަދޫގެ ރަށްވެހިންނަށް ލިބޭ ކުދިންނަށެވެ. އަދި ކެޓަގަރީ ބީ ގައި 2,000 ރުފިޔާ ދޭން ހަމަޖެހިފައިވަނީ އެހެން ރަށެއްގެ މައިންބަފައިންނަށް ލިބޭ ކުދިންގެ ތެރެއިން ތިނަދޫގައި ރަޖިސްޓްރީކުރާ ކުދިންނަށެވެ. މި އެހީއަކީ އެއްފަހަރު ދެވޭ އެހީއަކަށްވާއިރު އެހީ ލިބޭނީ ތިނަދޫގައި އުފަންވެ އެ ސިޓީގައި ރަޖިސްޓްރީވާ ކުދިންނަށާ، އެހެން ތަނަކަށް އުފަންވި ނަމަވެސް ފުރަތަމަ ރަޖިސްޓްރީކުރާ ތަނަކީ ތިނަދޫ ސިޓީ ކަމުގައިވާ ނަމައެވެ.
އުސޫލުގައިވާ ގޮތުން ކުއްޖާ ރަޖިސްޓްރީވި ކަމަށް ބަލާނީ އައިޑީކާޑު ހެއްދުމުންނެވެ. އަދި ކުއްޖާ ރަޖިސްޓްރީވާތާ އެއް މަސްދުވަހުގެ ތެރޭގައި ސިޓީ ކައުންސިލަށް އެހީ ހޯދުމަށް ހުށަހަޅަންޖެހޭނެއެވެ. އެހީ ދިނުމުގައި ކުއްޖާގެ މަންމަ ނުވަތަ ބައްޕައަކީ ތިނަދޫ މީހަކަށް ވާންޖެހޭނެއެވެ. ނަމަވެސް މައިންބަފައިންނަކީ ތިނަދޫ ބަޔަކަށް ނުވި ނަމަވެސް، ކުއްޖާ ރަޖިސްޓްރީކުރަނީ ތިނަދޫގައި ނަމަ މި އެހީއަށް އެދެވޭނެއެވެ.
