އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދައުލަތުން އުފުލި 32 ދައުވާއަށް އޭނާ އެއްބަސްވެފައިވާތީ އޭނާގެ މައްޗަށް ހުކުމް އިއްވުމަށް މިއަދު ބާއްވަން ތާވަލުކުރި ޝަރީއަތުގެ މަޖިލިސް ކެންސަލްކޮށްފިއެވެ.
ޒިޔަތުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރާ ޝަރީއަތް ބޭއްވުމަށް ތާވަލް ކޮށްފައި ވަނީ މިއަދު ހެނދުނު 10:30 ގައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތުގެ މަޖިލިސް ނުފެށި ގިނަ އިރުތަކެއްވި ފަހުން އެމައްސަލައިގެ ޝަރީއަތް ކެންސަލް ކޮށްފައިވާ ކަމަށް ބުނެފައެވެ.
ޒިޔަތުގެ މައްޗަށް އުފުލާފައިވާ އެ ދައުވާތަކަށް އޭނާ ކްރިމިނަލް ކޯޓުގައި އެއްބަސްވެފައި ވާއިރު ޒިޔަތު ވިދާޅުވީ އެމަގާމުގައި ހުރެ އަމަލުކުރައްވަމުން ގެންދެވީ ކުރީގެ ރައީސް ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަންގަވާ ގޮތުގެ މަތިން ކަމަށެވެ.
އޭގެ އިތުރުން ހިޔާނާތުގެ އެއްވެސް ފައިސާ އެއް ސިދާ ގޮތަކަށް ވެސް އަދި ނުސީދާ ގޮތަކަށް ވެސް އޭނާއަށް ލިބިފައިނުވާ ކަމަށް ޒިޔަތު ވަނީ ވިދާޅުވެފައެވެ.
ޒިޔަތުގެ މައްޗަށް ދައުލަތުން ކުރާ 32 ދައުވާގެ އަދަބަކީ 11 އަހަރަށް ޖަލަށް ލުން ކަމަށް ނިންމާފައިވާއިރު ޒިޔަތު ޝަރީއަތަށް އެއްބާރުލުން ދީ އިއުތިރާފު ވެފައި ވާތީ އޭނާގެ މައްޗަށް ކުރާ ހުކުމަށް ލުއިދޭން ވަނީ ނިންމާފައެވެ.
ހިޔާނާތުގެ ދައުވާއެއް ސާބިތުވެ ޒިޔަތު އަށް ވަނީ އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް އޭނާ މިހާރު ހުރީ ގޭ ބަންދުގައެވެ.