ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ އިބްތިދާއީ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފިއެވެ.

އެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރު 02:00 އަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި، ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއާއެވެ.

އެންމެ ފަހުން ޔާމީންގެ ޝަރީއަތް އޮތީ މިދިޔަ މަހު 26 ގައެވެ. އެދުވަހުގެ ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ ޖަލުގައި ވަކީލުންނާ ބައްދަލު ކުރެވުނު ނަމަވެސް މައްސަލައާ ގުޅިގެން އެކަށީގެންވާ މަސައްކަތްތައް ކުރައްވަން ވަގުތާއި ވަސީލަތްތައް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

އެގޮތުން ދައުލަތުން ހުށަހަޅާފައިވާ އޯޑިއޯ ކްލިޕްތައް ޖަލުގައި އަޑު އެހޭނެ އިންތިޒާމު ހަމަނުޖެހޭ ކަމަށާއި އޮންލައިންކޮށް އަޑުއެހުން ކުރިއަށް ދާއިރު އެ އެމަނިކުފާނު ހުންނެވި ނަމަވެސް ވަކީލުން އެމަނިކުފާނުގެ އަރިހުގައި ނެތުމުން އެކަމުގެ ކަންބޮޑުވުން ހުރި ކަމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަބްދުﷲ ޝިޔާޒް އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އޯޑިއޯތައް ޖަލުގައި އަޑުއަހަން މަސައްކަތް ކުރުމުން ކަރެކްޝަންސް އިން ފޯރުކޮށް ދިން ލެޕްޓޮޕުން އިތުރު ފައިލްތަކެއް ކްރިއޭޓްވެ އޯޑިއޯތައް އަޑުއެހޭނެ ގޮތް ނުވާ ކަމަށެވެ. އަދި ލެޕްޓޮޕަށް އެ މައްސަލަ ދިމާވުމުން ޔާމީނާއި ވަކީލުންނާ ޖަލުގައި ކުރައްވާ މަޝްވަރާތައް އަޑުއެހުމުގެ ބިރު އެބައޮތް ކަމަށް ޝިރާޖު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ލެޕްޓޮޕް އިން ދިމާވި ކަންކަމުން އެ ލެޕްޓޮޕް ބަގް ކޮށްފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ. އޭގެ ސަބަބުން ދައުވާ ރައްދުވާ ފަރާތަށް ދިފާއު ވުމަށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގަށް ހުރަސް އެޅޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ވަކީލުންގެ ލެޕްޓޮޕް ފަދަ ތަކެތި ކޯޓަށް ގެނެސްގެން އޯޑިއޯތައް އަޑުއެހޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެގޮތުން، އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އެ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިހާރު ކުރިއަށް ދަނީ އެ ޝަރީއަތް ތަކެވެ. އެ މައްސަލާގެ އަޑުއެހުންތައް ނިމި، މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގައެވެ.

ޔާމީންގެ މައްޗަށް އަލަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ މަދުވެގެން އިތުރު ފަސް އަހަރުގެ ޖަލު ހުކުމަކާއި ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.