އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދައުލަތުން އުފުލި 32 ދައުވާއަށް އޭނާ އެއްބަސްވެއްޖެއެވެ.
ޒިޔަތުގެ މައްޗަށް އުފުލާފައިވާ އެ ދައުވާތަކަށް އޭނާ ކްރިމިނަލް ކޯޓުގައި މިއަދު އެއްބަސްވެފައި ވާއިރު ޒިޔަތު ވިދާޅުވީ އެމަގާމުގައި ހުރެ އަމަލުކުރައްވަމުން ގެންދެވީ ކުރީގެ ރައީސް ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަންގަވާ ގޮތުގެ މަތިން ކަމަށެވެ.
އޭގެ އިތުރުން ހިޔާނާތުގެ އެއްވެސް ފައިސާ އެއް ސިދާ ގޮތަކަށް ވެސް އަދި ނުސީދާ ގޮތަކަށް ވެސް އޭނާއަށް ލިބިފައިނުވާ ކަމަށް ޒިޔަތު ވަނީ ވިދާޅުވެފައެވެ.
ޒިޔަތު ވަނީ އޭނާއަށް އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށާއި އެކަމަށް އެއްބަސް ވަނީ އަމިއްލަ އިހްތިޔާރުގައި ކަމަށް ވިދާޅުވެފައެވެ.
ޒިޔަތުގެ މައްޗަށް ދައުލަތުން ކުރާ 32 ދައުވާގެ އަދަބަކީ 11 އަހަރަށް ޖަލަށް ލުން ކަމަށް ދައުލަތުގެ ވަކީލުން މިއަދު ނިންމާފައި ވެއެވެ. އަދި ޒިޔަތު ޝަރީއަތަށް އެއްބާރުލުން ދީ އިއުތިރާފު ވެފައި ވާތީ އޭނާގެ މައްޗަށް ކުރާ ހުކުމަށް ލުއިދޭން ނިންމާފައި ވާ ކަމަށް ދައުލަތުގެ ވަކީލުން ވަނީ ބުނެފައެވެ.
ހިޔާނާތުގެ ދައުވާއެއް ސާބިތުވެ ޒިޔަތު އަށް ވަނީ އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް އޭނާ މިހާރު ހުރީ ގޭ ބަންދުގައެވެ.
އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލައިފައި ވާއިރު، ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 7 ދައުވާއެއް އުފުލައި 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
އަދީބު 20 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް އޭނާ ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވަނީ 19 އަހަރުގެ މުއްދަތެކެވެ. އެއީ އެ މައްސަލަތަކާ ގުޅިގެން އޭނާ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބަންދުގައި ހުންނެވި މުއްދަތު ހުކުމުގެ މުއްދަތުން އުނި ކޮށްފައި ވާތީއެވެ.