އައްޑޫގެ ތިން ރަށެއްގެ ބިން ހިއްކައި 25 ކިލޯމީޓަރުގެ މަގު ހެދުމަށް އެއް ބިލިއަން ރުފިޔާގެ މަޝްރޫއެއް ބަޔަކާ ހަވާލުކޮށްފައި ވާ ކަމަށް މިނިސްްޓްރީއޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާންސްޓްރަކްޗާއިން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގައި 228 ހެކްޓަރުގެ ބިން ހިއްކައި 25 ކިލޯމީޓަރުގެ މަގު ހަދަން ހަމަޖެހިފައި ވާ ކަމަށައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ 1221 ދުވަސް ތެރޭ ފުރިހަމަ ކުރާ ގޮތަށް ޑިޒައިން ކޮށް ކަމަށްްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެ މަޝްރޫއު ހަވާލް ކޮށްފައި ވަނީ ކޮންސްޓްރަކްޝަން ކޮންސަލްޓަންސީ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އިންޖިނިއަރިން ލިމިޓެޑާއި، އެލްއީއޭ އެސޯސިއޭޓްސް ސައުތު އޭޝީޔާ ޕްރައިވެޓް ލިމިޓެޑާއެވެ.

އައްޑޫގެ ބިން ހިއްކުމާއި މަގު ހެދުމުގެ އެއްބަސްވުމުގައި ސޮއެކުރުމުގެ ތެރެއިން / ފޮޓޯ: ޕްލޭނިން މިނިސްޓްރީ

އައްޑޫ ސިޓީ ކައުންސިލުން ތައްޔާރުކުރި "އައްޑޫ ވިޝަން"ގެ މައްޗަށް ބިނާވާ މި މަޝްރޫޢުތަކުގެ ކޮންސްޓްރަކްޝަން ކޮންސަލްޓަންސީއާއި، ޑިޒައިން މަސައްކަތް މި ދެކުންފުންޏާ ހަވާލުކޮށްފައިވަނީ އިންޑިޔާ ސަރުކާރުން ދީފައިވާ 800 މިލިޔަން ޔޫއެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިންނެވެ. އެ ގޮތުން އެ މަޝްރޫއު، ދެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 71 މިލިއަން ޑޮލަރަށެވެ.

އެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހިތަދޫއިން 90 ހެކްޓަރާއި މަރަދޫ/މަރަދޫފޭދޫން 75 ހެކްޓަރާއި ހުޅުމީދޫން 38 ހެކްޓަރުގެ އިތުރުން ރިޒޯޓް ތަރައްގީކުރުމަށް އިތުރު 25 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައި ވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އައްޑޫ ސިޓީއަކީ ސަރުކާރުން އިސްކަމެއް ދީގެން ތަރައްގީ ކުރުމަށް ނިންމާފައިވާ ސިޓީއެކެވެ. އެގޮތުން "އާސްކް ސްޕީކާ"ގެ ނަމުގައި ބާއްވާ ޕްރޮގްރާމް ގައި ރައީސް، މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި އެއްފަސް ވެފައިވާ ބޮޑު އެއް ސަރަހައްދެއްގެ ގޮތުގައި އޮތް އައްޑޫ ތަރައްގީ ކުރުމަކީ އެމްޑީޕީގެ އެންމެ ކުރީގެ މެނިފެސްޓޯގައިވެސް ހިމަނާފައިވާ ކަމެއް ކަމަށެވެ.