އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ 37.8 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައި ވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި އިސްލާހު ގެނެސް ބަޖެޓަށް ވަނީ 366 މިލިއަން ރުފިޔާ އިތުރުކުރަން ފާސްކޮށްފައެވެ. އަދި މިއަދު މަޖިޅިހުގެ ތަޅުމުގައި ބަހުސް ކުރުމަށްފަހު ކޮމިޓީން ހުށަހެޅިގޮތަށް، 366 މިލިއަން ބަޖެޓަށް އިތުރުކޮށް، 2020ގެ ބަޖެޓުގެ ގޮތުގައި 37.8 ބިލިއަން ރުފިޔާ ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފައި ވަނީ 77 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ބަޖެޓު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެއް މެންބަރެކެވެ. މިދިޔަ މަހުގެ 4 ވަނަ ދުވަހު މަޖިލީހަށް ބަޖެޓު ހުށަހަޅާފައިވާ އިރު މިދިޔަ މަހުގެ 12 ވަނަ ދުވަހު ވަނީ ބަޖެޓަށް ބަހުސް ކުރަން ފަށާފައެވެ.

ބަޖެޓަށް އިތުރު ކުރި ބައިގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާއެވެ. އޭގެ އިތުރުން އެހެނިހެން ހަރަދުތަކަށްވެސް ބަޖެޓަށް ފައިސާ އިތުރުކޮށްފައިވެއެވެ. ބަޖެޓަށް އިތުރުވި އަދަދަށް ފައިނޭންސް ހޯދަން ނިންމާފައި ވަނީ 929 މިލިއަން ރުފިޔާގެ ޓީބިލު ވިއްކައިގެންނެވެ.

ބަޖެޓްގައިވާ ގޮތުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ބަޖެޓްގެ ޑެފިސިޓް ނޫނީ ބަޖެޓް ދަރަންޏަކީ 5.68 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ބަޖެޓް ދެމުންއައި އުސޫލު، 'ބްލޮކް ގްރާންޓް' އުސޫލުން ފައިސާ ދޫކުރާ ގޮތަށް ބަދަލުކޮށް، ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ދިނުމަށް 2020ގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ. އެ ބަދަލާ އެކު 2019 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާ އިރު ރަށު ކައުންސިލްތަކަށް ލިބޭ ފައިސާ ގާތްގަނޑަކަށް 148.6 ޕަސެންޓް، އަތޮޅު ކައުންސިލްތަކަށް ލިބޭ ފައިސާ 155.1 ޕަސެންޓް އަދި ސިޓީ ކައުންސިލްތަކަށް ލިބޭ ފައިސާ 433.4 ޕަސެންޓް އިތުރުވާނެ ކަމަށް އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.

ބަޖެޓް ފާސްކުރުމުގެ ކުރިން ކޮމިޓީއިން ވަނީ ކައުންސިލުތަކުން ބަޖެޓު ބޭނުންކުރާނެ ގޮތުގެ އުސޫލެއް ކަނޑައަޅަން ފިނޭންސް މިނިސްޓްރީއަށް ރެކޮމެންޑޭޝަނެއް ފާސްކޮށްފައެވެ. ރެކޮމެންޑޭޝަނުގައިވާ ގޮތުން ކައުންސިލުތަކުން ބަޖެޓު ބޭނުންކުރާނެ ގޮތް މިނިސްޓްރީއަށް އަންގަން ޖެހޭނެއެވެ. އެގޮތުން މަޖިލީހުގެ ލެޖިސްލޭޓިވް އެންޑް ރީސާޗް ޑިޕާޓްމަންޓުން ވަނީ ބަޖެޓުގެ އިތުރު ތަފްސީލް ކޮންމެ ކައުންސިލަކަށް އެނގޭނެ ގޮތަށް އެކުލަވާލާފައެވެ.

2020ގެ ބަޖެޓް ހުށަހަޅުއްވަމުން މި ދިޔަ މަހުގެ 4 ވަނަ ދުވަހު މަޖިލީހުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވެފައި ވަނީ މި ސަރުކާރުގެ ސިޔާސަތުތައް ފުރިހަމައަށް ހިމަނާ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރަން ލިބުނު ފުރަތަމަ ބަޖެޓުކަމުން މި ބަޖެޓު ވެގެންދާނީ ދިވެހި އެންމެހާ ރައްޔިތުންނަށް ގަދަރުވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް ރައްޔިތުންނަށް ބުރަ ބޮޑު ނުވާނެފަދަ އުސޫލުތަކެއްގެ މަތިން ޖަޒީރާ ދިރިއުޅުމަކަށް ބަޖެޓް ކޮށައިދޭ ބަޖެޓަކަށް ކަމަށެވެ.

މި ބަޖެޓަކީ ދިވެހި ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޖުމްލަ ބަޖެޓު ނަންބަރުގެ ބަދަލުގައި ބަޖެޓު ބައިކުރެވޭ ގޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ހުށަހަޅާ ފުރަތަމަ ފަހަރެވެ. އަދި ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުވުމަށް ހިލޭ އެހީގެ ގޮތުގައި މާލީގޮތުން ފައިސާ ދިނުމަށް ކަނޑައަޅައި ބަޖެޓުގައި ހުށަހަޅާ ފުރަތަމަ ފަހަރުވެސް މެއެވެ. އަދި މިއީ މިހާތަނަށް ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކަނޑައަޅާފައިވާ ފަހަރުވެސް މެއެވެ.