2020 ވަނަ އަހަރަށް ކައުންސިލްތަކުން ލަފާކުރާ ބަޖެޓު ފާސްކުރުމަށްފަހުމިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅުމަށް ކައުންސިލްތަކަށް އެ މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ 2020 ވަނަ އަހަރުގެ ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި ބެހޭ ސާކިއުލާގައި، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބަޖެޓް ފާސްކުރުމަށް ފަހު ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި ބަޖެޓް ފާސްކުރާއިރު، ބަޖެޓުގައި ސަރުކާރުން ދޭން ނިންމާފައިވާ އެހީތަކާއި ކައުންސިލްތަކަށް އެކި ގޮތްގޮތުން ލިބޭ އެހެނިހެން އާމްދަނީ ވެސް ހިމެނުމަށް އެދިފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ، ސަރުކާރުން ކައުންސިލްތަކަށް ދިނުމަށް ހަމަޖެހިފައިވާ އެހީ ބޭނުންކުރުމުގައި އަދި ކައުންސިލްތަކުގެ ބަޖެޓް ތަންފީޒްކުރުމުގައި، އަމަލު ކުރާނޭ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް އެދިފައެވެ.

2020 އަށް ކައުންސިލުތަކުން ލަފާ ކުރާ ބަޖެޓު ހުށަހަޅަން ޖެހޭނީ އެލްޖީއޭގެ ވިޔަ މޮޑިޔުލް މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

2020 އަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ކޮމިޓީ މަރުހަލާގައި އިސްލާހު ގެނެސް 366 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހު ފާސކްކޮށްފައިވާ އަދަދެކެވެ.