މާލޭގެ ކުލީގެ މައްސަލައިގައި އަޑުގަދަ ވެފައި ވާއިރު، މާލެ ނުފުރޭ ކަމަށާއި އަދި ފުރެން ކައިރިވެސް ނުވާ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ. މާލޭގެ ކުލީގެ މައްސަލައިގެ ވާހަކަ ދެއްކުން ގަދަވެފައިވާ މި ދަނޑިވަޅުގައި މަލީހު ވަނީ، ބާރަށް އިތުރު ގެދޮރު ނެރެން ޖެހޭ ވާހަކަވެސް އިއްޔެ ދައްކަވާފައެވެ.
މިއަދު ވިދާޅުވީ، މާލެ އަކީ މިހާރު ހުޅުމާލެ ފޭސް 2 އާއި ވިލިމާލެ، "ގުޅިމާލެ" އަދި "ތިލަމާލެ" ކަމަށް ކަމަށެވެ. ގުޅިމާލެ ކަމަށް ވިދާޅުވަނީ ގުޅީ ފަޅަށެވެ. ތިލަމާލެ ކަމަށް އެ ވިދާޅުވަނީ ތިލަފުއްޓަށެވެ. މަލީހު ވިދާޅުވީ، މާލެ ވެގެން ދާނީ ބޮޑު ސަހަރަކަށް ކަމަށާއި ހައުސިންގެ ތަފާތު ވެރައިޓީތަށް މާލެ ސަރަހައްދަށް އަންނަން ޖެހޭ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓާއި ގްރީން އޭރިއާއާއި، ޝޮޕިންގް މޯލްތަކާއި ސިނަމާ ފަދަ ތަންތަންވެސް މާލެއަށް އަންނަން ވީ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވަނީ މާލެ ފުރިހަމަ ނުވަނީ މިފަދަ ކަންކަން ނެތީމައި ކަމަށެވެ.
ތޮއްޖެހިފައި ވާ މާލޭގެ ކުލި ބޮޑުކަމަށް ބުނެ، އެ ކަމަށް ގޮތެއް ހޯދޭތޯ ބެލުމަށް މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ޔޫނިއަން، މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިން ކުލި ކޮންޓްރޯލް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުން ދާ މި ދަނޑިވަޅުގައި މާލޭގެ ކުލި ދަށަށް ދާނެ ގިނަ ގޮތްތައް ސިޔާސީ އެކި ފަރާތްތަކުން ދަނީ ކިޔަމުންނެވެ.
ބައެއް ފަރާތްތަކުން ބުނަނީ، ކުލިތައް ދަށަށް ދާނީ، ގެދޮރު ހެދުމަށް ދޫކުރަ ލޯނުގެ އިންޓަރެސްޓް ރޭޓް ކުޑަކޮށްގެން ކަމަށެވެ. އެގޮތުން، ގެދޮރު ހަދާ ލޯނުގެ އިންޓަރެސްޓް 6 ޕަސެންޓަށްވުރެ ބޮޑު ނުވާނެ ގޮތަކަށް މާލީ އިދާރާތަކުގެ ލޯނު އިންޓަރެސްޓް ބަދަލު ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލައެވެ. އެހެން ބައެއް ފަރާތްތަކުން ބުނަނީ، އިންޓަރެސްޓް ކުޑަ ނުވިޔަސް ކުލި ކުޑަކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ ގޮތެއް ބުނެއެއް ނުދެއެވެ.
މާލޭގެ ގެދޮރުގެ ކުލީގެ މައްސަލައިގައި މަލީހު ވިދާޅުވެފައި ވަނީ މާލޭ ގޭގޭގެ ކުލީގެ މައްސަލައަށް އޮތް ހައްލަކީ އިތުރު ގާނޫނެއް ގެނައުން ނޫން ކަމަށާއި އެކަމަަށް އޮތް ހައްލަކީ ގެދޮރުވެރި ކުރުވުން ކަމަށެވެ.
އެގޮތުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލައި ބުރިޖަކީ މިކަމަށް އޮތް ހައްލަށް ވެގެން ދާނެ ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
ބުރިޖް މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށަން މަސައްކަތް ކުރަމުން ދާއިރު، އަމަލީ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ 2023 ވަނަ އަހަރަށެވެ.
މާލެ ނޫން ގޮތެއް ހޯދަން ވެއްޖެ...