ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ގޮތުގައި ސިފަ ކުރަމުން އަންނަ ބުރުޖު ހަލީފާއާ ސައިޒުގެ ގޮތުން ގާތްގަނޑަކަށް އެއްވަރު ގިނިހިލައެއް، އަންނަ ހަފުތާ ތެރޭގައި ދުނިޔޭގެ އޯބިޓްގައި ޖެހޭނެ ކަމަށް ސައެންސްވެރިން ލަފާ ކޮށްފިއެވެ.

(153201) 2000 ޑަބްލިއުއޯ107 ގެ ނަން ދީފައިވާ މި ގިނިހިލަ، ދުނިޔެއާއި އެންމެ ގާތުން ދަތުރު ކުރާނީ، ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ކަމަށް މައުލޫމާޔު ލިބެއެވެ. މިއީ، ގިނިހިލައާ ބެހޭ އިތުރު ދިރާސާތައް ކުރުމަށް ނުޖޫމީ އިލްމުވެރިންނަށް ލިއްބައިދޭ ރަނުގެ ފުރުސަތެއް ކަމަށް ސިފަކުރެވެއެވެ.

މިއީ މާސިންގާ ގިނިހިލައެއް ކަމަށް ބުނެވެއެވެ. ގިނިހިލައިގެ އެއްކޮޅުން އަނެއް ކޮޅަށް 1200 ފޫޓާއި 25700 ފޫޓު ހުންނާނެ ކަމަށް ވެއެވެ.

އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން ލަފާ ކުރާ ގޮތުގައި، މި ގިނިހިލަ ދަތުރު ކުރަމުން އަންނަނީވެސް ހަލުވި ދުވެއްޔެއްގައެވެ. ނާސާގެ ހިސާބުތަކަށް ބަލާއިރު، މި ގިނިހިލަ ދަތުރު ކުރަނީ ސިކުންތަކު 25.07 ކިލޯމީޓަރު ބާރު މިނުގައެވެ. އެއީ ގާތްގަނޑަކަށް، ގަޑިއަކު 56000 މޭލުގެ ބާރުމިނެވެ.

މި ގިނިހިލަ ހަމަލޮލަކަށް ނުފެންނާނެއެވެ. ނަމަވެސް ކުދި ދުރުމި ގެންގުޅޭ މީހުންނަށް މި ގިނިހިލަ ފެނުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް އޮންނާނެކަމަށް ބުނެވެއެވެ.