"ގައުމީ ސަލާމަތަށް ނުރައްކާ" ވާ ކަމަށް ބުނެ އުޒުރު ދައްކައިގެން، ޗައިނާގެ މޯބައިލް އެޕްލިކޭޝަންތައް އިންޑިއާގައި ބޭނުން ކުރުން މަނާ ކުރުމަށް އިންޑިއާއިން ނިންމަމުން ދާ ނިންމުންތަކާ ކަނޑައެޅިގެން ދެކޮޅު ކަމަށް ޗައިނާއިން ބުނެފިއެވެ.

އިންޑިއާގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާނު ޖީ ރޮންގް ވިދާޅުވީ، އިންޑިއާއިން ތަކުރާރުކޮށް ގައުމީ ސަލާމަތުގެ ނުރައްކާ، އުޒަރަކަށް ހަދާ ހެދުމަށް ޗައިނާއިން ދެކޮޅު ކަމަށެވެ. އަދި ގައުމުން ބޭރުގައި އޮޕަރޭޓް ކުރާ ޗައިނާގެ ކުންފުނިތަކަކީ، ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމް ކުރާ ކުންފުނިތަކެއް ކަން ކަށަވަރު ކުރުމަށް، ޗައިނާގެ ސަރުކާރުން ލާޒިމު ކުރާ ކަމަށްވެސް ޖީ ވިދާޅުވިއެވެ.

ޗައިނާއާއި އިންޑިއާއަކީ އެއް ބަޔަކު އަނެއް ބަޔަކަށް އޮތް ނުރައްކަލެއް ނޫންކަމަށާ، މި ދެ ގައުމަކީވެސް އެއް ގައުމު އަނެއް ގައުމަށް އޮތް ތަރައްގީގެ ފުރުސަތެއް ކަމަށްވެސް ޖީ ވިދާޅުވިއެވެ. ދޭދޭ މަސްރަހަށް ފައިދާކުރަނިވި މަގަށް، ވިޔަފާރިއާއި އިގުތުސޯދީ ހަރަކާތްތައް ގެންނަން ޖެހޭ ކަމަށާ، މިކަން ކުރަން ވީ މަޝްވަރާގެ ތެރެއިން ކަމަށްވެސް ޗައިނާގެ މަންދޫބު ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކ) އަދި ހޯމް މިނިސްޓަރު އަމީތު ޝާހް ސްމާޓްފޯނަކުން އެއްޗެއް ބައްލަވަނީ / ފޮޓޯ: ހިންދުސްތާން ޓައިމްސް

އިންޑިއާ ސަރުކާރުން މިހަފުތާ ތެރޭގައިވެސް ވަނީ ޗައިނާގެ 43 އެޕްލިކޭޝަނެއް އެ ގައުމުގައި ބޭނުން ކުރުން މަނާ ކޮށްފައެވެ. އިންޑިއާ ސަރުކާރުން ބުނީ، ޗައިނާގެ އެޕްތަކެއް އިންޑިއާގައި ބޭނުން ކުރުން މަނާ ކޮށްފައިވަނީ އެ ގައުމުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ގާނޫނުގެ 69-އޭގެ ދަށުން ކަމަށެވެ. އިންޑިއާ ސަރުކާރުން، ޗައިނާގެ އެޕްތަކެއް މަނާ ކޮށްފައި މިވަނީ، އެ އެޕްތަކުގެ ސަބަބުން، އިންޑިއާގެ އިސްތިގުލާލާއި، ނަޒާހާތްތެރިކަމާ، ދިފާއާއި ސަލާމަތުގެ އިތުރުން އާންމު މަސްރަހަށް ނުރައްކާ އޮތް ކަމަށް ބުނެއެވެ.

މިއަހަރުގެ ޖޫން މަހު އިންޑިއާއިން ވަނީ ޗައިނާގެ 59 މޯބައިލް އެޕްލިކޭޝަނެއް، އެ ގައުމުގައި ބޭނުން ކުރުން މަނާ ކޮށްފައެވެ. އަދި ސެޕްޓެމްބަރު އިތުރު 118 އެޕްލިކޭޝަނެއް މަނާ ކުރިއެވެ.

އިންޑިއާ ސަރުކާރުން ވަނީ، އެ ގައުމުގެ އިސްތިގުލާލާއި ނަޒާހާތްތެރިކަމާ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ބުނެފައެވެ.