ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) އާއި އިސްރާއީލުގެ ހުދުމުހުތާރު ޔަހޫދީ ލީޑަރު ބެންޖަމީން ނަތަންޔާހޫއާ ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައި ވާ ކަމަށް ބުނެ، އިސްރާއީލުގެ މީޑިއާއިން ފެތުރި ރިޕޯޓްތަކަށް، ސައުދީ އަރަބިއްޔާއިން އިންކާރު ކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފްރްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ދާދި ފަހުން ކުރެއްވި ޒިޔާރަތުގެ ތެރެއިން، ނަތަންޔާހޫއާއި އެމްބީއެސްއާ ދެމެދު ބައްދަލުވުމެއް ކުރިއަށް ދިޔަ ކަމުގެ ރިޕޯޓްތަކެއް މީޑިއާއިން ފެނިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ނުހިނގާ ކަމަށާ، ބައްދަލުވުމުގެ ޖަލީސުންގެ ތެރޭގައި ތިއްބެވީ މުޅިންވެސް ސައުދީއާއި އެމެރިކާގެ އޮފިޝަލުން ކަމަށްވެސް ސައުދީގެ ހާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުގެ ދައުލަތުގެ މީޑިއާއިން ވަނީ، ނަތަންޔާހޫއާއި އެމްބީއެސްއާ ދެމެދު، ސައުދީ ދަތުރުގައި "ސިއްރު" މަޝްވަރާތަކެއް ކުރިއަށް ދިޔަ ކަމަށް ރިޕޯޓް ކޮށްފައެވެ. މި ބައްދަލުވުމުގައި، ޕޮމްޕޭއޯ އިންނެވި ކަމަށްވެސް އަޑު ފެތުރުނެވެ. އަދި ނަތަންޔާހޫއާއެކު، އިސްރާއީލުގެ ޖާސޫސީ އިސް އޮފިޝަލުވެސް ބައިވެރިވި ކަމަށް ރިޕޯޓް ކުރިއެވެ.

މި ރިޕޯޓްތަކާ ގުޅިގެން ނަތަންޔާހޫގެ އޮފީހުން ރަސްމީ ސިފައެއްގައި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މިކަމަށް އެއްޗެއް ބުނުމަށް، އެމެރިކާގެ ހާރިޖިއްޔާއިންވެސް އިންކާރު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެމްބީއެސްއާއި ނަތަންޔާހޫގެ "ބައްދަލުވުމުގެ" އަޑުތައް ފެތުރުމާއެކު، ބަހްރައިންއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ފަދައިން، ސައުދީއިންވެސް އިސްރާއީލު "ބަލައިގަތީ" ކަމަށް ބުނެ، ހޫނު ބަހުސްތަކެއް ފެށުނެވެ. އާންމު އުސޫލުން އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުންތައް ބަދަހި ކުރުމަކީ މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތަކުގައި ހައްސާސީ މައުލޫއެކެވެ.