ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ފުޅާ ދާއިރާއެއްގައި ލޭޓެކްސް އަންގި އުފައްދަމުން އަންނަ މެލޭޝިއާގެ ޓޮޕް ގްލަވް ކުންފުނީގެ 2500 އެއްހާ މުވައްޒަފުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެ، އެ ކުންފުނީގެ ގިނަ އަދަދެއްގެ ކާރުހާނާތަކެއް ބަންދު ކުރަން ނިންމައިފިއެވެ.

ޓޮޕް ގްލަވް ކުންފުނީގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ ކާރުހާނާ ބަންދު ކުރުމަށް ނިންމާފައި ވާކަމަށް ލިބެއެވެ. އެގޮތުން، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް، މަރުހަލާތަކަކަށް ބަހާލައިގެން 28 ކާރުހާނާއެއް ބަންދު ކުރުމަށް ނިންމާފައި ވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.

ބައިނަލްއަގުވާމީ ބާޒާރަށް ފުޅާދާއިރާއެއްގައި ލޭޓެކްސް އަންގި ސަޕްލައި ކުރާ ޓޮގް ގްލަވް ކުންފުނީގެ އުފެއްދުންތަކެއް / ފޮޓޯ: ސްމޯލް ކެޕް އޭޝިއާ

މި އަހަރަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅަމުންދާ އަހަރަކަށް ވުމާއެކު، އަންގިއަށް ޑިމާންޑް ބޮޑުތަނުން އިތުރުވެ، ޓޮޕް ގްލަވް ކުންފުންޏަށް ވަނީ މާލީ ގޮތުން އިންތިހާއަށް ފައިދާ ވެފައެވެ. ނަމަވެސް، އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ކޮވިޑް-19އަށް ޕޮޒިޓިވް، ކާރުހާނާތަކެއް ބަންދު ކުރަން ޖެހިފައި ވާ ކަން އިއުލާން ކުރުމާއެކު، ޓޮޕް ގްލަވް ކުންފުނީގެ ހިއްސާގެ އަގުތައް ވަނީ 7.5 ޕަސެންޓް ދަށަށް ގޮސްފައެވެ.

މެލޭޝިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ، ޓޮޕް ގްލަވް ކުންފުނީގެ ކާރުހާނާތަކާއި މުވައްޒަފުން ދިރިއުޅޭ ޑޯމްތަކުން ކޭސް އިތުރު ވާ ކަން ހާމަކޮށްފައެވެ. އެ ކުންފުނީގެ 5800 އެއްހާ މުވައްޒަފުން މިހާތަނަށް ސްކްރީން ކޮށްފައި ވާ ކަމަށާ، އޭގެ ތެރެއިން 2453 މުވައްޒަފެއް، ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވާކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ބައިނަލްއަގުވާމީ ބާޒާރަށް ފުޅާދާއިރާއެއްގައި ލޭޓެކްސް އަންގި ސަޕްލައި ކުރާ ޓޮގް ގްލަވް ކުންފުނީގެ ގިނަ ކާރުހާނާތަކެއް ބަންދު ކުރަން ވަނީ ނިންމާފަ / ފޮޓޯ: ދަ ސްޓާ

ޓޮޕް ގްލަވް ކުންފުނީގެ 41 ފެކްޓްރީއެއް މެލޭޝިއާގައި އޮޕަރޭޓް ކުރެއެވެ. މި ކާރުހާނާތަކުގައި ގިނައީ ނޭޕާލްއިން މެލޭޝިއާއަށް ހިޖުރަކޮށްގެން މަސައްކަތް ކުރާ މުވައްޒަފުންނެވެ. މި މުވައްޒަފުން ނިދާ ހަދަނީ ތޮއްޖެހިފައިވާ ޑޯމްތަކުގައެވެ.

މެލޭޝިއާގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތް ޑރ ނޫރް ހިޝާމް ޢަބްދުﷲ ވިދާޅުވީ، ޕޮޒިޓިވްވި ޕޭޝަންޓުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ ކަމަށާ، އެ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކޮށްފައި ވާ ކަމަށެވެ.

ބައިނަލްއަގުވާމީ ބާޒާރަށް ފުޅާދާއިރާއެއްގައި ލޭޓެކްސް އަންގި ސަޕްލައި ކުރާ ޓޮގް ގްލަވް ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ / ފޮޓޯ: އެސްސީއެމްޕީ

ޓޮޕް ގްލަވް ކުންފުނީގެ މަސައްކަތުގެ މާހައުލުގެ ފެންވަރުގެ މައްސަލާގައި، އެ ކުންފުންޏަށް ގިނަ ބައެއްގެ ސަމާލު ކަން ވަނީ، މި ފަހަކަށް އައިސް ހުއްޓިފައެވެ.

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެމެރިކާއިން ވަނީ ޓޮޕް ގްލަވް ކުންފުނީގެ ދަށުން ހިންގާ 2 ސަބްސިޑަރީ ކުންފުންޏަކުން އަންގި ގަތުންވެސް ހުއްޓާލާފައެވެ. އެއީ، މަޖުބޫރުން، އަޅު މަސައްކަތް ކުރުވާ އުސޫލުން މުވައްޒަފުން ލައްވާ މަސައްކަތް ކުރުވާ ކަމުގެ ތުހުމަތުތަކެއްގައެވެ.

ލޭޓެކްސް އަންގި ސަޕްލައި ކުރާ ޓޮގް ގްލަވް ކުންފުނީގެ މުވައްޒަފުން ނިދާ ޑޯމް / ފޮޓޯ: ޗެނަލް 4

ޓޮޕް ގްލަވް ކުންފުނީގެ ކާރުހާނާތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން، އެމެރިކާގެ މީޑިއާއަށް ހިއްސާކޮށްފައި ވާ ވާހަކަތަކަށް ބަލާއިރު، ކުޑަ މުސާރައަކަށް، ހަފުތާއަކު 72 ގަޑިއިރުވެސް މަސައްކަތް ކުރަންޖެހެއެވެ. އަދި ދިރިއުޅުމުގެ ހާލަތުވެސް އިންތިހާއަށް ދަށް ކަމުގެ ޝަކުވާ، މުވައްޒަފުން ވަނީ އުފުލާފައެވެ. އޭގެ ފަހުން، ޓޮޕް ގްލަވް ކުންފުނިން، ހިޖުރަވެރި މަސައްކަތްތެރިންނަށް އިތުރު އިނާޔަތެއް ދިން ކަމުގެ މައުލޫމާތު ވަނީ ހާމަކޮށްފައެވެ.