މީގެ އަހަރުތަކެއް ކުރިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ފަތަހަ ކުރި ފަންޑްރެއިޒާ ކެމްޕޭން – "އައިސް ބަކެޓް ޗެލެންޖު" ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް އެކްޓިވިސްޓު ކަމަށްވާ ޕެޓްރިކް ކުއިން މަރުވެއްޖެއެވެ.
ކުއިން އަކީ، މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ނާރުގެ ބައްޔެއް ކަމަށްވާ، އެމިޔޯޓްރޯފިކް ލެޓެރަލް ސްލެރޯސިސް (އޭއެލްއެސް) އަށް 2013 ވަނަ އަހަރު ޑައެގްނޯސް ކޮށްފައިވާ މީހެކެވެ.
އުމުރުން 37 އަހަރުގައި ކުއިން މި ދުނިޔެއާއި ވަކިވެދިޔައިރު، އޭއެލްއެސްގެ ދިރާސާއަށް ހިންގި ވައިރަލް ކެމްޕޭނުން ވަނީ 220 މިލިއަން ޑޮލަރު ހޯދާފައެވެ.
އައިސް ބަކެޓް ޗެލެންޖުގެ ހަގީގީ ބާނީއަކީ ކުއިންއެއް ނޫނެވެ. ނަމަވެސް، 2014 ވަނަ އަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރު، މުޅި ދުނިޔޭގެ ރާޑަރަށް އެ ޗެލެންޖު އެރުވުމުގެ ފަހަތުގައި އޮތީ ކުއިންއާއި އޭނާގެ އާއިލާއެވެ.
އައިސް ބަކެޓް ޗެލެންޖު ފަރުމާ ކޮށްފައި އޮތީ ބޯމައްޗަށް ގަނޑުފެން ބާލިދީއެއް އޮއްސާލާ މަންޒަރު ސޯޝަލް މީޑިއާގައި ހިއްސާކޮށް، އެކަން ކުރުމަށް އެހެން މީހަކަށް ގޮންޖަހާ ގޮތަށެވެ. ނުވަތަ އޭއެލްއެސްގެ ދިރާސާއަށް ފައިސާއަށް ހަދިޔާ ކުރާ ގޮތަށެވެ. މި ޗެލެންޖުގައި ބައިވެރިވި ގިނަ މީހުން ވަނީ މި 2 ކަންތައްވެސް ކޮށްފައެވެ.
އައިސް ބަކެޓް ޗެލެންޖުގައި ދުނިޔެ ދުށް ވަރުގަދަ ޝަހްސުންނާއި ތަރިންވެސް ބައިވެރިވިއެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް، ލޭޑީ ގާގާ އަދި އެމެރިކާގެ މިހާރުގެ ރައީސް، ޑޮނާލްޑް ޓްރަމްޕް ފާހަގަކުރެއެވެ.