ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށް އޮތީ ބައިނަލްއަގުވާމީ ފެންވަރުގެ ހައްލެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 57.9 މިލިއަނަށް ވުރެ މައްޗަށް އަރާ، މި ބަލީގައި މަރުވި މީހުންގެ އަދަދު 1.37 މިލިއަނަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ހޯދިފައި ނުވާއިރު، އެންމެން އުއްމީދުގެ ހުޅުކޮޅަކަށް ވެފައި ވަނީ ބަލިން ދިފާއު ވާނެ ވެކްސިނެކެވެ. ކަން މިހެން އޮތް އިރު، ވެކްސިންގެ ރޭހުގައި، ފަގީރު ގައުމުތައް ބިކަވެ، ބާކީ ވެދާނެ ކަމުގެ ބިރުވެރިކަން އަދިވެސް ފިލާ ނުދެއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ވެކްސިންއެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ: އެމެރިކަން ކެމިކަލް ސޮސައިޓީ

ދުރާލާ ވެކްސިން ގަތުމަށް އަވަސްވެގަތުން

މިހާތަނަށް ލިބިފައިވާ އެންމެ ފަހުގެ ހޯދުންތަކަށް ބަލާއިރު، 2 ވެކްސިނެއް ވަނީ އިންތިހާއަށް ކާމިޔާބު ކަމަށް ހާމަކޮށްފައެވެ. އިތުރު ގިނަ ވެކްސިންތަކެއް މިހާރު އުޅެނީ، އެންމެ ފަހު މަރުހަލާގެ ތަހުލީލުތަކުގައެވެ. ތަރައްގީގެ މަރުހަލާގައި އަދި އެއަށްވުރެވެސް ގިނަ ކެންޑިޑޭޓުން އެބަ އޮތެވެ.

މިއިން އެއްވެސް ވެކްސިނަކީ، ކޮވިޑް-19ގެ ވެކްސިން ކަމަށް އަދި ސިއްކަ ދީފައެއް ނުވެއެވެ. އާންމު ބޭނުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިންވެސް ހުއްދަ ދީފައެއް ނުވެއެވެ.

ވެކްސިން އުފެއްދުމަށް ބޭނުންވާ ބެކްޓީރިއާ އުފެއްދުމުގެ މަރުހަލާގެ ތެރެއިން/ފޮޓޯ: ބީބީސީ

ކަން މިހެން އޮތް ނަމަވެސް، އެމެރިކާގެ ނޯޓް ކެރޮލައިނާގައި ހިންގާ ޑިއުކް ޔުނިވާސިޓީގެ ދިރާސާއެއް ދައްކާ ގޮތުން، ކޮވިޑް-19ގެ ވެކްސިނަށް ވުން އެންމެ ގާތް ކެންޑިޑޭޓުންގެ 6.4 ބިލިއަން ޑޯޒްގެ ވެކްސިން މިހާރުވެސް ވަނީ ގަނެފައެވެ. ގަތުމުގެ މަޝްވަރާތަކުގައި އިތުރު 3.2 ބިލިއަން ޑޯޒް އެބަ އޮތެވެ.

ދުރާލާ މުދާ ގަތުމަކީ ޒަމާނީ ބޭސްވެރިކަމުގެ ސިނާއަތުގައި އާންމު ކަމެކެވެ. ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގެ އެސިސްޓަންޓް ޕްރޮފެސާ ފޮ ގްލޯބަލް ހެލްތް ޕޮލިސީ، ޑރ ކްލެއާ ވެންހަމް ވިދާޅުވާ ގޮތުގައި، މިއީ އުފެއްދުންތަކަށް ފަންޑު ކަށަވަރު ކުރުމަށް އިންތިހާއަށް މުހިންމު މަރުހަލާއެކެވެ. ނަމަވެސް، މީގެ މާނައަކީ، އުފެއްދުމެއް އުފައްދާ ނިމުމުން، އެ އުފެއްދުމެއް ފޯރުކޮށްދޭނެ ކިއުގެ އެންމެ ކުރީ ސަފުގައި ފައިސާ ދިން ފަރާތް އޮންނާނެ ކަމެވެ.

ފުރަތަމަ ތަރައްގީ ކުރި ކޮވިޑް-19 ވެކްސިންގެ ތަހުލީލީ މަރުހަލާތައް ނިންމާލީ ރައްކާތެރިކަމާއެކު ކަން ރަޝިއާގެ ސޭޝެނޯފް ޔުނިވާސިޓީއިން ކަށަވަރުކޮށްދޭ/ފޮޓޯ: ސްޕަޓްނިކް ނިއުސް

ޑިއުކް ޔުނިވާސިޓީގެ ހޯދުންތަކަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19ގެ ވެކްސިން ޑޯޒްތައް ދުރާލާ ގަނެފައިވަނީ، މުއްސަނދި ގައުމުތަކުންނެވެ. މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ ތެރެއިން، ސިނާއީ އުފެއްދުންތެރިކަމުގެ ގާބިލުކަން ލިބިފައިވާ ގައުމުތަކުން ވަނީ އުފެއްދުންތެރިކަމުގެ އެއްބަސްވުންތަކުގެ ތެރެއިން، ވެކްސިން ޑޯޒްތަކެއް ކަށަވަރު ކޮށްފައެވެ. މިއާއެކު، ވެކްސިންގެ ތަހުލީލުތައް ކުރިއަށް ގެންދިއުމުގެ އުމްރާނީ ތަނަވަސްކަން ލިބިފައިވާ ގައުމުތަކުންވެސް ވަނީ ހިސާބަކަށް ވެކްސިން ޑޯޒްތައް ކަށަވަރު ކޮށްފައެވެ.

މިސާލަކަށް، އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން ވަނީ، އެ ކުންފުނިން އުފައްދާ ވެކްސިން ޝިޕްމަންޓްގެ 2 ބައިކުޅަ 1 ބަޔަކީ، އިންޑިއާއަށް ހާއްސަ ޝިޕްމަންޓެއް ކަމުގައި ކަނޑައަޅާފައެވެ. އިންޑޮނޭޝިއާއިން އިއްތިހާދު ހަދާފައިވަނީ ޗައިނާގެ ވެކްސިން ޑިވަލޮޕަރުންނާއެކު ކަމަށް ވާއިރު، ބްރެޒިލްއިން ދަނީ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާއަށް ތަހުލީލުތައް ހިންގައިދެމުންނެވެ.

ރަޝިއާއިން އުފެއްދި ވެކްސިން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ދި އިކޮނޮމިކް ޓައިމްސް

ކޮވިޑް-19ގެ ވެކްސިންގެ ގޮތުގައި ކާމިޔާބީގެ ރޮނގު ހުރަސް ކުރާނީ ކޮން ކެންޑިޑޭޓެއްކަން އަދިވެސް ސާފު ނުވާއިރު، ބައެއް ގައުމުތަކުން ދަނީ އެކި ކެންޑިޑޭޓުންނާއެކު އެއްބަސްވުންތައް ހަދަމުންނެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ވެކްސިން ޑޯޒް ރިޒާވް ކޮށްފައި ވާ ގައުމުތަކުގެ ތެރޭގައި، އިނޑިއާ، ވިލާތުގެ އިއްތިހާދު، އެމެރިކާ، ކެނެޑާ އަދި އިނގިރޭސިވިލާތް ހިމެނެއެވެ.

އެންމެ ފުރަތަމަވެސް އެ ގައުމެއްގެ ރައްޔިތުން ހިމާޔަތް ކޮށް، ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ރޫހެއް، ގައުމުތަކުގެ ސަރުކާރުތަކުގައި އޮންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާ، ނަމަވެސް ކޮވިޑް-19ގެ އިޖާބައަކީ ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިލާމެހިފައިވާ އިޖާބައަކަށް ވާންޖެހޭ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ޗައިނާގެ ސީނޯވެކް ބައޮޓެކް ކުންފުނިން ތަރައްގީ ކުރަމުންދާ

އިންތިހާއަށް ސަޕްލައި މަދު ވެކްސިނެއް މުޅި ދުނިޔެއަށް ފޯރުކޮށްދިނުން

ވެކްސިން ގަތުމަށް ދުރާލާ އެއްބަސްވުންތަކެއް ހަދާފައި އޮތުމާއި، ކުރިއަށް އޮތް އަހަރުތަކުގައި ސިނާއީ ފެންވަރުގައި އުފެއްދޭނެ ވެކްސިން ޑޯޒްތަކުގެ އަދަދުގައި ހައްދެއް އޮތުމަކީ، ފަގީރު ގައުމުތަކުގެ މައްޗަށް މުއްސަނދި ގައުމުތަކަށް ފައިދާ ބޮޑު ގޮތެއް ކަމަށް ޑިއުކް ޔުނިވާސިޓީގެ ދިރާސާގައި އިސްކޮށް އުޅުއްވާ އެންޑްރިއާ ޓޭލާ ވަނީ ފާހަގަ ކުރައްވާފައެވެ.

"ޓިލް ވީ ވިން: އިންޑިއާޒް ފައިޓް އަގެއިންސްޓް ދަ ކޮވިޑް-19 ޕެންޑަމިކް" ގެ ނަމުގައި ފޮތެއް ލިޔަމުން އަންނަ ޗަންދްރަކާންތު ލަހާރިއާ ބުނާ ގޮތުގައި، ފަގީރު ގައުމުތަކަށް ކޮވިޑް-19ގެ ވެކްސިން ލިބުން ބަރޯސާވަނީ، ކޮވިޑް-19ގެ ވެކްސިންގެ ގޮތުގައި ކާމިޔާބުވާ ވެކްސިން ކެންޑިޑޭޓުންގެ އަދަދުގެ މައްޗަށެވެ. އަދި އެ ވެކްސިނެއް އުފެއްދޭނެ ހަލުވި މިނާއި އެ ވެކްސިނެއް އުފައްދާ މަންޒިލެއްގެ މައްޗަށެވެ. އިންޑިއާގެ ޕްރޮޑަކްޝަން ކެޕޭސިޓީއަށް ބަލާއިރު، އިންޑިއާގެ އުފެއްދުމެއް ކާމިޔާބު ވެއްޖެނަމަ، ދަށް އަދި މެދު ފަންތީގެ ގައުމުތަކަށްވެސް ވެކްސިން ލިބުން ގާތް ކަމަށް ލަހާރިއާ ވަނީ ފާހަގަ ކުރައްވާފައެވެ.

ނޭފަތަށް ވެކްސިން ޖެހުން ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: އެންވައިޓީ

ތިންކް ޓޭންކެއް ކަމަށް ސެންޓާ ފޮ ގްލޯބަލް ޑިވަލޮޕްމަންޓް ގެ ޕޮލިސީ އެނަލިސްޓް، ރޭޗަލް ސިލްވާމަން ވިދާޅުވާ ގޮތުގައި، އެންމެ އުއްމީދީ ވެކްސިންތަކުގެ ބޮޑު ހިއްސާއެއް އޮތީ މުއްސަނދި ގައުމުތަކުން ދުރާލާ ހެދި ވިޔަފާރީގެ އެއްބަސްވުންތަކާ ގުޅިފައެވެ. ނަމަވެސް ގިނަ ކެންޑިޑޭޓުންތަކެއް ކާމިޔާބު ހޯދައިފިނަމަ، މުޅި ދުނިޔޭގެ ސަޕްލައިއަށް އެކަށީގެންވާ ވަރަށް ވެކްސިން ލިބޭނެ ކަމަށް އޭނާ ލަފާކުރައްވައެވެ.

ފަހުގެ ހަބަރުތަކަށް ބަލާއިރު 2 ކެންޑިޑޭޓެއްގެ ކާމިޔާބީ 90 ޕަސެންޓަށްވުރެ މަތިން ރެކޯޑް ކޮށްފައި ވާއިރު، 2021 ވަނަ އަހަރު ނިމޭއިރުވެސް މި 2 ވެކްސިންގެ ޑޯޒް، ދަށް އަދި މެދު ފަންތީގެ ގައުމުތަކަށް ފޯރުން ނާދިރު ކަމަށް ސިލްވާމަން ވިދާޅުވިއެވެ.

ވެކްސިން ފޯރުކޮށްދިނުމަށް އިންގިލާބީ ޕްލޭނެއް

ސިއްހީ ނިޒާމުގައި ދުނިޔޭގެ އެކި ގައުމުތަކުގައު އޮތް ފަރަގުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ޑަބްލިއުއެޗްއޯއިން ލަފާ ކުރާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަލަށް އުފަންވާ 20 މިލިއަނެއްހާ ކުދިންނަކީ، ކޮންމެ އަހަރަކުވެސް، އެކަށީގެންވާ ގޮތެއްގައި ވެކްސިން ނުލިބޭ ކުދިންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް/ފޮޓޯ: ހެލްތް ޕޮލިސީ ވޮޗް

ދިރާސާތަކުން ދައްކާ ގޮތުގައި 2009 ވަނަ އަހަރުގެ ސްވައިން ފްލޫ ރޯގާގައި، ވެކްސިންގެ ބޮޑު ބައެއް ކަށަވަރު ކުރީ، ދުރާލާ ޑޯޒްތައް ގަތް، މުއްސަނދި ގައުމުތަކުންނެވެ. ބޭސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތަކުގެ 90 ޕަސެންޓް ހިއްސާކުރަނީ ދުނިޔޭގެ އާބާދީގެ 10 ޕަސެންޓް މީހުންނެވެ.

ކޮވިޑް-19އަށް ޕޮޒިޓިވް އެންމެ ކޭހެއް ދުނިޔޭގައި އޮތް ނަމަވެސް މި ބަލިމަޑުކަމަށް ނިމުން ނެތް ކަމީ ސިއްހީ ތަޖުރިބާކާރުން އިއްތިފާގުވާ ކަމެކެވެ. މިކަމަށް ހައްލެއް ހޯދެން އޮތީ ފަގީރު ގައުމުތަކަށްވެސް އެއް ހަމައެއްގައި ވެކްސިން ލިބިގެން ކަމަށް ވާއިރު، މި ކަމަށް ރިއާޔަތް ކުރުމަށް ޑަބްލިއުއެޗްއޯއިން ވަނީ "ކޮވެކްސް" ނަމުގައި ހާއްސަ މަޝްރޫއެއް ފަށާފައެވެ.

ހުލާސާ ނަޒަރަކުން ކޮވެކްސް

ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކުރާ ވެކްސިން, ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ އިންސާނީ ދަރިފަސްކޮޅަށް ފޯރުކޮށް ދިނުމަށް އދ އިން ފަށާފައިވާ އެކްސެސް ޓު ކޮވިޑް-19 ޓޫލްސް (އޭސީޓީ-އެކްސެލެރޭޓާ) އާއި ކޮވެކްސް ފެސިލިޓީއަކީ، ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންއާއި، ބަލިޖެހޭ މީހުންނަށް ފަރުވާއާއި، ޓެސްޓު ތަރައްގީ ކުރުމާއި އުފެއްދުމުގެ ދުވެލި ހަލުވިކޮށް، އެންމެނަށް އެއް ހަމައަކުން ފޯރުކޮށް ދިނުމަށް އޭޕްރިލް މަހު ލޯންޗްކުރި މަޝްރޫއެކެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކުރަމުން އަންނަ ވެކްސިން ޑޯޒްތަކެއް / ފޮޓޯ: ވީއޯއެކްސް

"ކޮވިޑް-19 ވެކްސީންސް ގްލޯބަލް އެކްސެސް ފެސިލިޓީ" (ކޮވެކްސް) އަކީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިސްވެއޮވެ، އެޕިޑެމިކް ޕްރެޕެއާޑްނަސް އިނޮވޭޝަންސް (ސެޕީ) އާއި ވެކްސިން އެލާޔަންސް ގާވީގެ އިއްތިހާދީ މަޝްރޫއެކެވެ. މި މަޝްރޫއު އަމާޒު ހިފާފައި ވަނީ، 2021 ވަނަ އަހަރު ނިމޭއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް، ކޮވިޑް-19ގެ ވެކްސިންގެ 2 ބިލިއަން ޑޯޒް ފޯރުކޮށްދިނުމަށެވެ. "ކޮވެކްސް" ގެ އަމާޒަކީ، ރައްކާތެރި އަދި ކާމިޔާބު 3 ވެކްސިނެއް ތަރައްގީކޮށް، މަޝްރޫއުގެ ބައިވެރިނަށް ފޯރުކޮށްދިނުމެވެ.

ކޮވެކްސްގެ ވެކްސިން ކެންޑިޑޭޓުން

ކޮވެކްސްއިން މިހާރުވެސް ވަނީ އެތައް މިލިއަން ވެކްސިން ޑޯޒްއއް ދުރާލާ ގަތުމަށް އެއްބަސްވުންތައް ހަދާފައެވެ. މީގެ ތެރޭގައި އަސްޓްރާޒެނީކާއާއި އޮފްސްފޯޑް ޔުނިވާސިޓީއިން ތަރައްގީކުރާ ވެކްސިންވެސް ހިމެނެއެވެ. ކުންފުނީގެ ސީއީއޯ ޕަސްކާލް ސޯރިއޮޓް ވިދާޅުވާ ގޮތުގައި ކުންފުނީގެ އަމާޒަކީ ދުނިޔޭގެ ހުރިހާ ހިސާބަކަށް އެއް ވަގުތެއްގައި ވެކްސިން ފޯރުކޮށްދިނުމެވެ.

އެންމެ ކާމިޔާބު އެއް ވެކްސިން ކަމަށް މިހާރު ބުނާ ފައިޒާއިން ކޮވެކްސްގައި ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް މަޝްވަރާތައް ކުރިއަށް ދާ ކަމަށް މައުލޫމާތު ލިބެއެވެ.

ޗައިނާގެ ބައޮފާމަސޫޓިކަލް ކުންފުނި ސީނޯވެކް ބައޮޓެކް އިން ތަރައްގީ ކޮށްފައި ވާ

ހަވާސާ އެއްބަސްވުންތަކުގެ ކަންބޮޑުވުން

ގިނަ އަދަދެއްގެ ގައުމުތަކަކުން ކޮވެކްސްގައި ވަނީ ބައިވެރިވެފައެވެ. ނަމަވެސް، މީގެ ތެރޭގައި ހިމެނޭ ތަނަވަސް ގައުމުތަކުން ދަނީ ކޮވެކްސް ފެސިލިޓީއިން ބޭރުން، ހަވާސާ އެއްބަސްވުންތަކެއް ހަދާ، އެ ގައުމުތަކަށް ވެކްސިންގެ އިތުރު ޑޯޒްތައް ކަށަވަރު ކުރަމުންނެވެ. މިފަދަ ގައުމުތަކުގެ ތެރޭގައި ކެނެޑާއާއި އިނގިރޭސިވިލާތްވެސް ހިމެނެއެވެ.

ތަނަވަސް ގައުމުތަކުގެ މިފަދަ އަމަލުތަކަކީ ކޮވެކްސްގެ ހަގީގީ ނިޔަތަށް ފުރަގަސް ދިނުންތޯ ދެންނެވުނު ސުވާލުގެ ޖަވާބުގައި ގާވީގެ ސީއީއޯ ސެތު ބާކްލީ ވިދާޅުވީ، މިއީ "ޖަވާބު ދިނުން ދަތި" ސުވާލެއް ކަމަށެވެ.

2021 ވަނަ އަހަރު 1.3 ބިލިއަން ޑޯޒް ފޯރު ކޮށްދިނުމަށް ފައިޒާއާއި ބައޮއެންޓުން ވަނީ އަމާޒު ހިފާފަ / ފޮޓޯ: ސީބިއެސް ނިއުސް

ކަން މިހެން އޮތް އިރު، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެމްނެސްޓީ އިންޓަނޭޝަނަލްއާ އޮކްސްފާމްއިން ވަނީ، މުޅި ދުނިޔެއަށްވެސް ވެކްސިން ކަށަވަރު ކުރުމަށް އަދި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ބުނެފައެވެ. އަދި ޑަބްލިއުއެޗްއޯގެ ޓޫލް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރުމަށް، ފާމަސޫޓިކަލް ކުންފުނިތަކަށްވެސް، އެ ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.

ރާއްޖެއަށް ވެކްސިން ލިބޭނެތަ؟

ރާއްޖޭގެ އާބާދީގެ ވިހި އިންސައްތައަށް ހިލޭ ވެކްސިން ލިބޭނެ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ކަށަވަރު ކޮށްދީފައެވެ.

ކޮވެކްސް ފެސިލިޓީގައި ރާއްޖެ ބައިވެރިވެފައި ވާއިރު، ކަމާ ބެހޭ ފަރާތްތަކުން ކެޓަގަރައިޒް ކުރާ ގޮތެއްގެ މަތިން، ރާއްޖެއަކީ އެޑްވާންސް މާކެޓް ކޮމިޓްމަންޓް ގްރޫޕުގައި ހިމެނޭ ގައުމެއް ކަމުން، ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ވިހި އިންސައްތަ މީހުންނަށް ޑޯނާ ފަންޑުގެ ދަށުން ވެކްސިން ލިބޭނެ ކަމަށް، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް / ފޮޓޯ: ރައީސް އޮފީސް

ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، އެންމެ ލަސްވެގެން ފަސް މަސް ދުވަހުގެ ތެރޭގައި ކޮވިޑް-19 ވެކްސިނެއް ރާއްޖެއަށް ލިބޭނެކަމުގެ އުއްމީދު އެބަ އޮތް ކަމަށް ވިދާޅުވެފައެވެ.