ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސައުތު އޮސްޓްރޭލިއާ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ނިންމާފައި ވާ ކަމަށާ، ލޮކްޑައުން ކުރަން ޖެހުނީ، ކަމާ ބެހޭ ފަރާތްތަކަށް، މީހަކު ދޮގު ހެދުމުން ކަމަށް ސައުތު އޮސްޓްރޭލިއާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ސައުތު އޮސްޓްރޭލިއާ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ އަމުރު، ހޮނިހިރު ދުވަހު އުވާލުމަށް މިހާރު ނިންމާފައި ވާއިރު، މިއީ ކުރިން ލޮކްޑައުން އިއުލާން ކުރި މުހުލަތަށް ވުރެ 3 ދުވަސް އަވަސް މުއްދަތެކެވެ.

އޮސްޓްރޭލިއާގެ ކަމާ ބެހޭ ފަރާތްތަކަށް ދޮގު ހެދި މީހާގެ ފުރިހަމަ ވަނަރު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެމީހަކީ، އެޑިލެއިޑް ސަރަހައްދުގައި ހިންގާ ވުޑްވިލް ޕިއްޒާ ބާގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށް ވަނީ ބަޔާން ކޮށްފައެވެ.

ޕިއްޒާ ވިއްކާތަނެއްގައި މަސައްކަތް ކުރާ މީހަކު ދޮގު ހެދުމުން އޮސްޓްރޭލިއާގެ އެޑެލެއިޑް ލޮކްޑައުންކޮށް ފަޅުވެފަ / ފޮޓޯ: ބްރެންޓަން އެޑްވާޑްސް

ސައުތު އޮސްޓްރޭލިއާ ސަރަހައްދު، "ހައި އެލާޓަށް" ގެނެސް، ލޮކްޑައުންގެ އަމުރު ތަންފީޒު ކުރަން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ.

ވަގުތުން ވަގުތަށް ލޮކްޑައުން އަކަށް ދިއުމަށް ސައުތު އޮސްޓްރޭލިއާ ސަރުކާރުން ނިންމީ، އިންތިހާ ނުރައްކާ ދަރަޖައަކަށް ފެތުރިގެންދާ ވައިރަސް ސްޓްރެއިން އުޅޭ ކަމުގެ ބިރަށެވެ. އަދި ވިޔަފާރިތައް ބަންދުކޮށް، އެންމެން ގޭގައި ތިބުމަށްވެސް އަމުރު ނެރުނެވެ.

ސައުތު އޮސްޓްރޭލިއާގެ އިސްވެރިޔާ ސްޓީވަން މާޝަލް ވިދާޅުވީ، ޕިއްޒާ ވިއްކާ ތަނުގައި މަސައްކަތް ކުރި މީހާ ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވާއިރު، އޭނާ ކޮންޓެކްޓްގެ ޓްރޭސިންގް ޓީމަށް އޮޅުވާލީ ގަސްތުގައި ކަމަށެވެ.

ވުޑްވިލް ޕިއްޒާ ބާ އަކީ ސައުތު އޮސްޓްރޭލިއާ ސަރަހައްދުން ފެނުނު އާ ކްލަސްޓާއާ ގުޅުން އޮތް ތަނަކަށް ވާއިރު، ކޮންޓެކްޓް ޓްރޭސް ކުރާ ޓީމަށް އެމީހާ އޮޅުވާލީ، އޭނާއަކީ އެތަނުން ޕިއްޒާ ގަތް މީހެއް ކަމަށް ބުނެއެވެ. އެހެން ކަމުން، އެ ސަރަހައްދުގައި ފެތުރެމުން ދިޔަ ވައިރަހަކީ ބާރުގަދަ ވައިރަހެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ނިންމިއެވެ. އެހެނީ، ކުޑަ ވަގުތު ކޮޅަކަށް ވައިރަހަށް ހުށަހެޅުމުންވެސް ބައްޔަށް ޕޮޒިޓިވްވުމުންނެވެ.

ވުޑްވިލް ޕިއްޒާ ބާ އަކީ އޮސްޓްރޭލިއާގެ ކޮވިޑް-19 ކްލަސްޓާއަކާ ގުޅިފައި އޮތް ތަނެއް / ފޮޓޯ: ދަ ނިއު ޑެއިލީ

ފަހުން ބެލި ބެލުމުން، އެމީހަކީ ވުޑްވިލް ޕިއްޒާ ބާގައި ގިނަ ޝިފްޓްތަކެއްގައި މަސައްކަތް ކުރި މުވައްޒަފެއް ކަމަށާ، އޭނާއާއެކު މަސައްކަތް ކުރި އެހެން މުވައްޒަފަކުވެސް ކޮވިޑް-19އަށް ޕޮޒިޓިވްވި ކަން ވަނީ ހާމަވެފައެވެ.

ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން މާޝަލް ވިދާޅުވީ، ވަކި ފަރުދެއްގެ އަމަލުތަކުގެ ސަބަބުން ސައުތު އޮސްޓްރޭލިއާ ސްޓޭޓަށް އުފުލަން ޖެހުނު ތަކުލީފު ބޮޑު ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު ގްރާންޓް ސްޓީވަންސް ވިދާޅުވީ، އަދުގެ ގާނޫނު އޮތް ގޮތުން، ކޮންޓެކްޓް ޓްރޭސް ޓީމަށް އޮޅުވާލި މީހާއަށް ދޭނެ އަދަބެއް ނެތެވެ. ނަމަވެސް އެކަން މުރާޖައާ ކުރުން ގާތް ކަމަށްވެސް ޕޮލިސް ކޮމިޝަނަރު ވަނީ ފާހަގަ ކުރައްވާފައެވެ.

އޮސްޓްރޭލިއާގައި ކޮވިޑް-19އާ ގުޅިގެން ލޮކްޑައުން ކޮށްފައިވާ ޕަބްލިކް ހައުސިންގް ޓަވަރުތައް ކައިރީގައި ހުރި މީހަކާ ފުލުހަކު ވާހަކަދައްކަނީ/ފައިލް ފޮޓޯ: އަސަންކާ ރަތުނަޔަކަ

ވުޑްވިލް ޕިއްޒާ ބާގެ މުވައްޒަފު ހެދި ދޮގާއެކު 1.8 މިލިއަން މީހުންގެ އާބާދީއެއް ލޮކްޑައުންކޮށް، އާންމު ދިރިއުޅުން ހުއްޓުމަކަށް ގެނައެވެ. އެތައް ހާސް ޓެސްޓުތަކެއް ހެދިއެވެ. ނަމަވެސް، މިއިން އެއްވެސް ޓެސްޓަކުން އެ ސަރަހައްދުގައި އާ ކޮމިއުނިޓީ ޓްރާންސްމިޝަންއެއް އޮތް ކަމަކަށް ނުދައްކައެވެ. މި ކްލަސްޓާއިން ފެނުނީ އެންމެ 25 ކޭހެވެ.

އޮސްޓްރޭލިއާއަކީވެސް ކޮވިޑް-19 އާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކޮށް، ކާމިޔާބު މަސައްކަތްތަކެއް ކޮށްފައި ވާ ގައުމެކެވެ. އެގޮތުން އެގައުމުގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑް ކޮށްފައި ވަނީ އެންމެ 95 ކޭސް ކަންވެސް ފާހަގަ ކުރަންޖެހެއެވެ.