މިއަދު ފެނުނު 2 ކޭސް އާ ކުރިން ފެނުނު ކޭސްތަކާ ގުޅުމެއް ނެތް ކަމަށް ޑރ. ފާތުމަތު ނަޒުލާ ރަފީގު ވިދާޅުވެއްޖެވެ. ނަޒުލާ ވިދާޅުވީ އެއީ ފްލޫ ކްލިނިކަށް ދައްކަން ދިޔަ ބައެއް ކަމަށެވެ.
މިއަދު ދަރުބާރުގޭގައި އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ޕޭޝަންޓް 27 އާއި ޕޭޝަންޓް 28 އަކީ އެއްވެސް ޕޮޒިޓިވް ވި މީހަކާ ކޮންޓެކްޓް ނެތް މީހަކަށް ވުމުން އެނގިގެން ދަނީ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރެމުންދާ ކަމެވެ. އެމީހުން ބަލި ޖެހުނު ގޮތް ވެސް ހޯދަމުންދާ ކަމަށް ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ މިހާރު މާލޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތިން ކްލަސްޓާއެއް އެބަ އޮތް ކަމަށާއި މިއީ ނުރައްކާތެރި ހާލަތެއް ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.
ކުރިން ފެނުނު ކޭސްތަކާ ގުޅުމެއް ނެތް ދެ ކޭސްއެއް ފެނިފައި ވާއިރު، މާލެ ސިޓީ ވަނީ ރެޑް އެލާޓްގައެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިތުރުން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި މިއަދުގެ އިިރިއޮއްސި 6:00 އިން ފެށިގެން ރާއްޖެ އެއްކޮަށް ލޮކްޑައުނަކަށް ގެނައުމަށްވެސް ވަނީ ނިންމާފައެވެ.
މާލެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނިފައި ވަނީ މިދިޔަ ބުދަ ދުވަހެވެ. އޭނާ ފެނުނުތާ ދެ ދުވަސްތެރޭގައި މި ބައްޔަށް ޕޮޒިޓިވްވެފައިވާ ޖުމްލަ 8 މީހަކު ވަނީ މާލެ ތެރެއިން ފެނިފައެވެ.
މި ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހައި ރިކްސް އަދި މިޑިލް ރިސްކް ކަމަށް ފަހަނގަ ކުރެވުނު އެންމެން ހުޅުލެ އައިލެންޑް ހޮޓެލް އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓްކޮށްފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުން ވަނީ ޖުމްލަ 26 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އަދި ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޖުމްލަ 300 އަށްވުރެ ގިނަ މީހަކު ފާހަގަ ވެފައިވާއިރު، ކޭސް 23ގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 73 މީހަކު ވަނީ ފާހަގަ ވެފައެވެ. އަދި މީގެ ތެރެގައި ހިމެނޭ ލޯ ރިސްކް މީހުން ވަނީ ހޯމް އައިސޮލޭޓް ކޮށްފައެވެ.