ފަރުދަކަށް ވީތީ އަދުގެ ޒަމާނީ ޓެކްނޮލޮޖީގެ ދުނިޔޭގައި ލިބިދީފައިވާ ޑިޖިޓަލް މިނިވަންކަމުގެ ހައްގަށް އުނިކަން ލިބިދެނިވި ގޮތެއްގައި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން އުޒުރަކަށް ހަދައިގެން ބައެއް ސަރުކާރުތަކުން އަމަލުތައް ބަހައްޓަމުން އަންނަކަން ދިރާސާއަކުން ހާމަވެއްޖެއެވެ.
ދިރާސާތަކަށް ހާއްސަ ފްރީޑަމް ހައުސް އާންމު ކުރި ރިޕޯޓް ބުނާ ގޮތުގައި، ކޮވިޑް-19އާ ދެކޮޅަށް ގައުމުތަކުން ކުރަމުންދާ ހަނގުރާމައިގެ ނަމުގައި، ސަރުކާރުތަކުން ޑިޖިޓަލް ސާވޭލަންސް ވަރުގަދަކޮށް، މައުލޫމާތު އެއްކުރުމަށް ވަރުގަދަ "އާލާތްތަކެއް" ފަރުމާކޮށްފައިވެއެވެ. އަދި މިއީ ދިގު މުއްދަތަކަށް، ފަރުދީ ހައްގުތަކަށް އުނިކަން ގެނުވަނިވި ފިޔަވަޅުތަކެއް ކަންވެސް ފްރީޑަމް ހައުސްގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
65 ގައުމަކުން މައުލޫމާތު އެއްކޮށްގެން އެކުލަވާލާފައިވާ "ދަ ފްރީޑަމް އޮން ދަ ނެޓް 2020" ބުނާ ގޮތުގައި، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގަށް ބޮޑު އުނިކަމެއް ވަނީ އައިސްފައެވެ.
އިންޓަނެޓްގައި ޒާތީ ސިއްރު ހިފެހެއްޓުމުގެ ހައްގަށް އުނިކަން ލިބެމުންދާތާ މިއީ ވިދިވިދިގެން 10 ވަނަ އަހަރު ކަމަށްވެސް މި ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އުޒުރަކަށް ހަދާ، ފާޑުވެރި ރޫހެއްގައި ފާޅުކޮށްފައިވާ ހިޔާލުތަކާ ދެކޮޅަށް ބައެއް ގައުމުތަކުތަކުގެ ސަރުކާރުތަކުން ފިޔަވަޅު އަޅާކަން މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އެމެރިކާ ސަރުކާރުގެ ފަންޑިންގެ ދަށުން ހިންގާ ފްރީޑަމް ހައުސްގެ ރައީސް މައިކަލް ޖޭ އަބްރަމޮވިޓްޒް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ޑިޖިޓަލް ޓެކްނޮލޮޖީގެ މައްޗަށް މުޖުތަމައު ބަރޯސާވާ މިންވަރު އިންތިހާއަށް އިތުރުވަމުން އަންނަ ކަމަށެވެ. ނަމަވެސް މި ދަނޑިވަޅަކީ، އިންޓަނެޓްގެ މިނިވަންކަން އިންތިހާއަށް ހަނިވަމުން އަންނަ ވަގުތެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. ޒާތީ ސިއްރު ހިފެހެއްޓުމާއި، ގާނޫނުން ވެރިކަން ހިންގުމުގެ އުސޫލަށް ރައްކާތެރި ބަދަލުތަކެއް ނުގެނެސްފިނަމަ، މި ޓެކްނޮލޮޖީއަކީ ސިޔާސީ ގޮތުން ބައެއްގެ އަޑު ކަނޑުވާލުމުގެ މަގުސަދަށް ބައްޓަން ކުރެވިދާނެ އެއްޗެއް ކަން ވެސް ފްރީޑަމް ހައުސްގެ ރައީސް ވަނީ ސިފަކުރައްވާފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ދިރިއުޅުމުގެ އަސާސީ ބޭނުންތަކަށް އިންޓަނެޓްގެ ގުޅުން އިންތިހާއަށް މުހިންމު ވެފައިވާއިރު، މިކަމުގެ ނާޖާއިޒު ފައިދާ ބަޔަކު ނަގަމުން ދާކަމީ މިއަދު ގަބޫލުކުރަން ޖެހިފައިވާ ހަގީގަތެކެވެ. މިމައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ ޗައިނާއަށް ކަމަށް ފްރީޑަމް ހައުސްގެ ރިޕޯޓުން ދައްކައެވެ. މިއީ، މި މަގާމުގައި ޗައިނާ އޮންނަތާ ވިދިވިދިގެން 6 ވަނަ އަހަރެވެ.
ނަމަވެސް، މިއީ ހަމައެކަނި ޗައިނާއަށް ހާއްސަ ކަމެއް ނޫންކަން ފްރީޑަމް ހައުސްގެ ރިޕޯޓުން ދައްކައެވެ. އެގޮތުން، ކޮވިޑް-19ގެ ހައްސާސީ މައުލޫމާތު ސެންސަރު ކުރުމުގެ ނަމުގައި 28 ގައުމަކުން ފިޔަވަޅުތަކއް އަޅާފައިވާއިރު، އޮންލައިން ޕްލެޓްފޯމުގައި ފާޑުކިއުންތައް އަމާޒު ކުރި މީހުން ހައްޔަރުކުރުމުގެ އަމަލު ހިންގާފައިވާ ގައުމުތަކުގެ އަދަދު 45 އަށް އަރާ ކަމަށް މި ރިޕޯޓްގައި ވެއެވެ. ސަރުކާރުގެ ރައުޔާ ހިލާފު ރޫހެއްގައި ޚަބަރު ގެނެސްދީގެން ފިޔަވަޅު އެޅި ގައުމުތަކުގެ ލިސްޓުގައި ބަންގްލަދޭޝްވެސް ހިމެނެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން ފެންމަތިވި ދޮގު ޚަބަރު ފެތުރުމުގެ ބަލިމަޑުކަމަކީ ސީރިއަސް ކަމެއް ކަމުގައި ވީ ނަމަވެސް، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް އެކަށީގެން ނުވާ މިންވަރެއްގައި ހުރަސް އެޅި ގައުމުތަކެއް ހުރިކަން ފްރީޑަމް ހައުސްއިން ފާހަގަކުރެއެވެ.
ހަމަ މިފަދައިން، ބަލިމަޑުކަން ފެތުރިގެންދާ ގޮތް ޓްރެކް ކުރުމުގެ ނަމުގައި ބޭނުން ކުރަމުންދާ ސާވޭލަންސް ޓެކްނޮލޮޖީއަކީވެސް ޑިޖިޓަލް މިނިވަން ކަމަށް އެޅޭ ހުރަހެއް ކަމަށް ވަކާލާތު ކުރެވެއެވެ. އެގޮތުން، ޕާކިސްތާނާއި ސްރީލަންކާ ފަދަ ގައުމުތަކުގައި މިފަދަ ސާވޭލަންސްތައް ހިންގުމުގައި އަސްކަރިއްޔާއާއި ގައުމީ ސަލާމަތީ ބާރުގެ ފައުޖުތައް ބޭނުން ކޮށްފައި ވާކަން ފްރީޑަމް ހައުސްއިން ފާހަގަކުރެއެވެ.
ކޮވިޑް-19ގެ ކޮންޓެކްޓް ޓްރޭސިންގްއަށް ހާއްސަކޮށްގެން 54 ގައުމަކުން އެޕްލިކޭޝަންތައް ލޯންޗުކުރިއިރު، މި އެޕްލިކޭޝަންތަކަކީ ޒާތީ ސިއްރިއްޔާތު ހިފެހެއްޓުމަށް މާ ބޮޑު ސަމާލުކަމެއް ދީފައި ނުވާ އެޕްލިކޭޝަންތަކެއް ކަން ފްރީޑަމް ހައުސްއިން ފާހަގަކުރެއެވެ.
ކާރިސާއެއްގެ ތެރެއިން އުފަންވެގެން އަންނަ ޓެކްނޮލޮޖީއާއި ގާނޫނުތަކަކީ ދިގުމުއްދަތަކަށް ދެމިގެންދާނެ ކަންތައްތަކެއް ކަން މާޒީއަށް ނަޒަރު ހިންގާލުމުން އެނގޭ ކަމަށް، ޓެކްނޮލޮޖީ އެންޑް ޑިމޮކްރަސީ ޑައިރެކްޓާ އަދި ފްރީޑަމް ހައުސްގެ ރިޕޯޓްގެ އެއް މުސައްނިފު ކަމަށްވާ އޭޑްރިއަން ޝަހްބާޒް ވަނީ ފާހަގަކުރައްވާފައެވެ.