މާލޭން ކޮވިޑް ޖެހުނު މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދަމުން ދާއިރު، އެމީހުންނާ ގުޅުންހުރި ފަރާތްތައް 3 ކަފި ވެ ކުރިލައިގެން ގޮސްފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ މާލެ ސިޓީ އިން މިހާރު ކޮވިޑް-19 ގެ 8 ކޭސް ފެނިފައި ވާއިރު، އިންޑެކްސް ކޭސް ނޭނގުމުގެ މާނައަކީ މާލޭ ގައި ކޮމިއުނިޓީ ސްޕެރެޑެއް އޮތުން ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ސަމާލުވެގެން މަސައްކަތް ކުރަން ޖެހޭކަމަށެވެ.

މިއަދު ފެނުނު 2 ކޭސް އާ ކުރިން ފެނުނު ކޭސްތަކާ ގުޅުމެއް ނެތް ކަމަށާއި އެއީ ފްލޫ ކްލިނިކަށް ދައްކަން ދިޔަ ބައެއް ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

“ކުރިއަށް އޮތްތާނގައި މާ ގިނަ ކޭސްތައް ފެންނަން ފަށައިފިއްޔާ ކޮންޓެކްޓް ޓްރޭސިން ހެދުން އުނދަގޫވާނެ. އެކަމަކު އެއް ކްލަސްޓާ އާ އަނެއް ކްލަސްޓާއާ ގުޅުން ހުރިތޯ އެހެން ބެލުންް ކުރިއަށް ދާނެ. މިހެން ދެންނެވިޔަސް، އަޅުގަނޑުމެންގެ ޓީމު ބޮޑުކޮށް ވީހާ ރަނގަޅަކަށް އެކަން ކުރިއަށް ގެންދެވޭތޯ ބަލާނަން.”
ޑރ. ނަޒުލާ

މިހާތަނަށް ރާއްޖެއިން މި ބައްޔަށް 28 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، މިއަދަކީ މާލެއިން މި ބަލި ފެނުނުތާ ތިންވަނަ ދުވަހެވެ. މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައި ވަނީ މިދިޔަ ބުދަ ދުވަހެވެ. މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 8 ކަށް އަރާފައި މިވަނީ، މާލެ ލޮކްޑައުންކޮށް ބަލި ޖެހުނު މީހާއާއި ކޮންޓެކްޓްވި ފަރާތްތައް ދެނެގަނެ ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.