ހުޅަނގު އައްސޭރީގެ ބިންތަކުގައި އުފައްދައިގެން އެކްސްޕޯޓް ކުރާ ތަކެތީގައި، "މޭޑް އިން އިޒްރޭލް" ނުވަތަ "އިސްރާއީލުގެ އުފެއްދުމެއް" ކަމުގެ ސިއްކަ، އެމެރިކާއިން ޖަހާނެ ކަމަށް، އެމެރިކާގައި މަގުބޫލުކަން ގެއްލިފައިވާ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުގެ ހާރިޖީ ވަޒީރު، މައިކް ޕޮމްޕޭއޯ ވިދާޅުވެއްޖެއެވެ.

މިހާރު މެދުއިރުމައްޗަށް ދަތުރު ކުރައްވަމުން ގެންދަވާ ދަތުރުގައި ޕޮމްޕޭއޯ އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، އިސްރާއީލުގެ އިހުތިސޯސް ހިނގާ ސަރަހައްދުތަކުގައި އުފައްދާ އުފެއްދުންތަކުގައި، އެއީ "އިސްރާއީލުގެ އުފެއްދުމެއް" ކަމަށް ނުވަތަ "އުފެއްދީ އިސްރާއީލުގައި" ކަމަށް ޖަހަން ޖެހޭނެ ކަމަށެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯގެ މެދުއިރުމަތީ ދަތުރުގެ ތެރެއިން / ފޮޓޯ: ދަ ނޭޝަނަލް

ޕޮމްޕޭއޯގެ މި ޝަރުތު ތަންފީޒު ވަނީ "އޭރިއާ-ސީ" ކިއުނު ސަރަހައްދަށެވެ. މިއީ އެ ސަރަހައްދެއްގެ މަދަނީ އަދި އަސްކަރީ ކޮންޓްރޯލްވެސް އިސްރާއީލުން ނަގާފައިވާ ސަރަހައްދެކެވެ. މި ސަރަހައްދަކީ، އިސްރާއީލުގެ ގައިރު ގާނޫނީ ވަޒަންވެރިން އަތްގަދަ ކޮށްފައިވާ ސަރަހައްދު ވެސް މެއެވެ. އިސްތިރާޖީ މުހިންމުކަން އިތުރުވެފައިވާ އުރުދުން ވާދީއާއި، ފަލަސްތީނުގެ ގިނަ އާބާދުތަކެއްވެސް އޮތީ މިސަރަހައްދުގައެވެ.

ޕޮމްޕޭއޯގެ މި ނިންމުމާއެކު، ފަލަސްތީނުން އެކްސްޕޯޓް ކުރާ މުދަލުގައިވެސް "މޭޑް އިން އިޒްރޭލް" ޓެގު އަޅުވަން ޖެހިދާނެ ކަމަށް ލަފާކުރެވެއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ (ވ) އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ (މ) / ފޮޓޯ: ވީއޯއޭ

ޕޮމްޕޭއޯއަކީ، ގައިރު ގާނޫނީ ގޮތެއްގައި އިސްރާއީލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރިއާއި ގޯލަން ހައިޓްސްގެ ބިންތަކަށް މިހާތަނަށް ޒިޔާރަތް ކުރެއްވި އެމެރިކާގެ އެންމެ އިސް އޮފިޝަލެވެ. އެމެރިކާގެ ކުރީގެ ހާރިޖީ ވަޒީރުން ހުޅަނގު އައްސޭރިއަށް ވަޑައިގެންނެވި ނަމަވެސް، ގައިރު ގާނޫނީ ގޮތެއްގައި އިސްރާއީލުން ވެރިވެގެންފައިވާ ސަރަހައްދަށް ޒިޔާރަތެއް ނުކުރައްވައެވެ.

ގޯލަން ހައިޓްސް ނުވަތަ ޖައުލާންގެ އުސްބިންތަކުގެ ސަރަހައްދަކީ، ސޫރިއާއާ ދެކޮޅަށް 1967 ވަނަ އަހަރު ކުރި 6 ދުވަހުގެ ހަނގުރާމައަށް ފަހު އިސްރާއީލުން ފޭރިގެންފައިވާ ބިމެކެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯއަކީ އިސްރާއީލުގެ ގައިރު ގާނޫނީ އާބާދަކަށް ޒިޔާރަތް ކުރެއްވި އެމެރިކާގެ އެންމެ އިސް އޮފިޝަލު / ފޮޓޯ: ޑެއިލީ ސަބާހް

މި ސަރަހައްދަށް ޕޮމްޕޭއޯ ވަޑައިގަތުމަކީ، އިސްރާއީލުން ހިންގާ ބިންތައް އަޅުވެތި ކުރުމުގެ މަޝްރޫއުގައި އެމެރިކާއިންވެސް ބައިވެރިންވުން ކަމަށް، ފަލަސްތީނުގެ ރައީސް، މަހްމޫދު އައްބާސްގެ ތަރުޖަމާނު، ނަބީލް އަބޫ ރުދައިނީ ވަނީ ސިފަކުރައްވާފައެވެ.

ޕޮމްޕޭއޯ ވަނީ، އިގުތިސޯދީ އަދި ޑިޕްލޮމެޓިކް އިމުގެ ތެރެއިން އިސްރާއީލު އެކަހެރި ކުރުމަށް، ފަލަސްތީނުގެ ސަޕޯޓަރުން ހިންގާ ހަރަކާތްތަކާ ދެކޮޅަށް، އެމެރިކާގެ ފިޔަވަޅު ވަރުގަދަ ކުރައްވާނެ ކަމަށް ވިދާޅުވެ، އިސްރާއީލު ރުއްސަވާފައެވެ.