ހއ. ހޯރަފުށި އެއާޕޯޓު ހުޅުވުން މާދަމާ އަށް ފަސްކޮށްފިއެވެ.

މިދިޔަ އަހަރު ކުރީކޮޅުއްސުރެ ތަރައްގީ ކުރަމުންދާ ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ނިމި ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި އޮތީ މިއަދުއެވެ. އެގޮތުން އެ އެއާޕޯޓް ހުޅުވައިދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެރަށަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން އެއާޕޯޓު ހުޅުވުން މާދަމާ އަށް ފަސްކޮށްފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައެވެ.

އިއްޔެ ވަނީ އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސައިފައެވެ. ފްލައިޓް ޖެއްސި ގަޑީގައި އެއާޕޯޓް ސަރަހައްދަށް ހޯރަފުށީގެ އާންމު ރައްޔިތުން އެއްވެފައިވާއިރު، އެ ސަރަހައްދުގައި ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމާއި ކައުންސިލުގެ އިސްފަރާތްތަކުގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ވެސް ވަޑައިގެން ތިއްބެވިއެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކުއެވެ. މި މަޝްރޫއުގެ ދަށުން އެއާޕޯޓު އިން ވަކިކުރުމަށް 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖަހާނެއެވެ.

ހޯރަފުށީގައި އެއާޕޯޓް ތަރައްގީ ކުރުމަށް ބިން ހިއްކާފައި ވަނީ ވެސް އެމްޓީސީސީންނެވެ. މި މަސައްކަތް ކުރީ އެ ކުންފުނީގެ ކޮންނަ ބޯޓު މަހާޖައްރާފުންނެވެ.