ހއ. ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން ޖޫން 30، 2021 ވަނަ ދުވަހުއެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި އެމްޓީސީސީގެ އެއްބަސްވުމުގައި ފަރާތުން ސޮއިކުރައްވާފައިވަނީ ޗީފް އެގްޒެކްޓިވް އޮފިސާ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގްއެވެ.

މި މަޝްރޫއުގެ ދަށުން ހޯރަފުށީ އެއާޕޯޓް ރަންވޭގެ ދެފަރާތުގައި 2،861 މީޓަރުގެ އެއްގަމުތޮށި ލުމާ ކޯޒްވޭގެ ދެފަރާތުން އޮއި ދެމޭ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

90.5 މިލިއަން ރުފިޔާ ހަރަދުވާ މި މަޝްރޫއު 360 ދުވަސްތެރޭ ނިންމަން ޖެހެއެވެ.

މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް ބައިވެރިވެވަޑައިގެންފައިވެއެވެ.

ރާއްޖެއަަށް އެންމެފަހުން ކުރި ވިއްސާރައިގައި ހޯރަފުށި އެއާޕޯޓަށް ވަނީ ވަރަށް ގޮޑެތި ގެއްލުންތަކެއް ވެފައެވެ. އުދަ އެރުމުގެ ސަބަބުންނާ ފެންބޮޑުވުމުގެ ސަބަބުން އެއާޕޯޓާއި އެ ރަށާއި ދެމެދު އަޅާފައިވާ ކޯޒްވޭ އަށް ބޮޑެތި ގެއްލުންތަކެއް ވެފައިވައިރު ވައިބާރުވުމުގެ ސަބަބުން އެއާޕޯޓުގެ ގިމަތައިގެ ދޮރުތައްވެސް ވަނީ ވެއްޓިފައެވެ.