ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ހއ. ހޯރަފުށީ އެއާޕޯޓް ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ.
މި މަޝްރޫއަކީ 5.65 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން 18,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކޮށް، 44 މީޓަރުގެ އެއްގަމުތޮށި ލައި، އެލް ބްލޮކް ބޭނުންކޮށްގެން ޖެޓީއެއް ހަދައި، 49 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހައި ޖެޓީ ސަރަހައްދު ހިމާޔަތް ކޮށް، 51,587 ކިއުބިކް މީޓަރުގެ ޖެޓީ ސަރަހައްދުގެ ބިން ހިއްކައި، ނެރު ބައްތި ވެސް ވަނީ ހަރުކޮށްފައި ކަމަށެވެ.
ހއ. ހޯރަފުށީގައި ތަރައްގީ ކުރި އެއާޕޯޓާއެކު ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށްތަކަށް ވަނީ ދަތުރުފަތުރުކުރުމުގައި ވަރަށް ބޮޑު ކުރި އެރުމަކާއި ތަސައްލީއެއް ލިބިފައެވެ. އެގޮތުން މޫސުން ގޯސް ދުވަސްވަރު ގަދަފަދަ ގައްލަންދޫ ކަނޑު ހުރަސްކޮށް ހަނިމާދޫ އެއާޕޯޓަށް ހއ. ހޯރަފުށްޓާއި، ހއ.އިހަވަންދޫއާއި، ހއ. ތުރާކުނާއި، ހއ. އުލިގަމާއި އަދި ހއ. މޮޅަދޫގެ ރައްޔިތުން ކުރި ދަތުރުތައް ވަނީ މިހާރު މާޒީވެގެން ގޮސްފައި ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެއާޕޯޓާއެކު 10,000 ރައްޔިތުންގެ އާބާދީއެއް އޮންނަ އެ ސަރަހައްދަށް ވަނީ އިގްތިސޯދީ އަދި އިޖްތިމާއީ ދިރުން ގެނެސްދީފައި ކަމަށް އެމްޓީސީސީން ބުނެއެވެ.
ނަމަވެސް ހޯރަފުށި އެއާޕޯޓަށް ކައިރި އެހެން ރަށްތަކުގެ ރަށްވެހިން ދަތުރުކުރުމުގައި ހޯރަފުށި ބަނދަރު ބޭނުންކުރަން ޖެހުމުން އެއާޕޯޓަށް ދިއުމަށްޓަކައި އިތުރު އެއްގަމު ދަތުރެއްގެ ހޭދަ ކުރަންޖެހިފައި ވާތީ އެއާޕޯޓްގައި ޖެޓީގެ މަޝްރޫއު ފެއޓީ އެ ސަބަބާ ހުރެ ކަމަށް އެމްޓީސީސީން ބުނެއެވެ. ހޯރަފުށީ އެއާޕޯޓް ޖެޓީ ހެދުމުގެ މަޝްރޫއުގެ ސަބަބުން ހޯރަފުށި ކައިރީގައިވާ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އިތުރު ދަތުރެއް ނުކޮށް ސީދާ އެއާޕޯޓަށް އާދެވޭނެ ކަމަށާއި މިއީ އެ އެއާޕޯޓް ބޭނުންކުރަމުންދާ ހުރިހާ ފަރާތްތަކަށް ގިނަގުނަ ލުއިފަސޭހަތަކެއް ލިބޭނެކަމެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށް އެމްޓީސީސީން ބުނެއެވެ.