ގއ. ކޮލަމާފުށްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެ ރަށުގެ 45 ގެއަކަށާއި ސިއްހީ މަރުކަޒަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.

މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ރައްޔިތުންނަށާއި ރަށުގެ މުއައްސަސާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން ދަނީ އަމަލީ ގޮތުން ހަރަކާތްތެރިވަމުންނެވެ. އެގޮތުން، ސިއްހީ މަރުކަޒަށް ފެންވަނުން ހުއްޓުވުމަށާއި، ފެންބޮޑުވުން ކޮންޓްރޯލް ކުރުމުގެ ގޮތުން ވެލިބަސްތާ ޖެހުމާއި ފެން ހިންދުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ.

މީގެއިތުރުން، އެކަނި ދިރިއުޅޭ ދޮށީ އުމުރުގެ މީހުން ދެނެގަނެ، އެ މީހުންނަށާއި ގެއްލުން ލިބުނު އާއިލާތަކަށް ބޭނުންވާ ޒަރޫރީ އަވަސް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ވެސް ފުލުހުން އަންނަނީ އިސް ދައުރެއް އަދާ ކުރަމުންނެވެ.

ވިއްސާރައިގެ ސަބަބުން ރަށުތެރޭގައި ފެންބޮޑުވެފައިވާ އިރު، ރައްޔިތުންގެ މުދަލާއި ގެދޮރު ރައްކާތެރިކުރުމަށް ކައުންސިލާއި، ސަލާމަތީ ބާރުތަކުން ގުޅިގެން މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު، ކުއްލިއަކަށް އަންނަ ވިލާގަނޑުތަކާއި ނަގޫރޯޅި ފަދަ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އަބަދުވެސް އިލްތިމާސްކުރެއެވެ. މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން އާންމުކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ މަތީގައި މިހާރު ވެސް އޮތީ ބޯ ވިލާތަކުން ފުރިފައެވެ. މިކަމުގެ ސަބަބުން ވިއްސާރައިގެ އަސަރު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދެމިގެންދާނެ ކަމަށް ބެލެވެއެވެ.

މެޓުން މިފަދައިން ލަފާކޮށްފައިވާ އިރު، އިއްޔެއާއި ރޭ ވެސް ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ށ. ޅައިމަގަށް އެރި ބާރުގަދަ ނަގޫރޯޅިއެއްގެ ސަބަބުން އެ ރަށުގެ ބައެއް ގެތަކަށް ގެއްލުންތަކެއް ލިބި، މީހަކަށް ވަނީ އަނިޔާވެސް ވެފައެވެ. މި ހާދިސާގައި ޅައިމަގުގެ ހަތަރު ވަރަކަށް ގޭގެ ފުރާޅަށާއި، ބައެއް ގުދަންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ވަޔާއެކު ފުރާޅުތައް އެއްލައިލުމުގެ ސަބަބުން، ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި، އެ މީހާއަށް މިހާރު ދަނީ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެފައި ވެއެވެ.