ހއ. ހޯރަފުށީ އެއާޕޯޓުގެ ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ކުރިއަށް ގެންދާ މި މަޝްރޫއު ފައްޓަވައިދެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ރިޒްވީ އާއި ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދުގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން ހޯރަފުށީގެ އެއާޕޯރޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއްގާއިމް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
މި މަޝްރޫއު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. މި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 360 ދުވަހެވެ. މިއީ 90.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ރާއްޖެއަަށް އެންމެފަހުން ކުރި ވިއްސާރައިގައި ހޯރަފުށި އެއާޕޯޓަށް ވަނީ ވަރަށް ގޮޑެތި ގެއްލުންތަކެއް ވެފައެވެ. އުދަ އެރުމުގެ ސަބަބުންނާ ފެންބޮޑުވުމުގެ ސަބަބުން އެއާޕޯޓާއި އެ ރަށާއި ދެމެދު އަޅާފައިވާ ކޯޒްވޭ އަށް ބޮޑެތި ގެއްލުންތަކެއް ވެފައިވައިރު ވައިބާރުވުމުގެ ސަބަބުން އެއާޕޯޓުގެ ގިމަތައިގެ ދޮރުތައްވެސް ވަނީ ވެއްޓިފައެވެ.