ރީޖަނަލް އެއާޕޯޓްސް ކުންފުންޏަކީ މި ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖާ އެއްގޮތަށް މުސާރަ ކަނޑައެޅި އެންމެ ފުރަތަމަ ކުންފުނި ކަމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.
ރިޒްވީ މިހެން ވިދާޅުވީ، ހޯރަފުށީ އެއާޕޯޓަށް އެއް އަހަރު ފުރުމުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ރީޖަނަލް އެއާޕޯޓްސް އަކީ މިހާރު އިއުލާން ކޮށްފައިވާ މިނިމަން ވޭޖާ އެއްގޮތަށް މުސާރަ ލިބޭ ފުރަތަމަ ކުންފުނި ކަމަށެވެ.
މިނިމަމް ވޭޖް ކަނޑައެޅި ފުރަތަމަ ކުންފުންޏަކީ ރީޖަނަލް އެއާޕޯޓްސް ކަމަށް ރިޒްވީ ވިދާލުވި އިރު މިނިމަމް ވޭޖް ކަނޑައަޅައި ސަރުކާރުން ބުނެފައި ވަނީ އެ ގޮތަށް އަމަލު ކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ކަމަށެވެ. މިނިމަމް ވޭޖް ކަނޑައެޅުމުގައި ހަތަރު ދާއިރާއެއް ކަނޑައަޅާފައި ވާ އިރު، ކުދި ވިޔަފާރިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަދުވެގެން މަހަކު 4500 ރުފިޔާ ދޭން ޖެހޭނެއެވެ. މެދު ފަންތީގެ ވިޔަފާރިތަކުގެ މުވައްޒަފުންނަށް މަދުވެގެން މަހަކު 7000 ރުފިޔާ، ބޮޑެތި ވިޔަފާރިތަކުގެ މުވައްޒަފުންނަށް މަދުވެގެން މަހަކު 8000 ރުފިޔާ ދޭން ޖެހޭނެއެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންނަށް މަދުވެގެން މަހަކު 7000 ރުފިޔާ ދޭން އެ ގާނޫނުގައި ލާޒިމް ކުރެއެވެ.
ހޯރަފުށީގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރިޒްވީ އިތުރަށް ވިދާޅުވީ، ހޯރަފުށީ އެއާޕޯޓާއެކު އެރަށުގެ އާމްދަނީއަށް މަހަކު ބައި މިލިއަން ރުފިޔާ އިރުތު ވެ އެތައް ވަޒީފާތަކެއް އެފެދިފައިވާ އިރު މާލޭގެ ހަލަބޮލި ކަމުން ހޯރަފުއްޓަށް މީހުން ހިޖުރަކުރާ މަންޒަރުން ސަރުކާރުގެ ޖަޒީރާ ތަރައްގީ ސަފުވާ ކަމަށެވެ. އަދި އެ ކުންފުނީގެ މަސައްކަތަކުގެ ތެރެއިން އެންމެ ފަހުރުވެރިވާ އެއް މަސައްކަތަކީ ހޯރަފުށި އެއާޕޯޓަކީ ފުލީ ސެޓިފައިޑް އެއާޕޯޓަކަށް ހެދުމުގެ މަސައްކަތް ކަމަށް ރިޒްވީ ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އެ ކުންފުނިން ހިންގާ ހުރިހާ އެއާޕޯޓްތައް ވެސް ސެޓިފައިޑް ކުރާނެ ކަމަށް ރިޒްވީ ވިދާޅުވިއެވެ.
ހޯރަފުށީ އެއާޕޯޓަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ރިޒްވީ ޝުކުރު ދެންނެވިއެވެ. ހަމައެއާއެކު އެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިގެންނެވީތީ ރިޒްވީ ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
ހޯރަފުށީ އެއާޕޯޓް ހުޅުވީ ނޮވެންބަރު 19، 2020 ގައެވެ. އެ އެއާޕޯޓަކީ އެމްޓީސީސީން ފުރަބަންދުގެ ދުވަސްވަރު ބިނާކޮށް ނިންމާފައިވާ އެއާޕޯޓެކެވެ. ގިނަ އެއާޕޯޓްތަކެއްގެ މަސައްކަތް ކުރިއަށްދާ އިރު ހޯރަފުށީ އެއާޕޯޓަކީ މި ސަރުކާރުން ސައްތައިން ސައްތަ މަސައްކަތްކޮށް ހުޅުވައި ހިންގަމުން އަންނަ ފުރަތަމަ އެއާޕޯޓެވެ.