ދެ ކިލޯއާ ގާތްކުރާ މަސްތުވާތަކެއްޗާ 230 ވޭޕް ކާޓްރިޖާއެކު މާލެއިން ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 30 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ މަރްޔަމް އީޝާ އަޝްރަފާއި، 26 އަހަރުގެ ހުސައިން ޝާވިންގެ އިތުރުން 25 އަހަރުގެ މުހައްމަދު ނާހިލްއެވެ. މިއީ މި ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި ހަތަރުވަނަ ފަހަރެވެ.

މި މައްސަލައިގައި ފުރަތަމަ މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި، މަސްތުވާތަކެތި އެކުލެވިގެންވާ ކަމަށް ބެލެވޭ 230 ވޭޕް ކާޓްރިޖާ، 26 ފުޅި ވޭޕް ފްލޭވާގެ އިތުރުން ބަނގުރާ ފުޅިއެއް ވެސް އެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި ވަނީ ހުށަހަޅާފައެވެ. އެގޮތުން ފުލުހުންގެ ބަޔާނާއި، މަސްތުވާތަކެއްޗާއި ކުޑަކަމުދާ ތަކެތީގެ ތަހުލީލު ނަތީޖާ، އިންޓެލިޖެންސް ރިޕޯޓް އަދި ސީން އޮފް ކްރައިމް ރިޕޯޓު ހިމެނެއެވެ. އަދި މި މައްސަލައިގައި ވީއެންމެ އަވަހަކަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ލިޔެކިޔުންތައް ފޮނުވުން މުހިންމު ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.