އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު (ޖީ-20) އިއްތިހާދަށް، ގައުމުތަކުން ދައްކަންޖެހޭ ދަރަނި ހަލާސް ކުރުން މަޑުޖައްސާލާފައި އޮތް މުހުލަތު، އަންނަ އަހަރުގެ މެދަކާ ހިސާބަށް ދަންމާލުމަށް، އެ އިއްތިހާދުން ނިންމި ނިންމުމަށް، ދިވެހި ހާރިޖިއްޔާއިން މަރުހަބާ ކިޔައިފިއެވެ.

މުޅި ދުނިޔެ އިނދަޖައްސާލި ކޮރޮނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ އަސަރު ކޮށް އިންތިހާ ތަކުލީފު އުފުލަމުން ދާ ފަގީރު ކަމުތަކުން ދަރާފައި ވާ ދަރަނި ލުއި ކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށާ، ކޮވިޑް-19 އާ ގުޅިގެން ތަންފީޒު ކުރަން ފެށި، ދަރަނި ހަލާސް ކުރުން މަޑުޖައްސާލާފައި އޮތް އޮތުމުގެ މަރުހަލާ ނުވަތަ ޑެޓް ސާވިސް ސާސްޕެންޝަން އިނިޝިއޭޓިވް (ޑީއެސްއެސްއައި)، ކުރިއަށް އޮތް 2021 ވަނަ އަހަރުގެ މެދަކާ ހިސާބަށް ދަންމާލުމަށް ޖީ-20 އިއްތިހާދުން ނިންމާފައި ވަނީ އެ އިއްތިހާދުން އިއްޔެ ކުރިއަށް ގެންދިޔަ މާލީ ވަޒީރުންނާ މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންގެ ބައްދަލުވުމުގައެވެ.

ލޯނު ހަލާސް ކުރުމުގައި ލުއި ލިބޭ ގައުމުތަކުގެ ލިސްޓުގައި ދިވެހި ރާއްޖެ ހިމެނޭނެހެން ޖީ-20 ގެ އިއްތިހާދުން އިއްޔެ ފާސްކުރި "ކޮމަން ފްރޭމްވޯކް ޑެޓް ޓްރީޓްމަންޓްސް ބިޔޮންޑް ޑީއެސްއެސްއައި" އަށް މަރުހަބާ ވިދާޅުވެ، ކުރެއްވި ޓްވީޓެއްގައި ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ، ގައުމު ނަގަހައްޓާ، އާރާސްތު ކުރުމަށް އިގުތިސޯދީ އިޖާބަތައް ފައްކާ ކުރަމުންދާ މި ދަނޑިވަޅުގައި މިފަދަ އޮނިގަނޑެއް އެކުލަވާލުމަކީ ލިބިދޭ ބޮޑު އެހީއެއް ކަމަށެވެ.

މިފަދަ ކަންކަމަކީ، ރާއްޖެ ފަދަ ނާޒުކު ގައުމުތަކުގެ ހައްގުގައި ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުން އަންނަ ކަންތައްކަމަށް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ޖީ-20 އިން ހުކުރު ދުވަހު ފާސްކުރި އޮނިގަނޑަކީ، ދަރަނި ދޫކުރި ގައުމާއި، ދަރަނިވެރި ވެފައި ވާ ގައުމުތަކާ ދެމެދު މަޝްވަރާތަކެއް ކުރުމަށް ފުރުސަތު ފަހިކޮށްދެނިވި އުސޫލަކުން ފަރުމާކޮށްފައިވާ ފްރޭމްވޯކް އެއްބަސްވުމެކެވެ.

އިގުތިސޯދީ އަދި މާލީ ތަނަވަސްކަން ކުޑަ ގައުމުތަކުން، ޖީ-20ގެ ގައުމުތަކަށް ދަރަނި ދައްކާ، ހަލާސް ކުރަންޖެހޭ މުއްދަތު މައާފު ކޮށްދީފައި އޮންނަ އޮތުމުގެ މުހުލަތު، އަންނަ އަހަރުގެ ނިޔަލަށް ދަންމާލަ ދިނުމަށް ޝާހިދު ވަނީ އދގެ އާންމު މަޖިލީހުގެ އިތުރުން، ޖީ-77ގެ އިއްތިހާދަށް ދެއްވި ތަގުރީރުތަކުގައި ގޮވާލައްވާފައެވެ. ދަރަނި ދެއްކުން ވަގުތީ ގޮތުން ހުއްޓާލުމަކީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކޮވިޑް-19ގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ ކުޑަ މިންވަރެއް ކަމަށްވެސް ޝާހިދު ވިދާޅުވެއެވެ.