މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދާދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެއީ ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންގެ ކައިރީގައި އެންމެ ހަރު އަޑުން ވެ ވާދައިގެންނެވި ވައުދޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެ މައްސަލަތަކުގެ އެންމެ ފުނަށް ވާސިލްވާނެ ކަމަށް ރައީސް ވަނީ ވައުދުވެ ވަޑައިގެންފައެވެ. ރައްޔިތުންގެ ކަންބޮޑުވުން އޮތް އެންމެ ބޮޑެތި މައްސަލަތައް ތަހުގީގު ކޮށްދެއްވާނެ ކަމުގެ އުންމީދު ދެއްވައި ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ވަނީ މަރުތަކާ ބެހޭ ކޮމިޝަން އުފައްދަވައިފައެވެ. އަދި އެ ކޮމިޝަނަށް ރައީސަކާއި ހަތަރު މެންބަރުން އައްޔަން ކުރެއްވިއެވެ. ބޮޑެތި ބާރުތައް ކޮމިޝަނަށް ލިބޭ ގޮތަށް މަޖިލީހުން ބިލެއް ފާސްކުރިއެވެ.
ބާރުތައް ލިބި ތަހުގީގުތައް ވަރަށް ހަލުވި ކަމާއެކު ފެށިއެވެ. އެންމެ އިސްކަމެއް ދީގެން ބެލީ ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައެވެ.
އަހަރެއްހާ ދުވަހުގެ ތެރޭގައި ތަހުގީގުތައް ނިންމަން އަމާޒު ހިފައި، ގާނޫނަކުން ބޮޑެތި ބާރުތަކެއް ދީފައިވާ ކޮމިޝަނުގެ މަސައްކަތްތައް ވަނީ ދިގުލައިގެން ގޮސްފައެވެ. އެކޮމިޝަނުގެ ރައީސްގެ އިތުރުން ބައެއް މެންބަރުން ވަނީ އިސްތިއުފާ ދެއްވާފައެވެ. ބޮޑު ތިން މަރާ ގުޅޭ ތަހުގީގު ނިންމައި، ރިޕޯޓުތައް ވެސް އެކުލަވައިލިއެވެ. އެކަމުގައި ހިމެނެނީ ދީނީ ހަރުކަށި ޖަމާއަތެއް ކަމުގެ ތުހުމަތާ އެކު އެ މީހުންނާ ދެކޮޅަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވިއެވެ.
ނަމަވެސް އެ ތަހުގީގު ފުރިހަމަ ނުވާތީ ޕީޖީ އޮފީހުން ވަނީ ދައުވާ ނުކޮށް މައްސަލަތައް އަނބުރާ ފޮނުވާލައިފައެވެ. ރިޕޯޓް ތަކުގައި ތުހުމަތުކުރާ މީހުންގެ ނަން އާއްމުކޮށް އެ މީހުން ދޫވެފައި ތިބުމަކީ ވެސް ކަންބޮޑުވުން އޮތް މައްސަލައެކެވެ.
މަރު ކޮމިޝަނަށް 2 އަހަރު ދުވަސް ވެގެން ދަނީއެވެ. ނަމަވެސް އެ ކޮމިޝަނުން ބަލަން ފެށި އެއްވެސް މައްސަލައެއްގައި މިހާތަނަށް އިންސާފާ ހަމައަށް ދެވިފައި ނުވާ ކަމީ ގިނަ ބަޔަކު އެ ކޮމިޝަނަށް އަދި ސަރުކާރަށް ފާޑު ކިޔުންތައް އަމާޒު ކުރާ ސަބަބެކެވެ.
ތަހުގީގު ކޮށް އާންމު ކުރި ރިޕޯޓު
ނޫސްވެރިޔާ ރިޟްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް މަރާލާފައި ވަނީ އޮގަސްޓް، 8 2014 ގައެވެ. ރިޟްވާން ގެއްލުނުތާ ފަސް އަހަރު ފަހުން، އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ގަދަކަމުން ގެންގޮސް މަރާލުމަށް ފަހު ކަނޑު ފައްތާފައި ވާ ކަމަށެވެ.
ރިޟްވާންގެ މައްސަލާގައި ކޮމިޝަނަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އޭނާ ގެއްލުވައިލުމާ ގުޅޭ އިތުރު މައުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކޮމިޝަނަށް ގަބޫލު ކުރެވޭ ކަމަށް ކުރިން އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެ މައުލޫމާތު އެ ކޮމިޝަނާ ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް އޮތްކަމަށް ވެސް ވަނީ ބުނެފައެވެ. އަދި، އެފަދަ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެކޮމިޝަނުން ވަނީ ދީފައެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ. ޑރ. އަފްރާޝީމަށް ހަމަލާދީފައި ވަނީ ހ. ލޮބީ، ހުސައިން ހުމާމެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައެވެ. އަފްރަޝީމަށް ހަމަލާ ދިނުމުގައި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވެސް ހުމާމާ އެކު ބައިވެރިވެފައި ވާ ކަމަށް މަރު ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ވެއެވެ. މަރު ކޮމިޝަނުން މިހެން ބުނެފައި ވީ ނަމަވެސް އެ މައްސަލާގައި ޝާންގެ މައްޗަށް އުފުލި ދައުވާ ސާބިތު ނުވުމުގެ ސަބަބުން އޭނާ ވަނީ ކްރިމިނަލް ކޯޓުން ދޫކޮށްލާފައެވެ. ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކަށް ވެސް ދައުވާކުރިއެވެ. އޭނާގެ ބައިވެރިވެރިވުން ވެސް މިކަމުގައި އޮތް ކަމަށް މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވެއެވެ.
މަރު ކޮމިޝަނުން ބުނީ އެމައްސަލަ ނިންމާ ޕީޖީއަށް ފޮނުވުމުން، ބައެއް އިޖުރާއަތްތައް ފުރިހަމަ ކުރަން ޖެހޭކަމަށް އެންގުމުން އެކަން މަރު ކޮމިޝަނުން މިހާރު ކުރަމުން ދާ ކަމަށެވެ.
ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ މ. ސްޕެޓޫލާ، ސިޑި ކައިރިން 2017 ވަނަ އަހަރު އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ. ޔާމީން މަރުވެފައި ވަނީ ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ފަހުން ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ. ޔާމިން ރަޝީދު މަރާލީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށް ވާއިރު އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހަރާފައި ވާކަމަށާ އޭނާގެ މެޔަށް އެކަނި ވެސް 14 ހަމަލާއެއް ދީފައި ވާ ކަމަށް ބުނެއެވެ.
އެމައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒާއި މ. ތާއިފް އިސްމާއިލް ރަޝީދުގެ އިތުރުން މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.
ރައްޔިތުންނަށް ބޮޑެތި އުންމީދުތަކެއް ގެނެސްދެމުން އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތަކަށް 2 އަހަރު ދުވަސް ވީއިރު އެ ކޮމިޝަނުން ތަހުގީގު ކުރި މައްސަލަތަކުން ފެންނަނީ އެންމެ ކަމެކެވެ. އެއީ ދީނީ ގޮތުން ހަރުކަށި ފިކުރާ، ހައްދު ފަހަނަ އެޅުން ރާއްޖޭގައި އޮތް މިންވަރެވެ. ޑރ. އަފްރާޝިމް އަލީގެ މަރުގެ މައްސަލައާއި، ރިޟްވާން ގެއްލުވާލި މައްސަލައިގެ އިތުރުން ޔާމީން ރަޝީދުގެ މަރުގެ މައްސަލަތައްވެސް ގުޅެނީ ހަރުކަށި ފިކުރާއެވެ.
މަރު ކޮމިޝަނުން ބަލަމުން ގެންދާ 28 މައްސަލައެއްގެ ތެރެއިން 9 މައްސަލައެއްގެ ތަހުގީގު މިހާރު އެއްކޮށް ނިންމާ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
ރައުދާ އާތިފްގެ މަރާ ގުޅިގެން ބަންގުލަދޭޝްގެ ޕޮލިސް ބިއުރޯ އޮޕް އިންވެސްޓިގޭޝަން (ޕީބީއައި) އަދި ރާއްޖޭގެ ފުލުހުންނާއި، މަރު ކޮމިޝަނުން ވެސް ވަނީ މައްސަލަ ތަހުގީގު ކޮށްފައެވެ. ނަމަވެސް، ރައުދާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް މި ތަހުގީގުތަކުން ނިންމާފައިި ވާއިރު، ރައުދާގެ ބައްޕަ ދަނީ ތަކުރާރުކޮށް އެކަމަށް އިންކާރުކޮށް، ތަހުގީގުތަކުގެ ނަތީޖާ ބަލައި ނުގަނެވޭ ކަމަށް ބުނަމުންނެވެ.
މަރު ކޮމިޝަނުން ބުނީ ރައުދާގެ މައްސަލަ މިހާރު ނިމިފައިވާ ކަމަށާއި އެމައްސަލަ ރައީސް އަށް ފޮނުވާފައިވާ ކަމަށެވެ.
އޭގެ އިތުރުން ޖަލުގައި މަރުވި މީހެއްގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ދެމީހަކު މަރާލާފައިވާ މައްސަލައެއްވެސް މިހާރު ވަނީ ނިންމާފައެވެ. މީގެ އިތުރުން ކުޑަކުއްޖެއް ޝާމިލުވާ މައްސަލައެއްވެސް މިހާރު ވަނީ ބަލާ ނިންމާފައެވެ.
ކޮމިޝަނަށް އަދި އިތުބާރު ކުރެވޭ: ރިޟްވާންގެ އާއިލާ
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ރިޟްވާންގެ ދައްތަ ޝެހެނާޒް އަދުނާން ބުނީ ކޮމިޝަނުގެ ފަރާތުން ބޭނުންވާ ސުވާލުތަކުގެ ޖަވާބު އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި ތަހުގީގު ކުރިއަށް ދާ ކަމަށް ކޮމިޝަނުން ބުނާ ކަމަށް ޝެހެނާޒު ވަނީ ބުނެފައެވެ.
ޝެހެނާޒު ބުނީ ކޮމިޝަނަށް އަދި އިތުބާރު ކުރެވޭ ކަމަށާއި އަދި ތަހުގީގު ކުރިއަށް ދާ ގޮތުން އިތުބާރު ނަގާ ނުލައި ކަމަށެވެ. ބޮޑުކަމެއް ލަސްވާނެ ކަން ގަބޫލު ކުރާކަން ފާހަގަކޮށް ޝެހެނާޒު ބުނީ މިހާ ގިނަ ދުވަސް ވެފައިވާ މައްސަލައަކަށް ވާތީ ހެކި ހޯދުމަށް އެކޮމިޝަނަށް ވެސް ދަތިތައް ހުންނާނެ ކަން ގަބޫލު ކުރާ ކަމަށެވެ.
ކޮމިޝަނަށް އިތުބާރު އޮތް ނަމަވެސް ފުލުހުންނަށް އެއްވެސް ވަރަކަށް އިތުބާރެއް ނެތް ކަމަށް ޝެހެނާޒު ވަނީ ބުނެފައެވެ. އެގޮތުން ރިޟްވާންގެ މައްސަލާގައި ޝާމިލްވި ދެ ފުލުހުންނާ މެދު އަދިވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
ރިޟްވާންގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ މާހިރުން
ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު މަރު ކޮމިޝަނަށް އައްޔަނު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.
ބޭރުގެ މާހިރަކު މިހާރު ރާއްޖެ އައިސް މަރު ކޮމިޝަނާއެކު ރިޟްވާންގެ މައްސަލަ ތަހުގީގު ކުރަމުން ދާ އިރު އެ މާހިރަކީ ކޮން ގައުމަކުން އައި ކާކު ކަމެއް އަދި ތަހުގީގު މަރުހަލާ ގޮސްފައި އޮތް ހިސާބެއް ވެސް ހާމަ ކޮށްފައެއް ނުވެއެވެ.
ކަންބޮޑުވުން އިންތިހާއަށް
މިހާތަނަށް އެ ކޮމިޝަނުން އާންމުކުރި އެއްވެސް ރިޕޯޓެއް އާއިލާތަކުން ގަބޫލު ނުކުރުމަކީވެސް މަރު ކޮމިޝަން ދެމި އޮތުމާމެދު އުފެދޭ ސުވާލެކެވެ. އަފްރާޝީމްގެ އާއިލާއިން ސިފަކުރާ ގޮތުގައި މަރު ކޮމިޝަންގެ ރިޕޯޓަކީ ލިޔެފައިވާ ޑްރާމާއެކެވެ.
ރިޟްވާންގެ އާއިލާއިން ތިބީ އިންސާފު ލިބޭނެ ދުވަހެއް ނޭނގި އެ ކަމުގެ ކަންބޮޑުވުމުގައެވެ. އަދި ޔާމީންގެ އާއިލާވެސް އޮތީ ހަމަ އެ ކަންބޮޑުވުމެވެ. މިހެން އޮތް ހާލަތެއްގައި ފަސް މެންބަރުންގެ ކޮމިޝަނުގައި މިހާރު ތިބީ ތިން މެންބަރުންނެވެ.
އެ ކޮމިޝަނާ މެދު ހުދު ރައީސް ސޯލިހު ވެސް ހުންނެވީ ކަންބޮޑުވެ ވަޑައިގަންނަވާފައެވެ. އެގޮތުން މަރު ކޮމިޝަނުގެ މަސައްކަތްތައް އެންމެ ބޭނުންފުޅު ވި ސްޕީޑުގައި ކުރިއަށް ނުދާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ކޮމިޝަނުގެ މަސައްކަތްތައް އެންމެ ބޭނުންފުޅު ވި ގޮތުގައި ކުރިއަށް ނުދާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަރު ކޮމިޝަނުން ބަލަމުން ދާ މައްސަލަތަކުގައި ހިމެނޭ އާއިލާތަކަށް އަވަހަށް އިންސާފު ލިބެން ޖެހޭ ކަމަށެވެ. ނަމަވެސް ކޮމިޝަންތައް ބަދަލު ކުރައްވައިގެން ވަކި ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ މަރު ކޮމިޝަނުން ބަލަމުން ގެންދާ 28 މައްސަލައެއްގެ ތެރެއިން 9 މައްސަލައެއްގެ ތަހުގީގު މިހާރު އެއްކޮށް ނިންމާ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވެފައެވެ. އަދި އެ މަސައްކަތްތަކާއެކު ރައްޔިތުންނަށް އޮތް އިތުބާރު ހޯދުމުގެ މަސައްކަތް ކުރައް ވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ، ގާނޫނުގެ ދަށުން އުފައްދަވާފައި ވާ އެ ކޮމިޝަނަށް ގާނޫނުގައި ބުނާ މަސައްކަތް ފުރިހަމަ ކުރެވިފައި ނުވާ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ގާނޫނުގައި ބުނާ މަސައްކަތްތައް ފުރިހަމަ ކުރެވިފައި ނުވާތީ ފެނިވަޑައިގަންނަވަނީ އެ ގާނޫނުނާއި އެ ކޮމިޝަން ވެސް އުވާލަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމިޝަނަށް ދެ އަހަރު ވެފައި ވާއިރު ރައްޔިތުން އުންމީދު ކުރި ހިސާބަށް ކޮމިޝަނަށް ވާސިލް ނުވެވި ރައްޔިތުންގެ އިތުބާރު ކޮމިޝަނަށް މިވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.
ބައެއް މަރުތަކާއި ގުޅިގެން ވަކިވަކި މީހުންގެ ނަންތައްވެސް ވަނީ ހާމަކޮށްފައެވެ. ނަމަވެސް ބޮޑެތި ބާރުތައް ލިބިދީފައިވާ ކޮމިޝަނުން އެ ބާރުތަކުގެ ބޭނުން ހިފާ އިންސާފަށް ވާސިލް ވުމަށް އަދި މާ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ މަންޒަރެއް ނުފެނެއެވެ.
ރަހުމްކުޑަ ހަމަލާތަކުގައި އެތައް ބަޔަކު މަރުވަމުން ދާއިރު މަރުތަކަށް އިންސާފު ނުލިބި ދިއުމަކީ މުޅި މުޖްތަމައު ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ދާނެ ކަމެވެ. މަރުތަކަށް އިންސާފު ހޯދަން އުފެއްދި ކޮމިޝަން، އަމާޒަށް ވާސިލް ނުވެވި "މަރު' ވުމަކީ އިންތިހާ ބޮޑު ކަންބޮޑުވުމެވެ.
ރިލުވާން އެކަނިތަ މި ގައުމުގަ މަރާލީ. ކީއްވެތަ އަބަދު ދެ ފުލުހުން ވާހަކަ ގޮވަނީ އެ ދެމީހުންތަ ރިލުވާން މަރާލީ. މިއުޅޭ ނަޝީދު ކަންތަކޭމީ. ދުވާލަކު އެއްފަހަރު ރިލުވާން އާއިލާޔާ ބައްދަލުކޮށްގެން ބޮލަށް އެރޭނެ. އެހެންވީމަ އާއިލާ މީހުންވެސް އަނގަ ހިރުވާނެ އެއްނު
ބަލަ! މަރުކޮމިޝަނުން ކުރި މޮޅު ތަޙްގީގް ތަކުގެ އިނާމެއްގެ ގޮތުން މަރުތައް ސާބިތު ކޮށް ދިންކަމަށް ޓަކާ ހުސްނުއްސުއޫދަށް ސްޕްރީމް ކޯޓްގެ ފަޑިޔާރުކަން މި ނާގާބިލް ސަރުކާރުންދެއްވީ
އެއްވެސްވަރަކަންއިތުބާރެއްނުކުރެވޭ ތިކަން ސާބިތެންނުވާނެ ސަބަބަކީ އެއިރުގައި ސިފައިންނާއި،ފުލުހުންގެ އިސްސަފުގައި ތިއްބެވި ބޭފުޅުންނާއި، ވަޒީރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި،މިހާރުވެސް ސަރުކާރުގެ އޮފީސްތަކުގައި އިސްބޭފުޅު ތިކަންތައްތަކުގައި ޝާމިލްވެފައިވާތިއެވެ. ވވވސާފު