މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި މަރު ކޮމިޝަން އުވާލާއިފިއެވެ.
މި ކޮމިޝަން އުވާލާފައި ވަނީ ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުންނެވެ. އެ ގަރާރުގައިވާ ވަނީ "2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2018/13 ގެ ޤަރާރުން، އުފެއްދި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން އާއި މަތިކޮށްފައިވާ މަސައްކަތްތައް އެ ކޮމިޝަނުން ނިންމައިފައިވީ ހިނދު، ބަޔާންވެދިޔަ ކޮމިޝަން އުވައިލުމަށް ނިންމައި، އެކަން ކަނޑައެޅުމަށްޓަކައި މި ގަރާރު އެކަށައެޅީ" ކަމަށެވެ.
މަރު ކޮމިޝަން އުފެއްދީ 2012 ޖެނުއަރީ އެކަކުން ފެށިގެން 2018 ނޮވެމްބަރު 17ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމުގެ އިތުރުން އެ މައްސަލަތަކުގައި އިންސާފު ނުލިބުނު ގިނަ މައްސަލަތަކެއް އަލުން ތަހުގީގުކޮށް އިންސާފު ގާއިމްކޮށް ދިނުމަށެވެ. އެ ކޮމިޝަން އުފެދުނު ފަހުން އެންމެ އިސްކަމެއް ދީގެން ބެލާފައިވަނީ ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމާއި ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައެވެ.
މަރު ކޮމިޝަން އުފެދިގެން އައި އިރު 5 މެންބަރުން ތިއްބެވިއެވެ. ނަމަވެސް މަރު ކޮމިޝަނުގެ ރައީސަކަށް ހުންނެވި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު، އެ މަގާމުން އިސްތިއުފާ ދެއްވުމުގެ އިތުރުން އެ ކޮމިޝަންގެ މެންބަރު އާދަމް މުހައްމަދު ވެސް އިސްތިއުފާ ދެއްވުމުން އެ ކޮމިޝަންގައި ތިއްބެވީ ތިން މެންބަރުން ނެވެ. އެ ދެބޭފުޅުންވެސް އިސްތިއުފާ ދެއްވާފައި ވަނީ ޑިސެމްބަރު 8، 2019 ގައެވެ. އަދި އެއަށްފަހު 2021 ވަނަ އަހަރު އެ ކޮމެޓީގެ ރައީސް އަކަށް ގދ. ފަރެސްމާތޮޑާ، ބަގީޗާގެ، ފަރީޝާ އަބްދުﷲ ވަނީ އައްޔަން ކުރައްވާފައެވެ.
މަރު ކޮމިޝަނުން ބަލަމުންދިޔަ މައްސަލަތަކުގެ ތަހުގީގު ދިގުލައިގެން އޭރުގެ ސަރުކާރާއި މަރު ކޮމިޝަނަށް ގިނަަ ބަޔެއްގެ ފާޑުކިޔުންވެސް އަމާޒުވެފައި ވެއެވެ. އެއަށްފަހު އެ ކޮމިޝަނުން ވަނީ މިދިޔަ މަހުގެ ނިޔަލަށް މަސައްކަތްތައް ނިންމައި، ރައީސް އޮފީހާއި ހުރިހާ މައްސަލައެއްގެ ރިޕޯޓް ހަވާލު ކުރާނެ ކަމަށް ބުނެފައެވެ.