ނޫސްވެރިޔާ އަހްމަދު ރިޟްވާން މަރާލައިފައި ވަނީ ކަރު ބުރިކޮށްލައިގެން ކަމަށް މަރު ކޮމިޝަނުން މިއަދު ބުނެފިއެވެ.
އުމުރުން 28 އަހަރުގެ ރިޟްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މި މައްސަލާގައި ހިންގި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓު މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމަށް ފަހު ރައީސް އޮފީހުގައިި ބޭއްވި އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ އެ ދުވަސްވަރު ހަރުކަށި ފިކުރާ ދެކޮޅަށް އޮތް ހިމޭން މުޒާހަރާގައި ރިޟްވާން ބައިވެރިވި ކަމަށާއި ހަމަނުޖެހުންތަކެއް ހިނގައި އެކަމުގައި ބައިވެރިވި މީހުންނަށް އިންޒާރުދީ ހަމަލާދޭނެ ކަމަށް ހަރުކަށި ފިކުރުގެ މީހުން ބުނެފައިވާ ކަމަށެވެ.
އިންޒާރު ދިނުމުގައި އިސްމާއީލް އަބްދުއްރަހީމް (އިސޫ) އާއި ޖާދުﷲ އިބްރާހިމް ބައިވެރިވި ކަން ކޮމިޝަނުން ފާހަގަ ކޮށްފައި ވާއިރު ސިޔާސީ ޕާޓީތަކުން، ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމުން ހަރުކަށި ފިކުރުގެ ގުރޫޕުތަކަށް އިތުރު ހިއްވަރެއް ލިބުނު ކަމަށް ފަރީޝާ ވިދާޅުވިއެވެ.
މި މައްސަލައިގައި ބައިވެރިވި އަހުމަދު މުއާޒަކީ އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އާ ގާތް މީހެއް ކަމަށް ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ. އަދި އެ އަމަލުތައް ހިންގަމުން ދިޔައިރު ދިވެހި ފުލުހުންގެ ހިދުމަތުގެ ސަަމާލުކަމަށް އައިސްފައިވާ ކަމަށާޢި އެހެންނަމަވެސް އެ މައްސަލަ ފުލުހުން އިސްނަގައިގެން ބެލުމުގެ ވިސްނުމެއް ގެންގުޅެފައި ނުވާ ކަމަށް ފަރީޝާ ވިދާޅުވިއެވެ.
ކޮމިޝަނުން ބުނީ މި މައްސަލައިގައި ދައުވާ އުފުލާފައިވާ އިސްމާއީލް އަބްދުއް ރަހީމް (އިސޫ) އަކީ ރިޟްވާނަށް ފާރަލީ އެކަކު ކަން ހެއްކާއެކު ކޮމިޝަނަށް ޔަގީން ވެފައިވާ ކަމަށާއި ރިޟްވާން ގެއްލުނު ރޭ އޭނާއަށް ފާރަލީ ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދު އާއި ސ. ހުޅުދޫ ހާމިދު ރައޫފު ކަމަށެވެ.
އަދި ދެ މީހަކު ވެގެން ރިޟްވާން އަރުވައިގެން ގެންދިޔަ ރަތް ކާރަކީ އާލިފް ރައޫފްގެ ކާރެއް ކަމަށާއި މާލޭގައި ދުއްވާ އެ ކާރު ހުޅުމާލެ ގެންގޮސްފައި ވަނީ ރިޟްވާން ރަހީނު ކުރުމުގެ ބޭނުމުގައި ކަމަށާއި ދެން އެރުވީ ޑިންގީއަކަށް ކަމަށް ކޮމިޝަނުން ބުނެއެވެ. އަދި ޑިންގީއިން ކަންނެލި ދޯންޏަކަށް އަދި ދޯންޏަށް އެރުވުމަށް ފަހު ކަނޑުމައްޗަށް ދިޔަ ކަމަށް ބެލެވޭ ކަމަށާއި ކަލިމަ [ކޮން ކަލިމައެއްކަން ހާމައެއް ނުކުރޭ] ލައިދިނުމަށް ފަހު ކަރުބުރިކޮށް މަރާލައި ކަނޑުފައްތާފައި ވާ ކަމަށް ކޮމިޝަނުން ބުނެއެވެ.
ދޯނީގައި ތިބި ކަމަށް ތުހުމަތު ކުރެވޭ 6 މީހުން ސީރިއާއަށް ހަނގުރާމައަށް ގޮސްފައިވާ ކަމަށާއި އެ އެންމެން މަރުވެފައިވާ ކަމަށް މައުލޫމާތު ލިބުނުނަމަވެސް އެކަން ރަސްމީ އިދާރާއަކުން ކަށަވަރުވެފައި ނުވާ ކަމަށްވެސް ކޮމިޝަނުން ފާހަގަކުރެއެވެ.
ރިޟްވާންގެ މަރުގެ މައްސަލައިގައި ދައުލަތުން ތުހުމަތު ކުރާ އަހުމަދު އިސްމާއިލް (އަހަނދު) އާއި އަހްމަދު މުއާޒު (ގަޓު މުއާ) ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން އަހްމަދު އިސްމާއިލްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އެވެ. އަދި މުއާޒްގެ މައްޗަސް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެވެ.