މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ގަދަކަމުން ގެންގޮސް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިސްމާއީލް އަބްދުއްރަހީމް (އިސޫ)، އިއްޔެ މަރު ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.
ރިޟްވާން މަރާލި މައްސަލައިގެ ތަހްގީގުކުރަމުންދާ މަރު ކޮމިޝަނަށް އިސޫ ހާޒިރުކޮށް، އެކަމާ ގުޅޭ ގޮތުން އޭނާ އާ މަރު ކޮމިޝަނުން ވަނީ ސުވާލުކޮށްފައެވެ. ނަމަވެސް އެ ކޮމިޝަނުން އެކަމުގެ ތަފްސީލެއް ނުދެއެވެ.
އެ މައްސަލައިގެ އިތުރުން، ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި އިސޫގެ އިތުރުން ދެ މީހަކު، މިދިޔަ މަހުގެ ފަހުކޮޅު ހައްޔަރު ކޮށްފައި ވެއެވެ. އެ ދެ މީހުންނަކީ:
- އަހްމަދު މުއާޒު (ގަޓު މުއާ) / މާލެ ދަފްތަރު އާރުއެސް8499 (40އ)
- އަހްމަދު އިސްމާއީލް (އަހަނދު) / މއ. ފާގަފިލާގެ (39އ)
ފުލުހުން ބުނީ، އެ މައްސަލައިގައި އެ ތިން މީހުން ހައްޔަރުކުރީ މަރު ކޮމިޝަނުން ތަހުގީގު ކުރަމުންދާ ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލައާ ގުޅޭ "ޖިނާއީ ކުށްތައް ރާވައި ހިންގުމުގައި، އަދި އެ ކުށް ހިންގުމަށް މަގުފަހިކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ތުހުމަތުކުރެވޭ" މައްސަލައާ ގުޅިގެން ކަމަށެވެ
ރިޟްވާން ގެއްލިފައިވަނީ މީގެ ގާތްގަނޑަކަށް އަށް އަހަރު ކުރިން އޮގަސްޓް 8، 2014 ވަނަ ދުވަހުގައެވެ. އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ގަދަކަމުން ގެންގޮސް މަރާލުމަށް ފަހު ކަނޑު ފައްތާލާފައިވާ ކަމަށެވެ.
ރިޟްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ފަހު ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށް ދައުވާ ވެސް ކުރިއެވެ. އެހެންނަމަވެސް ސުއައިދު ދޫކޮށްލުމާއެކު ރާއްޖޭން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެެވެ. އަދި ނޫރައްދީނާއި އާލިފްގެ މައްޗަށް ދައުވާ ސާބިތު ކުރަން ހެކި ހުށަހެޅި ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ކުށް ސާބިތުނުވާ ކަމަށެވެ. އެހެންވެ، ދައުލަތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.