ނޫސްވެރިޔާ އަހްމަދު ރިޟްވާން މަރާލި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ތުހުމަތުކުރައްވާ މަރު ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސް ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް އަބުރުގެ ދައުވާކުރަން ރައީސް ޔާމީންގެ ވަކީލުން ނިންމައިފިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ މަރާލައިފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ތަހުގީގުކުރި ރިލުވާންގެ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިލުވާން މަރާލުމުގެ އަމަލު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތަކާ އޭރުގެ ސަރުކާރުގެ އެންމެ އިސް ވެރިންނާ ގާތް ގުޅުންތަކެއް އޮތްކަން ކޮމިޝަނަށް ފާހަގަކުރެވޭ ކަމަށް ބުނެފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލައިގައި ތުހުމަތުކުރެވޭ ތ. އޮމަދޫ، ނަރުގިސްވިލާ މުހައްމަދު މުނާޒް، ސީރިއާއަށް ފުރުމުގެ ކުރިން އޭރުގެ ރައީސްއާ ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭ ގޮތަށް ރިލުވާން ގަދަކަމުން ކާރަކަށް ލައިގެން ގެންގޮސް މަރާލުމުގައި ބައިވެރިވި މީހުންނާއި އެކަން ކުރިގޮތް ކިޔައިދީފައިވާ ކަމަށް ކޮމިޝަނަށް މައުލޫމަތު ލިބިފައިވާ ކަމަށް ފާހަގަކޮށްފައިވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.

އަދި މުނާޒް ސީރިއާއަށް ފުރައިގެން ގޮސްފައިވަނީ އޭރުގެ ރައީސްގެ އެހީތެރިކަމާއެކު ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ބަޔާންކޮށް ރައީސް އަބްދުﷲ ޔާމީނާ ގުޅޭގޮތުން އެ ކޮމިޝަނުގެ މެންބަރު މިސްބާހު ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ޔޯލަ ވާހަކަތަކެއް ކަން ހުދު މިސްބާހުގެ ވާހަކައިންވެސް އެނގޭ ކަމަށް ޖަމީލު ވަނީ ވިދާޅުވެފައެވެ.

"މުނާޒް ސީރިއާއަށް ފުރައިގެން ގޮސްފައިވަނީ އޭރުގެ ރައީސްގެ އެހީތެރިކަމާއެކު ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ބަޔާންކޮށް ރައީސް އަބްދުﷲ ޔާމީނާ ގުޅޭގޮތުން އެ ކޮމިޝަނުގެ މެންބަރު މިސްބާހު އައްބާސް ދައްކާފައިވާ ވާހަކަތަކަކީ މީހުން އެހެން މީހަކު ގާތު ބުނިކަމަށް އެމީހާ ދެއްކި ކަމަށް ބުނެ ބުނިބުންޏަށް ދައްކާފައިވާ އެއްވެސް އަސްލެއް ނެތް ޔޯލަ ވާހަކަތަކެއް ކަން ހުދު މިސްބާހުގެ ވާހަކައިންވެސް އެނގޭ"
ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ޑރ.މުހައްމަދު ޖަމީލު އަހުމަދު

ޖަމީލު ވިދާޅުވީ ރައީސް ޔާމީނަކީ ކުރިއަށް އޮތް 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްކަމަށްވާއިރު، މިފަދަ ޖިނާއީ ބޮޑު ކުށެއް ތަހުގީގުކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ކޮމިޝަނެއްގެ މެންބަރެއްގެ ގޮތުގައި ހުރެ ޔާމީންއާ ގުޅޭގޮތުން މިފަދަ އަަސްލެއް ނެތް ވާހަކަތަކެއް ބުނި ބުންޏަށް ދެއްކުމަކީ ވަކި ފަރާތަކަށް ސިޔާސީ މަންފާ ހޯދައިދިނުމުގެ ގޮތުން ޔާމީންގެ އަބުރު ކަތިލައި ރައްޔިތުންގެ މެދުފައި އޮތް މަގުބޫލުކަން ކުޑަކުރުމަށްޓަކައި ދުރާލާ ރާވައިގެން މިސްބާހު ހިންގާފައިވާ ވަރަށް ދަށްފަންތީގެ ސިޔާސީ ސްޓަންޓެއް ކަމަށެވެ.

އެހެންކަމުން ޔާމީނުގެ އަބުރު ނަގާލުމަށްޓަކައި މިސްބާހު ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ދައްކާފައިވާތީ ޔާމީންގެ އަބުރު ނަގާލުމުގެ ދައުވާ މިސްބާހުއާ ދެކޮޅަށް ކުރުމަށްޓަކައި މައްސަލައިގެ ދައުވާ ފޯމު މިހާރު ތައްޔާރުކުރުމުންދާ ކަމަށާއި އެކަމުގައި އަޅަންޖެހޭ ގާނޫނީ އެންމެހައި ފިޔަވަޅެއް ލަސްކުރުމެއް ނެތި އަޅަމުންދާނެ ކަމަށް ޖަމީލު ވަނީ ފާހަގަކުރައްވާފައެވެ.