މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ގަދަކަމުން ގެންގޮސް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން ވެސް މަރު ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.
އެ މައްސަލައިގައި މިދިޔަ ޖޫން 26 ގައި ހައްޔަރުކޮށް، މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ:
- އިސްމާއީލް އަބްދުއްރަހީމް (އިސޫ) / މ. ލެގޫންވިއު (30އ)
- އަހްމަދު އިސްމާއީލް (އަހަނދު) / މއ. ފާގަފިލާ (39އ)
- އަހްމަދު މުއާޒް (ގަޓު މުއާ) / ދަފްތަރު އާރުއެސް 8499 (40އ)
ފުލުހުން އޭރު ބުނި ގޮތުގައި އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ، މަރު ކޮމިޝަނުން ތަހްގީގުކުރާ ރިޟްވާނާއި، ބްލޮގަރު ޔާމީން ރަޝީދުގެ މަރުތަކާ ގުޅިގެން "ޖިނާއީ ކުށްތައް ރާވައި ހިންގުމުގައި، އަދި އެ ކުށް ހިންގުމަށް މަގުފަހިކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމަށް ތުހުމަތުކޮށެވެ.
އެ މައްސަލައިގައި ބުރާސްފަތި ދުވަހު މުއާޒް މަރު ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރިއިރު، އިސޫ އާއި އަހަނދު ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރީ ހުކުރު ދުވަހުގައެވެ. ތިން މީހުން ވެސް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ ވަކީލުންގެ ހާޒިރުގައެވެ.
އެ ތިން މީހުންގެ ތެރެއިން އަހަނދަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. ހަމައެހެންމެ ސީރިއާ އާއި ޕާކިސްތާނަށް މީހުން ފޮނުވާ ކަމަށް ފުލުހުން އޭނާއަށް ތުހުމަތު ކުރެއެވެ. އަދި އިސޫ އަކީ ސީރިޔާގެ ހަނގުރާމައަށް ދާން އުޅެނިކޮށް ތުރުކީ ބޯޑަރު ކައިރިން 2015 ވަނަ އަހަރު ހައްޔަރު ކުރި މީހެކެވެ.
އޭގެ އިތުރުން، ރިޟްވާންގެ މައްސަލައިގައި އޭރު އިސޫ ހާޒިރުކޮށް ސުވާލުކުރި ނަމަވެސް، ބޭނުންވާ މިންވަރަށް ހެކި ނެތުމުން އޭނާގެ މައްޗަށް ދައުވާ ކޮށްފައެއް ނުވެއެވެ.
ރިޟްވާން ގެއްލިފައިވަނީ މީގެ ގާތްގަނޑަކަށް އަށް އަހަރު ކުރިން އޮގަސްޓް 8، 2014 ވަނަ ދުވަހުގައެވެ. އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ގަދަކަމުން ގެންގޮސް މަރާލުމަށް ފަހު ކަނޑު ފައްތާލާފައިވާ ކަމަށެވެ.