މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތަކުގައި ފަލަސްތީނުގެ ފަރާތުން އެންމެ އިސްކޮށް ވަކާލާތު ކުރައްވަމުން ގެންދެވި ސާއިބު އުރައިގާތު އަވަހާރަ ވެއްޖެއެވެ.
އުމުރުފުޅުން 65 އަހަރުގެ އުރައިގާތު އަވަހާރަވީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ޝިކާރައަކަށްވެ، އެ ބަލީގައި، މިއަދުއެވެ.
އޮކްޓޯބަރު މަހު ކޮވިޑް-19އަށް ޕޮޒިޓިވްވި އުރައިގާތަށް އޮކްޓޯބަރު މަހުގެ މެދަކާ ހިސާބުން ފެށިގެން ފަރުވާ ދީފައި ވަނީ ގުދުސްގައި އިސްރާއީލުން ހިންގާ ހަދާސާ-ޔުނިވާސިޓީ މެޑިކަލް ސެންޓަރުގައެވެ.
1955 ވަނަ އަހަރު ގުދުސްގެ ދެކުނުގެ ސަރަހައްދަކަށް އުފަންވެވަޑައިގެންނެވި އުރައިގާތު އާންމުންގެ ސަމާލުކަން ހޯއްދެވީ 1991 ވަނަ އަހަރުއެވެ. އެއީ މެޑްރިޑް ޕީސް ކޮންފަރެންސްގައި ފަލަސްތީނުގެ ފަރާތުން ވަކާލާތު ކުރައްވަން ހުންނެވި ނައިބެވެ.
އޭގެ ފަހުން 1992-1993 ވަނަ އަހަރު، އުރައިގާތު ވަނީ އޮސްލޯ އެކޯޑްސް އެކުލަވާލެއްވުމުގައި އިސް ދައުރެއް އަދާ ކުރައްވާފައެވެ.
އުރައިގާތަކީ ފަލަސްތީނުގެ ލީޑަރުންގެ ތެރެއިން، އިސްރާއީލުގެ ޖަލެއްގައި، "ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި" އެންމެ ދުވަހެއްވެސް ހޭދަ ކުރައްވާފައި ނުވާ މަދު ލީޑަރުންގެ ތެރެއިން އެއް ލީޑަރެވެ.
މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތަކުގެ އިސް މުޝީރު ކަމުގެ މަގާމަށް އުރައިގާތު އައްޔަން ކުރެއްވީ 1994 ވަނަ އަހަރު ޕަލަސްތީނިއަން އޮތޯރިޓީ (ޕީއޭ) އުފެއްދެވުމަށްފަހު، ޔާސިރު އަރަފާތުގެ މޭސްތިރިކަމުގެ ދަށުންނެވެ.
އުރައިގާތު ވަނީ އައް-ނަޖާހް ޔުނުވާސިޓީގައި ޕޮލިޓިކަލް ސައެންސް ޕްރޮފެސަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ. އޭގެ އިތުރުން އޭނާ ވަނީ ކޮލަމިސްޓެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.
އުރައިގާތަކީ ޕަލަސްތީނިއަން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ އިސް ޒިންމާތަކެއް އަދާކުރެއްވި ލީޑަރެކެވެ. އަދި ފަތަހަ ސެންޓްރަލް ކައުންސިލްގެ މެމްބަރުކަންވެސް ކުރެއްވިއެވެ. މިއީ ފަލަސްތީނުގައި އެންމެ މުހިންމު 2 މުއައްސަސާއެވެ.
އުރައިގާތަކީ އިސްރާއީލާ އެންމެ ރައްޓެހި ފަލަސްތީނުގެ ލީޑަރު ކަމަށްވެސް ބުނެވިދާނެއެވެ. ކޮވިޑް-19 އަށް އުރައިގާތު ޕޮޒިޓިވްވި ހަބަރާއެކު އިސްރާއީލުގެ އެކި ފަރާތްތަކުންވެސް ވަނީ އުރައިގާތަށް އަވަސް ޝިފާއެއް ލިބުމަށް އެދޭ ކަން ހާމަކޮށްފައެވެ.
މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތައް އަދިވެސް ކޮޅެއްގައި ޖެހިފައި ނުވާއިރު، އުރައިގާތު އަވަހާރަވުމުން އެކަމުގެ އަސަރު، މިމަޝްވަރާތަކަށް ކޮންމެވެސް ސިފައެއް ގައި ކުރާނެއެވެ. އެއީ މަޝްވަރާތައް އަލުން ފެށިއްޖެ ނަމައީހެވެ.