މިއަދު ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކާރިސާއިން އަރައިގަތުމަށް، އެމެރިކާގެ 46 ވަނަ ރައީސް ކަމުގެ މަގާމު ދާދި ދެންމެ އަކު ކަށަވަރު ކުރެއްވި ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަންއާއެކުގައި މަސައްކަތް ކުރެއްވުމުގެ އިންތިޒާރުގައި ހުންނެވި ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިކަން ހާމަ ކުރެއްވީ އެމެރިކާގައި މިހާރު ކުރިއަށްދާ ފޯރިގަދަ ރިޔާސީ ރޭހުގައި، 273 އިލެކްޓޯރަލް ވޯޓާއެކު ކުރިއަށް އޮތް 4 އަހަރު ދުވަހަށް އެމެރިކާގެ ރައީސް ކަމުގެ މަގާމު، ބައިޑަން ކަށަވަރު ކުރެއްވުމުން، އެކަމަށް މަރުހަބާ ވިދާޅުވެ، ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ސޯލިހު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކާރިސާއިން އަރައިގަތުމުގެ އިތުރުން، ދޭދޭ މަސްލަހަތު އެކުލެވޭ މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅުން ހުރި ކަންކަމުގައިވެސް ބައިޑަންގެ ސަރުކާރާއެކު މަސައްކަތް ކުރުމަށް ދިވެހިރާއްޖެ ތައްޔާރަށް އޮތް ކަން ހާމަ ކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ގާނޫނު ހަދާ މަޖިލީހުގެ މިހާރުގެ ރައީސް، މުޙައްމަދު ނަޝީދުވެސް ވަނީ ބައިޑަންއާއި އޭނާގެ ރަނިންގް މޭޓު، ސެނެޓާ ކަމަލާ ހެރިސްއަށް މިއަދު ހެނދުނުގެ ވަގުތެއްގައި މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން ބައިޑަންގެ ސަރުކާރެއްގައި، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކުލަވާލަފައިވާ ޕެރިސް އެގްރީމަންޓްގައި އެމެރިކާއިން ބައިވެރިވާނެ 0ކަމަށް އުއްމީދު ކުރައްވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ހަމަޖެހިފައި އޮންނަ ގޮތުން އިލެކްޓޯރަލް ކޮލެޖުގެ 270 ވޯޓު ކަށަވަރު ކުރައްވާ ކެންޑިޑޭޓަކަށް، ކުރިއަށް އޮތް ހަތަރު ދުވަހުގެ ވެރިކަން ކަށަވަރުވެއެވެ. އެގޮތުން ބައިޑަން މިހާރު ވަނީ އިލެކްޓޯރަލް ކޮލެޖުން 273 ވޯޓު ކަށަވަރު ކުރައްވާފައެވެ. ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ނިކުންނެވި ޓްރަމްޕަށް ކާމިޔާބު ކުރެއްވުނީ 213 ވޯޓެވެ. އިލެކްޓޯރަލް ވޯޓަކީ ވަކިވަކި ސްޓޭޓްތަކުގެ އާބާދީގެ ނިސްބަތުން އެ ސްޓޭޓްތަކަށް ދީފައިވާ ވޯޓުތަކެކެވެ.
ކުރިއަށް އޮތް 4 އަހަރު ދުވަހަށް އެމެރިކާގެ ރައީސް ކަމުގެ މަގާމު، ބައިޑަން ކަށަވަރު ކުރެއްވުމާއެކު އޭނާގެ ރަނިންގް މޭޓް އަދި ކުރީގެ ސެނެޓަރު ކަމަލާ ހެރިސް ވެގެންދާނީ އެމެރިކާގެ ތާރީހު ދުށް ފުރަތަމަ، ކަޅު ނަސްލުގެ އަންހެން ނައިބު ރައީސާއަށެވެ.