ދިރާގުން ހޮސްޕިޓާލިޓީ ސިނާއަތަށް އަމާޒުކޮށްގެން ކޮންމެހެން ބޭނުންވާ މުހިންމު "މިޝަން ކްރިޓިކަލް" ހިދުމަތްތައް އެއް ޕްލެޓްފޯމަކުން ލިބޭނޭ ނިޒާމެއް "އީކޯސިސް" ގެ ނަމުގައި ތައާރަފްކޮށްފިއެވެ.

ދިރާގުން ބުނީ ދިރާގު އީކޯސިސް އަކީ އުފެއްދުންތެރި މުސްތަގުބަލާ ރައްޓެހި ޕްލެޓްފޯމެއް ކަމަށާއި އެ ޕްލެޓްފޯމް ހާއްސަ ކޮށްފައިވަނީ ރެސޯޓްތަކަށް އިތުރު ރައްކާތެރިކަމާއި އޮޕަރޭޝަންސް މެނޭޖްކުރަން ލުއި ފަސޭހަތައް ލިބޭނެ ފަދަ ގޮތަކަށް ކަމަށެވެ.

އެގޮތުން، އީކޯސިސްގައި ހިމެނޭ ހާއްސަކޮށްލެވޭ 5 ހިދުމަތުގެ ތެރޭގައި އަލިފާނުގެ އަސަރު ދެނެގަތުމާއި އޯޑިއޯ ހިދުމަތާއި ޑްރޯން ޑިޕްލޮއިމެންޓް ހިދުމަތުގެ އިތުރުން ހުއްދަނެތި ވަންނަ މީހުން ދެނެގަތުން އަދި ލޮކޭޝަން ބޭސްޑް ހިދުމަތްތައް ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ "އިކޯސިސް" ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ ދިރާގުން ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ މާހިރުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ރިސާޗްތަކާއި އެ ފަރާތްތަކުގެ ލަފަޔާ އެކީގަ ކަމަށެވެ.

އަލިފާނުގެ އަސަރު ދެނެގަތުން

ދިރާގު އީކޯސިސް ފަޔަ ސާވިސް ނުވަތަ އަލިފާނުގެ އަސަރު ދެނެގަންނަ ފަޔަ އެލާމް މޮނިޓަރިން ހިދުމަތަކީ ކަސްޓަމަރުންގެ ނެޓްވޯކާއި، ލޮކޭޝަނާ ގުޅިފައިވާ ހިދުމަތެއް ކަމަށާއި އެހެން ކަމުން އީކޯސިސް ހިދުމަތް ލިބޭ ކޮންމެ ތަނެއްގައި ވެސް އެ ހިދުމަތް ލިބި ލިބި ހުންނާނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ފަޔާ ސާވިސްގެ ޑޭޝްބޯޑުން ފަސޭހަކަމާއެކު ހާދިސާއެއް ހިނގައިގެން އުޅޭ ތަން ހޯދައި އަލިފާން ނިވުމުގެ މަސައްކަތް އަވަހަށް ފެށޭނެ ކަމަށް ދިރާގުން ބުނެއެވެ.

ލޮކޭޝަން ބޭސްޑް ސާވިސަސް

ދިރާގުން ބުނީ ލޮކޭޝަން ބޭސްޑް ސާވިސް މެދުވެރިކޮށް އެއްގަމާއި ކަނޑުގެ ސަރަހައްދުތައް މޮނިޓާ ކުރެވޭނެ ކަމަށާއި ޖީޕީއެސް ޓްރެކިންގް ޑިވައިސް، މޯޝަން ސެންސާ އަދި ސީސީޓީވީ ކެމެރާ ފަދަ ޑިވައިސްތައް މެދުވެރިކޮށް ރަށުގެ އެކި ސަރަހައްދުތައް ޓްރެކްކޮށް މޮނިޓަރަ ކޮށް ހެދޭނެ ކަމަށެވެ. އަދި ލައިވް ފީޑްގެ ރިކޯޑިންގް ހަދާ ފަހުން ބަލާލެވޭނެ ކަމަށެވެ.

އޯޑިއޯ ހިދުމަތް

ދިރާގު އީކޯސިސް ހޮސްޕިޓާލިޓީ ޕްލެޓްފޯމްގައި ތަފާތު ގިނަ ބޭނުންތައް ހިފޭނެ ފަދަ ސައުންޑް ސިސްޓަމެއް އެކުލެވިފައިވާ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން އެ ސައުންޑް ސިސްޓަމް މެދުވެރިކޮށް ޕަބްލިކް އެނައުންސްމަންޓް ހަދާ، ބެކްގްރައުންޑް މިއުޒިކް ޖަހާލާ އަދި ގެސްޓުންނަށް އިން-ރޫމް ޑިވައިސް މެދުވެރިކޮށް ކޮޓަރީގައި ބޭނުން މިއުޒިކެއް ޖަހާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ޑްރޯން ޑިޕްލޮއިމެންޓް ހިދުމަތް

ދިރާގުން ބުނީ ދިރާގު އީކޯސިސް ޕްލެޓްފޯމްގެ އެހެނިހެން ހިދުމަތްތަކާ ގުޅިގެން އެ ޕްލެޓްފޯމުގައި ހިމެނޭ ޑްރޯންގެ ހިދުމަތުން، އެއްގަމާއި ކަނޑުގެ މޮނިޓަރިންނަށް އިތުރު ފަސޭހަކަމެއް ލިބި އެމަޖެންސީ ހާލަތްތައް ދެނެގަންނަށް ފަސޭހަވެގެން ދާނެ ކަމަށެވެ. ޑްރޯން ހިދުމަތުގައި އޮޓޯމެޓިކުން ނޫނިއްޔާ އަމިލައް އަށް ފްލައިޓް ކޮންޓްރޮލް ކުރުމުގެ ނިޒާމު އެކުލެވިގެންވާ ކަމަށާއި އެ ކަމުގެ ސަބަބުން މޮނިޓަރިންގެ ޕްރޮސެސް އަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ހުއްދަނެތި ވަންނަ މީހުން ދެނެގަތުން ނުވަތަ "އިންޓްރޫޑާ ޑިޓެކްޝަން"

"ޖިއޯ ފެންސިން" ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑައެޅިފައިވާ ދިމާލެއްގައި ދަތުރު ކުރާ އުނޅަދުތައް ޓްރެކްކޮށް، ހުއްދަނެތި ވަދެ ނިކުމެ އުޅޭ އުޅަނދުތައް ބަލާ،އެ ފަދަ އުޅަނދެއް ފެނިއްޖެ ނަމަ ވަގުތުން ކަމާބެހޭ ފަރާތްތަކަށް އެކަމާބެހޭ ނޮޓިފިކޭޝަން ފޮނުވައިދޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.

އާ އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، މި ޑިޖިޓަލް ޒަމާނުގައި ވިޔަވާރިތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދުވެސް ދަނީ މަސައްކަތްކުރަމުންނެވެ. ދިރާގުން މިއަދު ތައާރަފު ކުރި ވޫހޫ ފަދަ ސްމާޓް ސޮލިއުޝަންތަކާއި ޕާޓްނާޝިޕް ތަކަކީ އެކަމުގެ ހެއްކެއެއް ކަމަށް ދިރާގުން ބުނެއެވެ.