މިދިޔަ ހުކުރު ދުވަހުގެ ރޭ ތުރުކީވިލާތުގެ އިޒްމީރް ޕްރޮވިންސްއަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން، 65 ގަޑިއިރަށް ފަހު، 3 އަހަރުގެ އަންހެން ކުއްޖަކު ސަލާމަތް ކޮށްފިއެވެ.

މިއަދު ހެނދުނު ސަލާމަތް ކުރި ކުޑަ ކުއްޖާގެ މަންމައާއި އިތުރު 2 މީހަކު މީގެ ކުރިން ސަލާމަތް ކޮށްފައި ވާ ކަން، ތުރުކީވިލާތުގެ ސިއްހަތާ ބެހޭ ވަޒީރު، ފަހުރުއްދީން ކޯޖާ ވަނީ ހާމަ ކުރައްވާފައެވެ. ނަމަވެސް، މި ހާދިސާގައި، މި އަންހެން ކުއްޖާއާ އެއް ބަނޑު އެއްބަފާ ކުއްޖެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށްވެސް ވަޒީރު ވަނީ ހާމަ ކުރައްވާފައެވެ.

ވެއްޓިފައި އިމާރާތްތަކުގެ ދަށުން، 58 ގަޑިއިރަށް ފަހު، 14 އަހަރުގެ އަންހެން ކުއްޖެއްވެސް ވަނީ ސަލާމަތް ކޮށްފައެވެ.

ރެކްޓާ މިންގަނޑުން 7.7 ގެ ބާރުމިނުގައި އައި ބިންހެލުމާއި، އެ ބިންހެލުމާ ގުޅިގެން އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު 80 އަށް ވުރެ މައްޗަށް އަރާފައި ވާއިރު، ޒަހަމްވީ މީހުންގެ އަދަދު ވަނީ 800 އަށްވުރެ މައްޗަށް އަރާފައެވެ.

ތުރުކީވިލާތުގެ ޔުނިވާސިޓީ ހޮސްޕިޓަލެއްގައި އާދީއްތަ ދުވަހު ވަނީ އަލިފާނުގެ ވަރުގަދަ ހާދިސާއެއްވެސް ހިނގާފައެވެ. އިންސިއުލޭޝަން މަސައްކަތްތަކެއް ކުރަމުންދިޔަ ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.