ހއ. ކެލާ ޔޫތް ފޯރަމާއި ހއ. ހޯރަފުށީ ކައުންސިލް ގުޅިގެން ހޯރަފުށީ އެއާޕޯޓުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ކެލާ ޔޫތް ފޯރަމްގެ ރައީސް އާމިރު އުސްމާނު ވިދާޅުވީ، އެހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ކަމަށެވެ. ގާތްގަނޑަކަށް 150 އެއްހާ ގަސް ހަދިޔާ ކޮށްފައިވާއިރު، ގަސް ހޯދާފައިވަނީ ކެލާ ޔޫތު ފޯރަމް ހިންގާ ބޯޑުގެ މެމްބަރުންގެ ގޭގެއިން ކަމަށް އާމީރު ވަނީ ވިދާޅުވެފައެވެ.

ހޯރަފުށީގައި ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން / ފޮޓޯ: ތޫބާ / ހއ. ކެލާ

އެގޮތުން ހަދިޔާކުރި ގަސްތަކުގެ ތެރޭގައި ކަށި ކެޔޮ ގަހާއި ނިކަ ގަހާއި ދެ ބާވަތުގެ ރުކާއި ދުނގެތި އަދި ބަނބުކެޔޮ ގަސް ހިމެނޭ ކަމަށް އާމިރު ވިދާޅުވިއެވެ.

ހޯރަފުށީގައި ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން / ފޮޓޯ: ތޫބާ / ހއ. ކެލާ

އާމިރު ވިދާޅުވީ އެހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ތިމާވެށި ހިމާޔަތްކުރުމުގެ މަގުސަދުގައި ކަމަށެވެ.

ހޯރަފުށީގައި ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން / ފޮޓޯ: ތޫބާ / ހއ. ކެލާ

ހޯރަފުށީގައި ތަރައްގީ ކުރާ އެއާޕޯޓު އަންނަ މަހުގެ 11 ވަނަ ދުވަހަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ބުނެފައެވެ.

ހޯރަފުށި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ތަރައްގީ ކުރާނެއެވެ. އެ އެއާޕޯޓު ތަރައްގީ ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި 842،200 ކިއުބިކް މީޓަރުގެ ބިން ވެސް ވަނީ ހިއްކައިފައެވެ.

އޭގެ އިތުރުން ޓެކްސީވޭ އަކާއި، ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް އެ މަޝްރޫއުގެ ދަށުން ހަދާނެއެވެ. އެ މަޝްރޫއަށް 198 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ލަފާ ކުރެއެވެ.