ޗައިނާގެ ސަރުކާރާއެކު ސްރީލަންކާއިން ދަމަހައްޓާ ގުޅުންތަކާ މެދު، އުނދަގޫ، އެހެންނަމަވެސް ކޮންމެހެން ހިޔާރު ކުރަންޖެހޭ ކަންތައްތަކެއް ލަންކާއިން ހިޔާރު ކުރަން ޖެހޭނެ ކަމަށް އެމެރިކާއިން އެންގި އެންގުމަކީ "ބުލީ" ނުވަތަ ހަނގާ ކުރުން ކަމުގައި ސިފަކޮށް، އެކަން އެހެން ނުކުރުމަށް، ދުނިޔޭގެ އެންމެ ނުފޫޒު ގަދަ މަގާމަށް ކަޅިއަޅަމުން އަންނަ ޗައިނާއިން އެމެރިކާއަށް ގޮވާލައިފިއެވެ.

ސްރީލަންކާ އަށް "ބުލީ" ނުކުރުމަށް ޗައިނާއިން ގޮވާލާފައި މިވަނީ، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ، އޭޝިއާ ދަތުރުގެ ތެރެއިން ލަންކާއަށް ދަތުރު ކުރައްވާ ދަނޑިވަޅެއްގައެވެ. ޗައިނާއިން މިކަމަށް ގޮވާލާފައި ވަނީ، ޕޮމްޕޭއޯ ލަންކާއަށް ފައިބާވަޑައިގަތުމުގެ ކުރިންނެވެ. ރޭގެ ވަގުތެއްގައި ޕޮމްޕޭއޯ ވަނީ ލަންކާއަށް ވަޑައިގެންފައެވެ.

ޕޮމްޕޭއޯގެ އޭޝިއާ ދަތުރަކީ، މި ސަރަހައްދުގެ ގައުމުތަކަށް ޗައިނާއިން ފޯރުވަމުންދާ ނުފޫޒު ކުޑަ ކުރުމުގެ އެޖެންޑާގެ ދަށުން ކުރައްވާ ދަތުރެއް ކަމަށް ބަހުސް ކުރެވެއެވެ.

ކޮޅުނބުގައި ހުންނަ ޗައިނާގެ އެމްބަސީއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މިދަނޑިވަޅުގައި ޕޮމްޕޭއޯގެ ދަތުރުގެ ބޭނުން ހިފައިގެން، ޗައިނާއާއި ލަންކާގެ ގުޅުމަށް ނުފޫޒު ފޯރުވުމަށް އެމެރިކާއިން ހޯދަމުންދާ ފުރުސަތާ ޗައިނާއިން ކަނޑައެޅިގެން ދެކޮޅު ކަމަށެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގްގެ 'ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް' ގެ ދަށުން ތަރައްގީގެ ނަމުގައި މުޅި ދުނިޔޭގައި ހިންގަމުންދާ މަޝްރޫއުތަކުގެ ތެރެއިން، ޗައިނާއިން މިހާރުވެސް ވަނީ އުމްރާނީ މަޝްރޫއުގެ ނަމުގައި ލަންކާގައި އެތައް ބިލިއަން ޑޮލަރެއް އިންވެސްޓް ކޮށްފައެވެ.

ޗައިނާ އެމްބަސީއިން ބުނީ ލަންކާއާއި ޗައިނާގެ ގުޅުމަކީ 2000 އަހަރު ކުރިންވެސް އޮތް ގުޅުމެއް ކަމަށާ، މި ގުޅުމުގެ މާއްދާތައް ކިޔައިދޭން 3 ވަނަ ފަރާތެއް ބޭނުން ނުވާ ކަމަށެވެ.

ޕޮމްޕޭއޯގެ އޭޝިއާ ދަތުރުގައި ހިމެނޭ ލަންކާއާއި ދިވެހިރާއްޖޭގެ ލެގަކީ ޗައިނާއަށް ބޮޑުތަނުން ދަރާފައިވާ ކުދި ޖަޒީރާ ގައުމުތަކުގައި އޮތް ޗައިނާގެ އިގުތިސޯދީ ތަސައްވުރާ ދެކޮޅަށް އެމެރިކާއިން އެޖެންޑާ ފެތުރުމަށް ހިމަނާފައިވާ މަންޒިލްތަކެއް ކަމަށް ބުނެވެއެވެ.

ޕޮމްޕޭއޯގެ ދަތުރަށް ފެއްޓެވުމުގެ ކުރިން، އެމެރިކާ ހާރިޖިއްޔާގެ އޮފިޝަލެއް ކަމަށްވާ ޑީން ތޮމްސަން ވަނީ، ދިގު މުއްދަތުގެ ރާސްތާގައި ލަންކާގެ އިގުތިސޯދީ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި ލަންކާއިން އުނދަގޫ ނިންމުންތަކެއް ނިންމަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޕޮމްޕޭއޯގެ ދަތުރާ ދިމާކޮށް، ލަންކާގެ ބުދިސްޓޫ ފާދިރީން ވަނީ، އެ ގައުމުގައި ހުންނަ އެމެރިކާގެ އެމްބަސީ ކުރިމަތީގައި މުޒާހަރާކޮށްފައެވެ.

ޕޮމްޕޭއޯ ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސައާ، ހާރިޖީ ވަޒީރު ދިނޭޝް ގުނަވަރުދަނާއާ ވަކިވަކީން ބައްދަލުކުރެއްވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. މީގެ އިތުރުން 2019 ވަނަ އަހަރުގެ އޭޕްރިލް މަހު، ޓެރަރިސްޓުންގެ ވަރުގަދަ ހަމަލާއެއް އަމާޒުވި ކޮއްޗިކަޑެ ޗާޗަށްވެސް ޕޮމްޕޭއޯ ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ. އޭޝިއާ ދަތުރުގެ ލަންކާ ލެގް ނިންމަވާލެއްވުމަށްފަހު ޕޮމްޕޭއޯ ލަންކާއިން ރާއްޖެއަށް ފުރާވަޑައިގަންނަވާނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.