އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ނުވަތަ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ، ޓައިވާނަށް ވަޑައިގެންފިނަމަ، ހިމެނޭނުން ނޯންނާނެ ކަމަށް ޗައިނާގެ އަސްކަރިއްޔާއިން އިންޒާރު ކޮށްފިއެވެ.

ކުރިއަށް އޮތް ހަފުތާކުގެ ތެރޭގައި ޕެލޯސީ ޓައިވާނަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާ ކަމުގެ އަޑުތައް ފެތުރިފައި ވާ އިރު، ޗައިނާއިން ހޯމަ ދުވަހު ވަނީ، އެ ދަތުރުގެ "ނަތީޖާ ސީރިއަސް" ވާނެ ކަމަށް އިންޒާރު ކޮށްފައެވެ.

އެމެރިކާގެ ވެރިކަމުގެ ނިޒާމް ރޭވިފައި އޮންނަ ގޮތުން ގައުމުގެ ރައީސް ކަމުގެ މައްސޫލިއްޔަތުތައް އުފުއްލަވަން ޖެހިވަޑައިގަންނަވާ ސަފުގެ 2 ވަނަ މަގާމު ފުރުއްވަމުން ގެންދަވާ ޕެލޯސީ ވެވަޑައިގަންނަވާނީ، 1997 ވަނަ އަހަރަށްފަހު ޓައިވާނަށް ވަޑައިގަންނަވާ އެމެރިކާގެ އެންމެ އިސް އޮފިޝަލަށެވެ.

އަމިއްލަ ވެރިކަމެއް އޮންނަ ޓައިވާނަކީ ޗައިނާއިން ގަބޫލު ކުރާ ގޮތުގައި އެ ގައުމުން ވަކިވެގަނެގެން އުޅޭ ބައެކެވެ. އަދި ކޮންމެވެސް ދުވަހަކުން ޗައިނާގެ މައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އަންނާނެ ސަރަހައްދެކެވެ. އެ ކަން ހާސިލު ކުރުމަށްޓަކާ އަސްކަރީ ބާރުގެ ބޭނުން ނުކުރާނެ ކަމަށްވެސް ޗައިނާއިން ދުވަހަކުވެސް ނުބުނެއެވެ.

ޕެލޯސީގެ ޓައިވާން ދަތުރަށް އޮތް ހަމައެކަނި ހުރަހަކީ ޗައިނާއެއް ނޫނެވެ. ހުދު އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުންވެސް ދަނީ އެ ދަތުރައިގެން ކުރިއަށް ވަޑައިނުގަތުމަށް ޕެލޯސީއަށް އިރުޝާދު ދެއްވަމުންނެވެ.

ޓައިވާން ދަތުރައިގެން ޕެލޯސީ ވަޑައިގެންނެވުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށް އެމެރިކާ އަސްކަރިއްޔާއިން ބުނާ ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ވައިޓްހައުސް އިން ވަނީ، ޗައިނާގެ ވާހަކަތަކަކީ ބޭކާރު ވާހަކަތަކެއް ކަމަށް ސިފަ ކޮށްފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އެއްވެސް ދަތުރެއްގެ ވާހަކަ ޕެލޯސީ އަދި ހާމަ ކުރައްވާފައި ނުވާ ކަމަށާ، ޓައިވާންއާ މެދު އެމެރިކާގެ ރައުޔު އަދި ބަދަލު ނުވާ ކަމަށެވެ.

އެމެރިކާގެ އާންމުންނާއި ގާނޫނު ހަދާ މަޖިލީހުގައި ޓައިވާންއަށް ބޮޑު ތާއީދެއް އޮންނައިރު، ގާނޫނު ހަދާ މަޖިލީހުގައި އޭނާ ހޭދަ ކުރެއްވި 35 އަހަރުގެ ދިގު ތާރީހުގައި، ޕެލޯސީއަކީ ޗައިނާއަށް ފާޑުވިދާޅުވި ސިޔާސީ ޝަހްސެކެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޕެލޯސީގެ ޓައިވާން ދަތުރު އެންމެ ފުރަތަމަ ތާވަލު ކުރެއްވީ އޭޕްރިލް މަހަށެވެ. ނަމަވެސް އެ ދަތުރު ފަސް ކުރެއްވީ، ކޮވިޑް-19އަށް ޕޮޒިޓިވްވެޑައިގަތުމުންނެވެ.

ދަތުރާ ބެހޭ ތަފްސީލުތައް ހާމަ ކުރެއްވުމަށް ޕެލޯސީ ވަނީ އިންކާރު ކުރައްވާފައެވެ. ނަމަވެސް ޓައިވާނަށް އެމެރިކާގެ ތާއީދު އޮތްކަން ހާމަކޮށްދިނުން މުހިންމު ކަމަށް ޕެލޯސީ ވަނީ ހުސްވި ހަފުތާ ތެރޭގައި ވިދާޅުވެފައެވެ.

ޓައިވާންއާއި އެމެރިކާގެ ސަރުކާރުގެ ގުޅުމަކީ ޗައިނާއަށް ހަޖަމް ކުރެވޭ ވަރުގެ ގުޅުމެއް ނޫނެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ 6 މެންބަރަކު ވަނީ އޭޕްރިލް މަހުވެސް ޓައިވާނަށް ވަޑައިގެންފައެވެ.

ޕެލޯސީގެ ދަތުރައިގެން އޭނާ ކުރިއަށް ވަޑައިގެންފިނަމަ ޗައިނާއިން ސާބިތު ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު، އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާޏު ޝާއޯ ލީޖިއާންވެސް ވަނީ ދެއްވާފައެވެ. އަދި އެކަމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭޏެ ބަޔަކީވެސް އެމެރިކާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ދިފާއީ ވުޒާރާގެ މަސްދަރަކާ ހަވާލާދީ ބީބީސީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ޕެލޯސީގެ ދަތުރާ ގުޅިގެން އަސްކަރީ ރައްދެއް އައުންވެސް އެކަށީގެންވެއެވެ.

ޗައިނާގެ ފަސްގަނޑުން ބޭރުގައި އެ ގައުމުގެ އަސްކަރިއްޔާއަށް "ހާއްސަ އަސްކަރީ އޮޕަރޭޝަން" ހިންގުމުގެ ހުއްދަ ދެނިވި އާ ގަވައިދުގައި ޗައިނާގެ ލީޑަރު ޝީ ޖީންޕިންގް ވަނީ މިދިޔަ ޖޫން މަހު ސޮއި ކުރައްވާފައެވެ. ހަނގުރާމައިގެ އިމުން ބޭރުން އަސްކަރީ ހާއްސަ އޮޕަރޭޝަން، ޗައިނާގެ ފަސްގަނޑުން ބޭރުގައި ހިންގުމުގެ ފުރުސަތު، ޗައިނާގެ އަސްކަރިއްޔާއަށް ތަނަވަސްކޮށްދެނިވި އާ ގަވައިދުގައި ޝީ ސޮއި ކުރައްވާފައި ވާ އިރު، ސޮލޮމަން އައިލަންޑްސްއާއެކު ޗައިނާއިން ސަލާމަތާ ބެހޭ އެއްބަސްވުމެއް އެކުލަވާލީ އޭގެ މަދު ހަފުތާކޮޅެއް ކުރިން ކަން ފާހަގަ ކުރަން ޖެހެއެވެ.

ޗައިނާގެ އެ ފިޔަވަޅަކީ، ޒަމާނުއްސުރެ އެ ސަރަހައްދެއްގެ ފުރިހަމަ މިލްކުވެރިކަމަށް ޗައިނާއިން ވަކާލާތު ކުރަމުން ދާ ޓައިވާންގެ ކޮންޓްރޯލް ނެގުމަށް އެ ގައުމުން ތަނަވަސް ކުރަމުން ދާ މަގުތަކެއް ކަމަށް ތަހުގީގީ ނޫސްވެރިކަން ކުރާ ރިޕޯޓިކާއިން ވަނީ ތުހުމަތު ކޮށްފައެވެ.

6 ބާބެއްގެ މައްޗަށް އެކުލެވޭ އެ ގަވައިދުގެ މައިގަނޑު މަގުސަދަކީ ޗައިނާގެ ގައުމީ އިސްތިގުލާލާއި، ސަރަހައްދީ ހަމަޖެހުން ކަށަވަރުކޮށް، ރެގިއުލޭޝަން ހަރުދަނާ ކުރުމުގެ އިތުރުން ހަނގުރާމަ ނޫން، އަސްކަރީ އޮޕަރޭޝަންތައް ތަންފީޒު ކުރުން ކަމަށް މައުލޫމާތު ލިބެއެވެ.

ޗައިނާއިން ވަނީ ޓައިވާންގެ މައްސަލާގައި އެމެރިކާއިން އަމަލު ކުރާ ގޮތެއްގެ ސަބަބުން، ހަނގުރާމައަކާވެސް ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ. ޓައިވާން މިނިވަން ކުރާނަމަ އެ ކަމާ ދެކޮޅަށް ޗައިނާގެ އަސްކަރިއްޔާއިން ކުރިމަތިލުމަކަށް ނުކުންނާނީ، ޗައިނާގެ ގައުމީ އިސްތިގުލާލާއި ސަރަހައްދީ ނަޒާހާތްތެރިކަމުގެ ދިފާއުގައި ކަމަށް އެ ގައުމުން ބުނެއެވެ.

މި ފަހަކަށް އައިސް ޗައިނާގެ އަސްކަރީ އުޅަނދުތައް ޓައިވާން ސަރަހައްދުން އާދަޔާ ހިލާފު ގިނައިން ދަތުރު ކުރުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

ޗައިނާއާއި ޓައިވާންގެ ގުޅުމުގެ ހިތި މާޒީއަށް ބަލާއިރު، ޗައިނާއާއި ޓައިވާން ބައި ކުރީ 1940ގެ އަހަރުތަކުގައި ކުރި ދާހިލީ ހަނގުރާމައިގެ ތެރޭގައެވެ. ނަމަވެސް ޗައިނާ ސަރުކާރުން ދަނީ ޓައިވާންގެ މިލްކުވެރިކަން ދޫކުރުމަށް އިންކާރު ކުރަމުންނެވެ. ޓައިވާންގައި އަމިއްލަ ގާނޫނު އަސާސީއެއް އޮވެއެވެ. ޑިމޮކްރަޓިކް އުސޫލުގެ ތެރެއިން އިންތިހާބު ކުރާ ލީޑަރުން ތިއްބައެވެ. ޓައިވާންގެ އަސްކަރީ ފައުޖުގައި އެކްޓިވްކޮށް 3 ލައްކައެއްހާ ސިފައިން ހަރަކާތްތެރިވެއެވެ.