ޗައިނާގެ ބާރުގެ ދަށުގައި އޮތް ޓައިވާން މިނިވަން ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފި ކަމުގައި ވަނީނަމަ، ޗައިނާ ސަރުކާރުގެ އަސްކަރިއްޔާއިން ފިޔަވަޅު އަޅާނެ ކަމަށް ބުނެ، ޗައިނާއިން އެމެރިކާއަށް ހަނގުރާމައެއްގެ އިންޒާފު ދީފިއެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަދި ހަތުރުވެރި ދެ ގައުމުގެ ގޮތުގައި އޮތް އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިންއާއި ޗައިނާގެ ދިފާއީ ވަޒީރު ވެއި ފެންގްހީ ވަނީ، ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 19 ވަނަ ޝަންގްރިއްލާ ޑައެލޮގްސްގެ ހަވާސާގައި ބައްދަލުކުރައްވާ، މަޝްވަރާ ކުރައްވާފައެވެ.

ޗައިނާގެ މައި ސަރުކާރުން ޓައިވާން ވަކި ކުރުމަކީ، އެކަމާ ދެކޮޅަށް ޗައިނާގެ އަސްކަރިއްޔާއިން ކުރިމަތިލުމަކަށް ނުގޮސްނުވާނެ ފަދަ ކަމެއް ކަމަށް ވެއި ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ އަސްކަރީ ހަރަކާތްތަކަކީ ޖެއްސުން ކުރުވާ އަދި ހަމަޖެހުން ނަގާލަނިވި ހަރަކާތްތަކެއް ކަމަށް އޮސްޓިން ވަނީ ސިފަ ކުރައްވާފައެވެ. ޓައިވާން ސަރަހައްދުން ޗައިނާ އަސްކަރިއްޔާގެ ގިނަ އުޅަނދުތަކެއް އުދުހެމުން ދާއިރު، އެއީ ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް އުނިކަން ލިއްބާ ކަމެއް ކަމަށް އޮސްޓިން ވަނީ ވިދާޅުވެފައެވެ.

ޓައިވާން މިނިވަން ކުރާނަމަ އެ ކަމާ ދެކޮޅަށް ޗައިނާގެ އަސްކަރިއްޔާއިން ކުރިމަތިލުމަކަށް ނުކުންނާނީ، ޗައިނާގެ ގައުމީ އިސްތިގުލާލާއި ސަރަހައްދީ ނަޒާހާތްތެރިކަމުގެ ދިފާއުގައި ކަމަށް އެ ގައުމުން ބުނެއެވެ.

އެމެރިކާއިން ވަނީ ޓައިވާންގެ މިނިވަންކަމަކީ އެމެރިކާއިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. ނަމަވެސް ޓައިވާންއަށް އެންމެ ފުޅާ ދާއިރާއެއްގައި އަސްކަރީ އެހީ ފޯރުކޮށްދެމުންދާ ގައުމަކީ އެމެރިކާކަން ފާހަގަ ކުރަން ޖެހެއެވެ. އަދި ބާރުގެ ބޭނުން ކޮށްގެން އެއްވެސް ކަމެއް ހައްލު ނުކުރަން ނުއުޅުމަށްވެސް އޮސްޓިން ވަނީ ބާރު އަޅުއްވާފައެވެ.

ޗައިނާއާއި ޓައިވާންގެ ގުޅުމުގެ ހިތި މާޒީއަށް ބަލާއިރު، ޗައިނާއާއި ޓައިވާން ބައި ކުރީ 1940ގެ އަހަރުތަކުގައި ކުރި ދާހިލީ ހަނގުރާމައިގެ ތެރޭގައެވެ. ނަމަވެސް ޗައިނާ ސަރުކާރުން ދަނީ ޓައިވާންގެ މިލްކުވެރިކަން ދޫކުރުމަށް އިންކާރު ކުރަމުންނެވެ. ޓައިވާންގައި އަމިއްލަ ގާނޫނު އަސާސީއެއް އޮވެއެވެ. ޑިމޮކްރަޓިކް އުސޫލުގެ ތެރެއިން އިންތިހާބު ކުރާ ލީޑަރުން ތިއްބައެވެ. ޓައިވާންގެ އަސްކަރީ ފައުޖުގައި އެކްޓިވްކޮށް 3 ލައްކައެއްހާ ސިފައިން ހަރަކާތްތެރިވެއެވެ.

ކަން މިހެން އޮތް ނަމަވެސް، ވަކި ގައުމެއްގެ ގޮތުގައި ޓައިވާން ބަލައިގެންފައިވަނީ ބައިނަލްއަގުވާމީ މުޖުތަމައުގެ މަދު ބައިވެރިން ކޮޅެކެވެ. ގިނަ ގައުމުތަކަކުން ބަލައިގެންފައި ވަނީ ބެއިޖީންގްގައި އޮންނަ ޗައިނާގެ މައި ސަރުކާރެވެ. އެމެރިކާއާއި ޓައިވާނާ ދެމެދު ރަސްމީ އެއްވެސް ގުޅުމެއް ނޯވެއެވެ.