ޖާސޫސް ކުރުމުގެ ކުށުގައި އުމުރުން 78 އަހަރުގެ އެމެރިކާ ރައްޔިތަކު އުމުރަށް ޖަލަށް ލުމަށް ޗައިނާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
ހޮންގްކޮންގުގައި ދާއިމީ ކޮށް ދިރިއުޅެމުން އަންނަ ޖޯން ޝިންގް-ވަން ލިއުންގް ޖަލަށް ލީ މިދިޔަ ހޯމަ ދުވަހުއެވެ.
ދެކުނުއިރުމަތީގެ ސިޓީއެއް ކަމަށްވާ ސޫޒޫގެ ކޯޓަކުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ޗައިނާގެ ކައުންޓާ އިންޓެލިޖެންސް އެޖެންސީގެ ލޯކަލް ބިއުރޯއަކުން ލިއުންގް އެ ސިޓީން ހައްޔަރުކުރީ މީގެ ދެ އަހަރު ކުރިން ކަމަށް އެ ކޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.
ވީޗެޓް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ޝާއިއުކޮށްފައިވާ އިންޓަމީޑިއޭޓް ޕީޕަލްސް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ މައްޗަށް ޖާސޫސް ކުރުމުގެ ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށެވެ.
ލިއުންގް ހައްޔަރުކުރިއިރު އޭނާ ދިރިއުޅެމުން ދިޔައީ ކޮންތާކު ކަމެއް ސާފެއް ނުވެއެވެ.
ބެއިޖިންގައި ހުންނަ އެމެރިކާ އެމްބަސީގެ ތަރުޖަމާނަކު ބުނީ އެމެރިކާއިން ބޭރުގައި ދިރިއުޅެމުންދާ އެމެރިކާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ޑިޕާޓްމަންޓް އޮފް ސްޓޭޓް އިން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށެވެ.
ޗައިނާގެ ޖާސޫސީ ގާނޫނުގެ ދާއިރާ ފުޅާކޮށްދޭ އާ ގާނޫނަކަށް އަންނަ ޖުލައި މަހު އަމަލުކުރަން ފަށާނެއެވެ. އެ ގާނޫނުގެ ދަށުން ގައުމީ ސަލާމަތާ ގުޅުން ހުރިކަމަށް ކަމާބެހޭ ފަރާތްތަކުން ދެކޭ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެވޭނެއެވެ.
މިކަމުގެ ސަބަބުން، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި 2018 ވަނަ އަހަރު ޗައިނާއާ ދެކޮޅަށް ވިޔަފާރީގެ ހަނގުރާމައެއް ފެށުމަށްފަހު ހީނަރުވި ޗައިނާ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން އިތުރަށް ހީނަރުވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.
ޓައިވާނާއި، ޗައިނާއިން ދެކުނު ޗައިނާ ކަނޑުގެ އަސްކަރިއްޔާ ގެނައުމާއި، ކޮވިޑުގެ އަސްލު ފަދަ އެކި މައްސަލަތަކުގައި ޗައިނާ އަދި އެމެރިކާގެ ކުރިމަތިލުންތައް ދަނީ ހިނގަމުންނެވެ.
މީގެ އިތުރުން މިދިޔަ ފެބްރުއަރީ މަހު އެމެރިކާއިން ޗައިނާގެ ޖާސޫސީ ބެލޫނެއް ވައްޓާލުމުން ވެސް ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.