ކ. ކާށިދޫން އެއްވެސް ތަނަކަށް ކޭބަލް ކާރު އެޅުމަކީ ވާނެ ކަމެއް ނޫން ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް އެހެން ވިދާޅުވެފައި ވަނީ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ޖާބިރު ވަނީ، ކޭބަލް ކާރު އަޅަން ހުށަހެޅުމުން ދައުލަތުން އެ މަޝްރޫއުއަށް އެއްބާރުލުން ނުދެނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ކޭބަލް ކާރު މަޝްރޫއަކީ އެއްގޮތަކަށް ވެސް ކުރެވޭނެ އަދި ކުރަން ހެޔޮވާވަރުގެ ވެސް ކަމެއް ނޫން ކަމަށެވެ. އަދި އެއީ ހަމަ ބުއްދީގައި ހުންނަވައިގެން ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާއި އަދި ވާނެ ކަމެއް ކަމަށް ވެސް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

އަޅުގަނޑު ގަބޫލެއް ނުކުރަން އެއްގޮތަކަށް ވެސް ކާށިދޫއިން އެއްވެސް ތާކަށް ކޭބަލް ކާރު އެޅުން އެއީ ފީސިބަލް ކަމެއް ގޮތުގައި. ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭ މިޒާތުގެ ވާހަކަ ކިތަންމެ ބާރަށް ދެއްކި ކަމުގައި ވިޔަސް، އެއީ ވާނެ ކަމެއް ނޫންކަން. އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ ވާނެ ކަމެއް ކަމަށް، އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ކަމުގައި ވެސް
މިނިސްޓަރު މުހައްމަދު އަސްލަމް

ކ. ކާށިދޫ އާއި ކ. ގާފަރު ކޭބަލް ކާރުން ގުޅާލުމަކީ މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ޖާބިރު ވެވަޑައިގެންނެވި ވައުދެކެވެ. ބައެއް ފަރާތްތަކުން އެ ވައުދަށް ޖޯކު ޖެހި ނަމަވެސް ޖާބިރު ވިދާޅުވަމުން ގެންދެވީ އެ ވައުދު އެމަނިކުފާނު ފުއްދަވާނެ ކަމަށެވެ.

ޖާބިރު ވިދާޅުވެފައި ވަނީ، އެ މަސައްކަތް ކުރުމުން ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ދާނެ ކަމަށެވެ.