ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ގޮތުގައި އޮތް އެމެރިކާގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެންމެ ނުފޫޒުގަދަ 2 ވަޒީރުން ކަމަށްވާ ހާރިޖީ ވަޒީރާއި ދިފާއީ ވަޒީރު، ދާދި ދެންމެއަކު އިންޑިއާއަށް ވަޑައިގެންފިއެވެ.

އިންޑިއާއާއި އެމެރިކާގެ ޒަމާންވީ ބަދަހި ގުޅުމުގެ ތެރެއިން ކުރިއަށް ގެންދާ "2+2"ގެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯއާއި ދިފާއީ ވާޒިރު މާކް އެސްޕާ އިންޑިއާއަށް ވަޑައިގަތީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ 2 ވަޒީރުންނަށް އިންޑިއާގެ ޓްރައި-ސާވިސަސް ގާޑުން ވަނީ، ރައިސީނާ ހިލްސްގެ ސައުތު ބްލޮކްގައި ޝަރަފުގެ ގާޑެއް އަރުވާފައެވެ.

މި ދަނޑިވަޅަކީ އެމެރިކާގެ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވުމުގެ އިތުރުން، އާންމު-އަދުއްވުގެ ގޮތުގައި އޮތް ޗައިނާއާއި އިންޑިއާ ދެމެދު، ބޯޑަރު މައްސަލަވެސް އިންތިހާއަށް ހޫނުވެފައިވާ ދަނޑިވަޅެއްކަން ފާހަގަކުރަންޖެހެއެވެ.

އަންގާރަ ދުވަހު ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައި ވާ 3 ވަނަ "2+2"ގެ މަޝްވަރާތަކުގައި އިންޑިއާ ތަމްސީލު ކުރައްވާނީ ދިފާއީ ވަޒީރު ރާޖުނާތު ސިންހް އަދި ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު ކަމަށް މައުލޫމާތު ލިބެއެވެ. މިމަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުވާނީ ދޭދޭ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގޮތުން މިއަދު ކުރިމަތިލާންޖެހިފައި ވާ މައްސަލަތަކުގެ މައްޗަށް ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން، ސޮއި ނުކުރެވި ދިގުލާފައިވާ ބޭސިކް އެކްސްޗޭންޖް އެންޑް ކޯޕަރޭޝަން އެގްރީމަންޓް (ބެކާ)ގައިވެސް ކުރިއަށް އޮތް 48 ގަޑިއިރެއްހާއިރު ތެރޭގައި ސޮއިކުރެވޭނެ ކަމަށް ބެލެވެއެވެ. މައިގަނޑު ގޮތެއްގައި އަމާޒު ވަނީ ޖިއޮސްޕޭޝަލް އިންޓެލިޖަންސްއަށެވެ. މިއީ ޖިއޮގްރަފީ ގޮތުން ގައުމު އޮންނަ ސަރަހައްދުން ޖާސޫސީ މުހިންމު މައުލޫމާތު ފޯރުކޮށްދިނުމަށް ބާރު ދެނިވި ނުކުތާއެކެވެ. ދިފާއީ ބޭނުންތަކަށްޓަކައި ޗާޓުތަކާ، ސެޓެލައިޓް ފޮޓޯޓައް ހިއްސާކުރެވޭނެއެވެ. އިންޑިއާއަކީ އެމެރިކާގެ "ދިފާއީ ބައިވެރިއެއް" ކަމަށް އެ ގައުމުން ކަނޑައެޅީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.

ޕޮމްޕޭއޯއާއި އެސްޕާ މިހާރު އިންޑިއަށް ކުރައްވަމުން ގެންދަވާ ރަސްމީ ޒިޔާރަތުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއިވެސް ބައްދަލުކުރައްވާނެއެވެ.

"2+2"ގެ މަޝްވަރާތަކުގެ ފުރަތަމަ ބުރުގެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ. 2 ވަނަ ބުރުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ، މިދިޔަ ޑިސެމްބަރު މަހު، އެމެރިކާގެ ވޮޝިންގްޓަންގައެވެ.

ބެކާގައި ސޮއިކުރުމާއެކު އެމެރިކާއިން ތަރައްގީ ކޮށްފައިވާ ޖިއޮސްޕޭޝަލް އިންޓެލިޖެންސާއި، މިސައިލްއާއި ހަތިޔާރުއެޅި ޑްރޯން ފަދަ އޮޓޮމެޓިކަ ހަތިޔާރުގެ އަމާޒު ކަށަވަރު ކުރުމަށް އިންޑިއާއަށް ފުރުސަތު ހުޅުވޭނެއެވެ. ބިމުގެ ސަތަހަ ފެތުރިފައިވާ ގޮތުގެ ތަސްވީރާއި، އެރޯނޮޓިކަލް ޑޭޓާގެ އިތުރުން ނިޔެމިކަމާ އަމާޒު ދެނެގަތުމާ ގުޅޭ މުހިންމު މައުލޫމާތުވެސް އިންޑިއާއަށް ލިބޭނެއެވެ.

އެމެރިކާގެ ވަޒީރުންގެ މަޖިލީހުގެ މަތީ ފެންވަރުގެ ވަފުދުން އޭޝިއާގެ ބައެއް ގައުމުތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ އިންޑިއާ ލެގް ނިންމަވާ ލެއްވުމަށްފަހު މި ބޭފުޅުން ދެން ވަޑައިގަންނަވަނީ، ދެކުނު އޭޝިއާ ސަރަހައްދުގައި ޗައިނާއިން މިހާރު އެންމެ ބޮޑު ނުފޫޒެއް ފޯރުވަމުންދާ ސްރީލަންކާއަށެވެ. ސްރީލަންކާގެ މަޝްވަރާތައް ނިންމަވާލެއްވުމަށްފަހު، މިމަހުގެ 28 ވަނަ ދުވަހު، ޕޮމްޕޭއޯ ރާއްޖެ ވަޑައިގަންނަވާނެއެވެ. ރާއްޖެއަށް ވަޑައިގެން ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާވެސް ޕޮމްޕޭއޯ ބައްދަލު ކުރައްވާނެ ކަމަށާ، މި ދަތުރުފުޅުގައި ވަރަށް ހާއްސަ ކަމެއް ޕޮމްޕޭއޯ އިއުލާންކުރައްވާނެ ކަމަށް އެމެރިކާގެ ހާރިޖިއްޔާއިން މައުލޫމާތުދެއެވެ.